އެމްޑީޕީގެ ޕްރައިމަރީ ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އޭޖީ ކޯޓަށް

އެޓާނީ ޖެނެރަލް މުހައްމަދު އަނިލް -- ސަންފައިލް ފޮޓޯ

މިއަދު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނުބޭއްވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެޓާނީ ޖެނެރަލް އޮފީހުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން އެ މައްސަލާގައި ދައުވާކޮށްފައި ވަނީ އެމްޑީޕީއާ ދެކޮޅަށެވެ. އަދި އެ މައްސަލައާ މެދު ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ޕްރައިމަރީ ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް ވަނީ އެދިފައެވެ.

އެ މައްސަލަ ހުށަހެޅިފައިވާކަން ސިވިލް ކޯޓުން ވަނީ ކަށަވަރުކޮށްދީފައެވެ.

އެމްޑީޕީގެ ޕްރައިމެރީ ގާނޫނާ ހިލާފަށް ބާއްވާ ނަމަ ހުއްޓުވައި ދިނުމަށް އެދި އިލެކްޝަނުން އިއްޔެ ވަނީ ފުލުހުންނާއި ހޯމް މިނިސްޓްރީއަށްވެސް ސިޓީއެއް ފޮނުވާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ހަފްތާއެއް ކުރިން ވަނީ އެމްޑީޕީ ޕްރައިމެރީއާ ގުޅިގެން އެންގުންތަކެއް އަންގައި އެޕާޓީއަށް ސިޓީ ފޮނުވާފަ އެވެ. އެ ސިޓީގައި ބުނެފައިވަނީ ކުރީގެ ރައީސް ނަޝީދަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ވާތީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ނަޝީދަށް ގެއްލިފައިވާ ކަމަށާއި އެފަދަ ބޭފުޅުން ބައިވެރިކޮށްގެން ބާއްވާ ރިޔާސީ ޕްރައިމަރީ އީސީ އިން ބަލައި ނުގަންނާނެ ކަމަށެވެ.

ރައީސްކަމަށް އިންތިހާބުކުރާ މީހެއްގެ ހުންނަން ޖެހޭ ޝަރުތު ހަމަނުވާ މީހަކަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ކުރިމަތިލުމުގެ ފުރުސަތު ދިނުމާއި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ސިޔާސީ ހަތަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަކީ ސިޔާސީ ޕަޓީތަކުގެ ގާނޫނު ގެ ހަތް ވަނަ މާއްދާގެ (ށ)ގެ ދަށުން ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމަށް ވާތީ، ނަޝީދަށް ޕްރައިމަރީގައި ވާދަކުރަން ފުރުސަތު ދީފި ނަމަ ސިޔާސީ ޕަޓީތަކުގެ ގާނޫނުގެ 31 ވަނަ މާއްދާ އާއި 49 ވަނަ މާއްދާގެ ދަށުން އެމްޑީޕީއާ މެދު ފިޔަވަޅު އަޅާނެ ކަމަށް އީސީގެ ސިޓީގައި ބުނެފައިވެއެވެ.

comment ކޮމެންޓް