އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މިރޭ ދަރުބާރުގޭގައި

މޭ 30، 2017: އެސްޓީއޯގެ 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިރޭ ދަރުބާރުގޭގައި އޮންނާނެއެވެ.

އަހަރީ އާންމު ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 10:00 ގައެވެ.

ޖަލްސާގައި 2016 ވަނަ އަހަރުގެ އޭޖީއެމްގެ ޔައުމިއްޔާ ފާސްކުރުމާއި 2017 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި މާލީ ހިސާބުތައް ފާސްކުރުމާއި، 2017 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ މިންވަރު ފާސްކުރުމާއި 2018 ވަނަ އަހަރަށް އޮޑިޓަރުންން ކަނޑައެޅުމާއި ބޯޑަށް ޑިރެކްޓަރުން އިންތިޚާބުކުރުން އޮންނާނެއެވެ. މީގެ އިތުރުން އެސްޓީއޯއިން އެކުންފުނީގެ ހިންގާ ގަވައިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުންވެސް އޮންނާނެއެވެ.

އެސްޓީއޯއިން ނިންމާފައިވަނީ 2017 ވަނަ އަހަރު ލިބުނު 211 މިލިޔަން ރުފިޔާގެ ފައިދާގެ ތެރެއިން ހިއްސާއަކަށް 55 ރުފިޔާ ބެހުމަށެވެ.

ކުންފުނީގެ ބޯޑަށް ޑިރެކްޓަރުންގެ ގޮތުގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވަނީ މިހާރުވެސް ބޯޑުގައި ތިއްބެވި ހަ ޑިރެކްޓަރެކެވެ.

އެ ބޭފުޅުންނަކީ:

  • ހުސައިން ސާލިމް މުހައްމަދު (ޗެއާމަން)
  • އަހްމަދު ޝަހީރު (މެނޭޖިންގް ޑިރެކްޓަރު)
  • މުހައްމަދު މިހާދު (ޗީފް ފައިނޭންޝަލް އޮފިސަރު)
  • އާމިރު މަންސޫރު
  • އާއިޝަތު ރަފިއްޔާ
  • މަރިޔަމް ޒާހިޔާ

އާންމު ހިއްސާދާރުން ތަމްސީލުކުރައްވާ ޑިރެކްޓަރުގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލެއްވި އިރު، އެއްބޭފުޅަކު ވަނީ ނަން އަނބުރާ ގެންދަވާފައެވެ. ދެން ތިއްބެވި ދެ ބޭފުޅުންނާ އިންޓަވިއުކުރުމަށްފަހު އެސްޓީއޯގެ ބޯޑުން ނިންމާފައިވަނީ ބޯޑަށް ކުރިމަތިލެއްވި ގދ. ގައްދޫ، ބިލެއްމާގެ އާއިޝަތު ފަޒީނާގެ ނަން، ޖަލްސާއަށް ހުށަހެޅުމަށެވެ.

އެސްޓީއޯއިން އެކުންފުނީގެ ހިންގާ ގަވައިދަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ކުންފުނީގެ ބޯޑުގެ ކޯރަމް އެކުލެވޭ ގޮތް ބަދަލުކުރުމާއި، ކުންފުނީގައި ސީއީއޯގެ މަގާމު އުފައްދައި، އެ މަގާމު މެނޭޖިންގް ޑިރެކްޓަރުގެ މަގާމާ އެކުގައި ލިބޭގޮތް ހިދުމެވެ.

އެސްޓީއޯއިން މިއަހަރުގެ އަހަރީ އާންމު ޖަލްސާގައިވެސް ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދަނީ އިލެކްޓްރޯނިކް ވޯޓިންގް ނިޒާމު ބޭނުންކޮށްގެންނެވެ. އެސްޓީއޯއިން އަހަރީ އަންމު ޖަލްސާއެއްގައި އިލެކްޓްރޯނިިކް ވޯޓިންގް އެންމެ ފުރަތަމަ ބޭނުންކުރީ މިދިޔަ އަހަރުއެވެ.

comment ކޮމެންޓް