ގައުމީ ދިގު ފެތުމުގެ މުބާރާތް ޖުލައި މަހު ދިއްފުށީގައި

މިއަހަރު ބާއްވާ ދިގު ފެތުމުގެ މުބާރާތް ބާއްވާ ދިއްފުށީގެ މޫދު ސަރަހައްދު --- ފޮޓޯ/ ސްވިމިން އެސޯސިއޭޝަން

ސްވިމިން އެސޯސިއޭޝަނުން ބާއްވަމުން އަންނަ ގައުމީ ދިގު ފެތުމުގެ 13 ވަނަ މުބާރާތް، ޖުލައި 20 ވަނަ ދުވަހު ކ. ދިއްފުށީގައި ބާއްވާ ގޮތަށް ތާވަލުކޮށްފިއެވެ.

މިއަހަރު ދިއްފުށީގައި ބާއްވާ މުބާރާތް ބަދަލުތަކާއެކު ބާއްވަން ނިންމާފައިވާ އިރު، އުމުރުފުރައެއްގެ ފެތުންތެރިއަކަށްވެސް ބައިވެރިވެވޭ ގޮތަށް ކެޓަގަރީތައް ބަހާލައިގެންނެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި ހަތަރު ކެޓަގެރީއަކުން ފެތުންތެރިން ވާދަކުރާނެއެވެ.

ނޭޝަލް އޯޕަން ވޯޓާ ކެޓަގަރީގައި އުމުރުން 14 އަހަރުން މަތީގެ އަންހެން އަދި ފިރިހެން ފެތުންތެރިންނަށް ބައިވެރިވެވޭ އިރު، އެ ކެޓަގަރީގައި ފަތަން ޖެހޭނީ ފަސް ކިލޯމީޓަރުގެ ދުރު މިނަކަށެވެ.

ޖޫނިއާ ނޭޝަނަލް އޯޕަން ވޯޓާ ކެޓަގަރީގައި 10 އަހަރާއި 14 އަހަރުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ކުދިންނަށް ބައިވެރިވެވޭ އިރު، އެ ކެޓަގަރީގައި ފަތަން ޖެހޭ ދިގުމިނަކީ ތިން ކިލޯމީޓަރެވެ. ދެން މުބާރާތުގައި މިފަހަރު އޮންނާނީ ސްވިމް ޗެލެންޖާއި ކިޑްސް ސްވިމް ޗެލެންޖެވެ. ސްވިމް ޗެލެންޖުގައި އެއް ކިލޯމީޓަރުގެ ދުރުމިނަކަށް ފަތަން ޖެހޭ އިރު، އެ ކެޓަގަރީގައި ބައިވެރިވެވޭނީ އުމުރުން 10 އަހަރުން މަތީ އަންހެން އަދި ފިރިހެން ފެތުންތެރިންނަށެވެ. ކިޑްސް ސްވިން ޗެލެންޖުގައި ބައިވެރިވުމަށް އުމުރުން 10 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުދިންނަށް ހުޅުވާލައިފައިވާ އިރު، ކިޑްސް ސްވިމިން ޗެލެންޖުގެ ދިގުމިނަކީ 500 މީޓަރެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ ޖޫން މަހު 21 ވަނަ ދުވަހުގެ ކުރިން އެކަމަށް ހާއްސަ ފޯމު ސްވިމިން އެސޯސިއޭޝަނަށް ހުށަހެޅުމަށް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. ގައުމީ ދިގު ފެތުމުގެ މުބާރާތް އެންމެފަހުން ބާއްވާފައި ވަނީ 2016 ވަނަ އަހަރުގައެވެ. އެ އަހަރުގެ މުބާރާތް ބޭއްވީ ހއ. ދިއްދޫގައެވެ. 2016 ވަނަ އަހަރުން ފެށިގެން ދިގު ފެތުމުގެ މުބާރާތް އަތޮޅު ތެރޭގެ ރަށްރަށުގައި ބޭއްވުމަށް ސްވިމިން އެސޯސިއޭޝަނުން ނިންމާފައިވާ އިރު، އޭގެ ކުރިން އެ މުބާރާތް ބާއްވާފައި ވަނީ މާލެ ސަރަހައްދުގައެވެ.

comment ކޮމެންޓް