މުއައްސަސާތަކުގެ މެދުގައި ބާއްވާ ގުރުއާން މުބާރާތް: ބައިވެރިންގެ އަދަދު ދެގުނަ އިތުރުވެއްޖެ!

މުއައްސަސާތަކުގެ މެދުގައި ބާއްވާ ޤުރުއާން މުބާރާތް އިފްތިތާހް ކުރުމަށް ރޭ ބޭއްވި ޖަލްސާގެ ތެރެއިން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީގެ ފަރާތުން، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި ޔުނިވާސިޓީ އަދި ކޮލެޖުތަކުގެ މެދުގައި ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތުގައި މިއަހަރު ބައިވެރިވި ބައިވެރިންގެ އަދަދު ދެ ގުނަ އިތުރުވެއްޖެއެވެ.

މިއީ ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި ތަޖުވީދަށް ޤުރުއާން ކިޔެވުމުގެ ފަންނު އާލާކުރުމާއި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގަސްދުގައި ބާއްވާ އެފަދަ ދެވަނަ މުބާރާތެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިއަހަރުގެ މުބާރާތުގައި ސަރުކާރުގެ ހަތަރު މުއައްސަސާއަކާއި ތިން ކުންފުނި އަދި ދެ ޔުނިވާސިޓީ ހިމެނޭ ގޮތަށް ޖުމްލަ 60 ބައިވެރިން މުބާރާތުގައި ބައިވެރިވެފައިވާ ކަމަށެވެ. އެއީ މިދިޔަ އަހަރުގެ މުބާރާތާ އަޅާ ބަލާއިރު 20 ބައިވެރިންގެ އިތުރުވުމެއް ކަމަށް ބުންޏެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)، ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)، މޯލްޑިވްސް ކަސްޓަމްސް، ޑިފެންސް މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ، ސްޓެލްކޯ، ޕޯސްޓް ލިމިޓެޑް އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑެވެ.

އެ މުބާރާތް އިފްތިތާހްކުރުމަށްޓަކައި އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އިބްރާހިމް ރަޝީދު މޫސާ ވިދާޅުވީ، އެފަދަ މުބާރާތްތަކުގެ ސަބަބުން ޤުރުއާން ކިޔެވުމުގެ ބައިނަލްއަގްވާމީ މުބާރާތްތަކަށް އެކި އުމުރުފުރާގެ އާރުތައް ތައްޔާރުކުރުމަށް މަގުފަހިވެގެންދާ ކަމަށެވެ.

އަންނަ މަހުގެ 13 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އެ މުބާރާތުގައި މުޅި މުބާރާތުން އެންމެ މޮޅު ބައިވެރިޔާގެ އިތުރުން އެއްވަނަ، ދެވަނަ، އަދި ތިންވަނަ ކުންފުނި، އޮފީސް، ޔުނިވާސިޓީ ނުވަތަ ކޮލެޖު، އަދި މުބާރާތުގެ ކޮންމެ ގޮތްޕަކުން އެއްވަނަ ދެވަނަ އަދި ތިންވަނަ އަންހެން ބައިވެރިޔާއާއި ފިރިހެން ބައިވެރިޔާ ހޮވާނެއެވެ.

comment ކޮމެންޓް