ވޯލްޑް ކަޕެއް އުފުލާލުމުގެ ހުވަފެން ހަގީގަތަކަށް ހަދަން ތައްޔާރަށް ހުރި ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރަށް ހޯދައި، އޭނާގެ ކްލަބު ބާސެލޯނާއާއެކު އެތައް ކާމިޔާބީތަކެއް ހޯދައިފައިވާ މެސީއަށް ގައުމީ ޓީމާއެކު އެންމެ އެދެވޭ ކާމީޔާބީއެއް ހޯދިފައި ނުވުމަކީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ކަމެކެވެ. މެސީ އާޖެންޓީނާއެކު 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އިތުރުން 2008 ވަނަ އަހަރު އޮލިމްޕިކްސް ރަން މެޑަލް ހޯދި އިރު، އެންމެފަހުން ކުޅުނު ވޯލްޑް ކަޕްގެ ފައިނަލަށް ޓީމާއެކު ދަތުރުކޮށްފައިވެއެވެ.
މިއަހަރުގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އާޖެންޓީނާއަށް އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް، އެންމެ ފަހު މެޗުގައި މެސީގެ ހެޓްރިކާއެކު އާޖެންޓީނާއިން ކޮލިފިކޭޝަން ޔަގީން ކުރިއެވެ. ވޯލްޑް ކަޕަށް އިއުލާންކުރި ސްކޮޑާއެކު އާޖެންޓީނާގެ ފަރިތަކުރުންތައް ފަށައިފައިވާ އިރު، ރޭ ވަނީ އެޓީމުން އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. ހެއިޓީއާ ދެކޮޅަށް ކުޅުނު މެޗު އާޖެންޓީނާއިން 4-0ގެ ނަތީޖާއަކުން ކާމިޔާބުކުރި އިރު، މެޗުގައި މެސީ ވަނީ ހެޓްރިކް ހަދައި، ސާޖިއޯ އަގުއޭރޯ ޖެހި ގޯލަށް އެސިސްޓް ކޮށްދީފައެވެ.
"ހުރިހާ ސްޕޯޓަރުންނަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ. ވޯލްޑް ކަޕަށް ދިއުމުގެ ކުރިން އަމިއްލަ ގައުމުގައި ކުޅޭ ފަހު މެޗަށް ވުމުން ހުރިހާ ސަޕޯޓަރުންގެ ސަޕޯޓު ވަރަށް ބޮޑަށް ބޭނުންވި،" ރޭގެ މެޗަށްފަހު މެސީ ބުންޏެވެ.
މެސީ ބުނީ އާޖެންޓީނާގައި މިހާރު އޮތް ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަކީ ގިނަ ދުވަސްތަކެއް ވަންދެން އެއްކޮށް މަސައްކަތްކޮށް، ބައިނަލްއަގުވާމީ ބޮޑު މުބާރާތެއް ކާމިޔާބުކުރުމަށް ތައްޔާރަށް ތިބި ޓީމެއް ކަމަށެވެ. މެސީއާއެކު އާޖެންޓީނާއިން ކޮޕާ އެމެރިކާގެ ފައިނަލަށްވެސް ވަނީ ތިން އަހަރު ދަތުރުކޮށްފައެވެ. އަދި އެންމެފަހުން ދެ އަހަރުވެސް ޗިލީ އަތުން އާޖެންޓީނާ ބަލިވީ ޕެނެލްޓީގައި ނާކާމިޔާބު ވެގެންނެވެ.
"ވޯލްޑްކަޕަށް ދަނީ ފެވަރިޓުންގެ ގޮތުގައެއް ނޫން. އެކަމަކު މިހާރު މިއޮތް ސްކޮޑަކީ ވަރަށް ގިނަ ދުވަހު އެއްކޮށް މަސައްކަތް ކޮށްފައި އޮތް ސްކޮޑެއް. ހުރިހާ ކުޅުންތެރިންވެސް ގައުމީ ޓީމާއެކު ތަށްޓެއް ބޭނުންވޭ. ހުރިހާ ކުޅުންތެރިވެސް ތައްޔާރަށް ތިބީ. ސްކޮޑަކީ ވަރުގަދަ ސްކޮޑެއް،" މެސީ ބުންޏެވެ.
މެސީ ބުނީ ވޯލްޑް ކަޕް ހޯދުމަށް ޓީމުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ފުރިހަމަ މަސައްކަތް ފެންނާނެ ކަމަށާއި، ސަޕޯޓަރުން ބޭނުންވާ ފަދަ ނަތީޖާތަކެއް ނެރެދޭނެ ކަމަށެވެ.
ޖޫން މަހު އޮންނަ ވޯލްޑް ކަޕްގައި އާޖެންޓީނާ ހިމެނެނީ ގްރޫޕް ޑީގައެވެ. އާޖެންޓީނާގެ އިތުރުން އެ ގްރޫޕްގައި ހިމެނެނީ އައިސްލޭންޑް، ނައިޖީރިއާ އަދި ކްރޮއޭޝިއާއެވެ.