އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގަން ބޭނުންވާ ޒުވާނުނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމްގައި ޓްރެފިކް ވައިލޭޝަނެއް އޮތް މީހަކަށް ބައިވެރިވުމުގެ ފުރުސަތު އަދި ދެވެން ނެތްކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުނެފި އެވެ.
"އެއްލަކިން މަށަށް ލައިސަންސް"ގެ ނަމުގައި ޓްރާންސްޕޯޓް އިން ކުރިއަށްގެންދާ ލައިސަންސް ޕްރޮގްރާމަށް ހުޅުވާލުމުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އިކޮނޮމިކް މިނިސްޓްރީން ވަނީ، އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދާ ޚިލާފުވުމުން ކުރާ ޖޫރިމަނާއެއް ކުރެވިފައިވާނަމަ އެކަން މައާފުކުރެވޭތޯ ބެލުމަށް ގާނޫނީ ގޮތުން ކުރެވެން ހުރި ކަންތައް ބަލަމުންދާ ކަމަށް ބުނެފައެވެ.
އެގޮތުން އިކޮނޮމިކް މިނިސްޓްރީން އޭރު ވިސްނުން ގެންގުޅުނީ، އެފަދަ ޖޫރިމަނާތައް ކޮށްފައިވާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާ އިންސްޓޯލްމަންޓް އުސޫލެއްގެ ދަށުން ދެއްކޭނެ ގޮތް ހެދުމަށެވެ.
ނަމަވެސް އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު މިއަދު "ސަން" އަށް ވިދާޅުވީ، އެއްގަމު އުޅަނދެއް ދުއްވުމުގެ ލައިސެންސެއް ނެތި ދުއްވައިގެން ޖޫރިމަނާ ކޮށްފައިވާ މީހަކު ދައްކަންޖެހޭ ފައިސާ، އެއް އަހަރު ދުވަހަށް ބަހާލައިގެން ދެއްކޭނެ ގޮތް ގާނޫނުގެ ތެރެއިން އަދި ހަމަޖެހިފައިނުވާ ކަމަށެވެ.
އަދި ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވުނުހާ އަވަހަކަށް އެކަން އިއުލާން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ ހުކުރު ދުވަހު އެއްލަކިން ލައިސަންސް ނަގަން ފެށިއިރު، މިހާތަނަށް 3700 އަށްވުރެ ގިނަ މީހުންނަށް ހިދުމަތް ދީފައިވާއިރު 1826 މީހަކަށް އެ ޕްރޮގްރާމްގެ ތެރެއިން ލައިސެންސް ދޫކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ.