"އެއްލަކިން މަށަށް ލައިސަންސް"ގެ ނަމުގައި ޓްރާންސްޕޯޓް އޮތޯރިޓީން ކުރިއަށްގެންދާ ޕްރޮގްރާމު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ކުރިއަށް ގެންދާ ގޮތައް އެ އޮތޯރިޓީން ނިންމައިފި އެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެއް ދުވަހުން ލައިސަންސް ލިބޭ ޕްރޮގްރާމް އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އިތުރުކޮށް، ކޮންމެ ދުވަހެއްގެ 16:00 އިން 17:00 ހަމައަށް ޝޯސަލް ސެންޓަރުން ޓޯކަން ނަންބަރު ދޫކުރާނެ ކަމަށެވެ.
އެ އޮތޯރިޓީން ބުނެފައި ވަނީ ކޮންމެ ދުވަހަކު ވެސް 200 މީހުންނަށް ހިދުމަތް ދޭން ނިންމާފައިވާ ކަމަށެވެ.
"އެއްލަކިން މަށަށް ލައިސަންސް"ގެ ނަމުގައި ޓްރާންސްޕޯޓް އޮތޯރިޓީން ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން ދެ ރޭމަތިން 500 ވަރަކަށް ލައިސަންސް ދޫކޮށްފައިވާ އިރު އެ އޮތޯރިޓީން ބުނެފައި ވަނީ މިހާތަނަށް 746 މީހަކަށް ލައިސަން ދޫކޮށްފައިވާ ކަމަށެވެ. އަދި ހަހާހަށްވުރެ ގިނަ މީހުންނަށް ހިދުމަތް ދީފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
އެ ޕްރޮގްރާމުގެ ދަށުން ލައިސަންސް ނަގާ ފަރާތްތަކުން ޑްރައިވިން ޓެސްޓުގެ ފީއަށްވާ 100 ރުފިޔާ އާއި ތިއަރީ ޓެސްޓުގެ ފީއަށްވާ 100 ރުފިޔާ އަދި ރެވެނިއު ސްޓޭމްޕަށްވާ 50 ރުފިޔާ ދައްކަން ޖެހެ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ރެ އިން ފެށި އެއްލަކިން ޕްރޮގްރާމަށް 6000 އަށް ވުރެ ގިނަ މީހުން ކިއު ޖެހުނު ކަމަށެވެ. އަދި ކިއު ޖެހުނު މީހުން އިތުރުވުމުގެ ސަބަބުން 500 މީހުންނަށް ކުރީ ރޭ ހިދުމަތް ނުދެވުނު ކަމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ.
ކޮންމެ ރެއަކު ވެސް ޓެސްޓު ހެދުމުގެ ފުރުސަތު ދޭނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށް އެ އޮތޯރިޓީ އިން ބުންޏެވެ. ތިއަރީ ޓެސްޓުގެ ކުރިން ޓްރެފިކާ ގުޅޭ މައުލޫމާތު ދިނުމަށް 15 މިނެޓުގެ ސެޝަނެއް ކުރިއަށް ގެންދަން ނިންމާފައިވާ އިރު ޓެސްޓު ހަދާއިރު އެއްފަހަރާ 40 ނޫނީ 50 މީހުންނަށް ތިއަރީ ޓެސްޓު ހެދެ އެވެ.
މާލެއަށް ފަހު ހުޅުމާލޭގައި ވެސް މި ޕްރޮގްރާމު ކުރިއަށްގެންދަން ނިންމާފައިވާ ކަމަށާއި މާލެ ސަރަހައްދު ނިމުމުން އާބާދީ ބޮޑެތި ސަރަހައްދުތަކުގައި ވެސް "އެއްލަކިން ލައިސަންސް" ލިބޭ ޕްރޮގްރާމު ކުރިއަށްގެންދަން ވަނީ ނިންމައިފަ އެވެ.