ދީނީ އިލްމްވެރިއާ ޝެއިހް އަލީ ޒައިދުގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑީއާ އޮފިޝަލް "ސަން" އަށް މިއަދު ވިދާޅުވީ ޝެއިހް އަލީ ޒައިދު ސަސްޕެންޑް ކުރަން ނިންމާފައި ވަނީ ބަލަމުންދާ މައްސަލަތަކަކާ ގުޅޭ ގޮތުން ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ޒައިދުގެ ސަސްޕެންޝަން ސިޓީ މިއަދު އޭނާ އަށް ލިބިފައިވާ ކަމަށާއި ސަސްޕެންޑްކުރީ ކިހާ މުއްދަތަކަށް ކަމެއް އަދި ބުނަން ނޭނގޭ ކަމަށެވެ.
ޝެއިޚު އަލީ ޒައިދު ސަސްޕެންޑްކޮށްފައި މިވަނީ އިސްލާމިކް މިނިސްޓްރީން ކުރަމުންދާ ބައެއް ކަންކަމާ ގުޅޭ ގޮތުން އޭނާގެ ޓްވިޓާގައި ފާޑުވިދާޅުވަމުން ގެންދަވަނިކޮށެވެ. އެގޮތުން ބައެއް އިލްމްވެރިންނަށް ދީނީ ދަރުސް ދިނުމަށް ސްކޫލުތައް ދޫނުކުރާ ކަމަށް ބުނެ ވަނީ ތަފާތު ޓްވީޓްތައް ކުރައްވައިފަ އެވެ.
މީގެ ކުރިން އަލީ ޒައިދުގެ ޓްވިޓާގައި އޭނާ ވިދާޅުވެފައި ވަނީ ރަށްރަށުގައި އޭނާ ކުރިއަށް ގެންދަން ރާވާފައިވާ ބައެއް އިވެންޓުތަކަށް ހުރަސްއަޅާފައިވާ ކަމަށެވެ. ނަމަވެސް ހުރަސް އަޅާފައި ވަނީ ކޮން ބައެއް ކަަމެއް ވިދާޅެއްނުވެ އެވެ.
އެކަމާ ގުޅިގެން "ސަން"އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެފަދަ އެއްވެސް ކަމެއް މިނިސްޓްރީން ނުކުރާނެ ކަމަށާއި "ހެދިފައިވާ ގަވައިދުތަކާ އެއްގޮތަށް ދަރުސްތައް ކުރިއަށް ގެންދިޔުމަށް އެއްވެސް ހުރަހެއް ނާޅާނެ" ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ހުރަސްތައް ދިމާވެގެން އެކިއެކި ދީނީ އިލްމްވެރިން ހުށައަޅާ މައްސަލަތައް އަބަދު ވެސް ބަލަމުންދާ ކަމަށާއި އެކަމަށް އެކަށީގެންވާ ފިޔަވަޅު ވެސް އަޅަމުން ދާ ކަމަށެވެ.