ރައްޓެއްސަކާ އެކު ހަވީރު ފިނިބުރެއް ޖަހާލަން މާލޭގެ ހަލަބޮލި މަގުމައްޗަށް ނުކުމެއްޖައީމެވެ. އޮފީހުގެ މާހައުލުން ދުރަށް ޖެހިލައި މާލެއަށް އަންނަމުންދާ ބަދަލާ މެދު ހެކިވުމަށެވެ. އެންމެ ބޮޑު ބޭނުމަކީ ބަހަނާއަކާ އެކު ނަމަވެސް ރޯދަ ކުރުކޮށްލުމެވެ.
އަމީނީމަގުން ނުކުމެ ބޭރުމަގަށް (ބޮޑުތަކުރުފާނު މަގު) އަޅާލައިފީމެވެ. އަސްތާ އެވެ. އޮފްކޮށް ނަލަކޮށްލައިގެން ވަރުވަރުގެ ސައިކަލުތަކުގައި ވައިސޫރި ކަނޑާފައި ދެ ޖިންސުގެ ޒުވާނުން އެހެރަގެން ދުއްވާ ނަގަނީ އެވެ. އެއްބަޔަކު ބޭރުމަގުގެ އިރަށެވެ. އަނެއް ބަޔަކު އެ މަގުގެ ދެކުނަށެވެ.
ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް މި ބުރުތަކުގައި ހިއްސާ ކުރަނީ ހަމަ އެއް ފެންވަރަކަށެވެ. ކާފައާ އެކު ބުރެއް ޖަހާލަން ނުކުމެ އުޅޭ ކުދިން ކާފަ ގާތު ބޮޑުތަކުރުފާނު މަގުގެ ގާތަށް ނަގައިގެން އެކުރަނީ ކޮން މަސައްކަތެއްތޯ އަހާ އަޅުންފިލުވަ އެވެ. އެ ސުވާލުގެ ޖަވާބަކަށް ކާފަ ބުނާތީ އަޑުއެހީމެވެ.
"ދަރިފުޅާ. އެއީ ބްރިޖް [ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް] ހަދައި ނިމެންވާއިރަށް އެ ބްރިޖާ ގުޅޭ މަގުތައް ހަދާ ނިންމާނީ. މި މަގުތައް ނިމޭ އިރު ހުންނާނީ ތާރުއަޅާ ރަނގަޅު ފެންވަރަކަށް ހަދާފައި،" އަހަރަމެންނާއި ދާދި އެއް ހަމައެއްގައި ދުއްވާފައި ދިޔަ ނޫ ސައިކަލެއްގައި އިން ކާފަ އޭނާގެ ކާފަ ދަރިފުޅަށް ބޮޑުތަކުރުފާނު މަގުގައި ކުރިއަށްދާ މަޝްރުއުއާ ގުޅޭ ގޮތުން ކިޔައިދިނެވެ.
އަހަރަމެން ދުއްވަމުންދިޔައީ ބޭރުމަގުން ހުޅަނގަށެވެ. ގަޑިން އޭރު ފަހެއް ޖަހާބޮޑުވީ އެވެ. ކޯދޮންނަ ގަޑިއާ ގާތްވާ ވަރަކަށް ފިނިބުރުތަކަށް އިންސާފު ކުރާ އެކި އުމުރުފުރާތަކުގެ މީހުން ދިޔައީ ގިނަވަމުންނެވެ. ދުއްވަމުން ގޮސް ސިނާއީ ސަރަހައްދާ އަރާ ހަމަވިތަނާ ޒުވާން ކުއްޖަކު ސައިކަލާ ކައިރިކޮށްލާފައި ރަނގަޅު މައުލޫއަކަށް ހިޔާލު ހޯދާލައިފި އެވެ.
"މި މަގާއި އިއްޒުއްދީން މަގުގައި ތާރު އަޅާފައި އޮތް ގޮތަށް މުޅި މާލޭގައި ވެސް ތާރު އަޅާނެ ނަމަދޯއޭ،" މީގެ ކުރިން ނުދަންނަ ޒުވާނަކު އޭނާ ދުއްވަން އިން ޖީއެން ސައިކަލުގައި އަހަރަމެންނާ ކައިރިކޮށްލާ ހިޔާލު ބަދަލުކޮށްލުމުގެ ގޮތުން މައުލޫއެއް ހުޅުވާލި އެވެ.
ޖަވާބުގައި ވާހަކަ ދެއްކީ އަހަރެންނާ އެކު ފިނިބުރުގައި ބައިވެރިވަމުންދާ އެކުވެރިއާ އެވެ.
"ތިޔައީ ވަރަށް ރަނގަޅު ކަމެއް ބްރިޖާ އެކު ބޭރުމަގަށް ހަމަ ގައިމު ވެސް ތިޔަ ބަދަލު އަންނާނެ. ދުނިޔޭގައި ތިބި ބަޔަކަށް އެކަން ވެސް ފެންނާނެ،"
މި މައުލޫގައި އިތުރަށް ވާހަކަ ދައްކަން އަނެއްކާ ވެސް ފެށީ މަގުމަތިން ދިމާވި "ނުދަންނަ" އެކުވެރިއާ އެވެ. އޭނާ އަހަރެންގެ ރަހުމަތްތެރިއާގެ ބަހަށް އެއްބަސްވި އެވެ. އަދި ކުރިމަތިން ފެންނަން އޮތް ސިނާއީ ސަރަހައްދު ތަރައްގީކޮށްލިލެއް އަވަސް ކަމުން އެކަން ނުވާންވީ ސަބަބެއް ނެތޭ ކިޔާ ސައިކަލުގެ މުއްގަނޑަށް"ފެލާ ލުމަށް ފަހު" އެހެރަގެން ގޮސް އޮބާލީ އެވެ.
ފިނިބުރެއް ޖަހާއިރު މިކަހަލަ މައުލޫތަކަށް އިންސާފު ކުރުމަކީ އާންމުކަމެކެވެ. ތަފާތަކީ މިއަދު މިފަދަ ބުރުތަކުގައި ދައްކާ ވާހައިގެ މައުލޫ މާލެއަށް އަންނަ ތަރައްގީއާ ގުޅުވާލެވޭ ކަމެވެ.
ކުރިއަށް ދުއްވަމުންގޮސް އިރުކޮޅަކަށް ސުނާމީ ބިނާކައިރީގައި މަޑުކޮށްލައިފީމެވެ. ސުނާމީ ބިނާ މައިޒާން އޮތީ ފުރި ބާރުވެފަ އެވެ. ރޯދަ ކުރުކުރަން އައިސްތިބި ކުދިބޮޑު މީހުން އެތާ އެމީހަކަށް ކުރެވުނު ކަމެއް ކުރަނީ އެވެ. ހަލަބޮލި މާލެގެ ތެރެއިން މިފަދަ ހިތް ގައިމު މައިޒާންތައް މިރޯދަމަހުގެ ހަވީރު ވަގުތައް އަޅާލާއިރު އޮންނަނީ މިގޮތަށެވެ. ހަލަބޮލިކަމާ ދުރުކޮށްދޭ މައިޒާންތަކުން ހިތްހަމެޖެއްސުން ހޯދާ އާއިލާތައް ބައިވަރެވެ.
ސުނާމީ މައިޒާނާ ދިމާއަށް ބަލާލަން ހުއްޓާ ކަންފަތުގައި ޖެހުނީ ޒުވާން އަންހެން ކުއްޖަކު ފެށި ވާހަކައެކެވެ. އެނާ ދައްކަމުން ދިޔައީ އިސްކޮޅަށް ދެމިލާފައި ހުރި ދަރުމަވަންތަ ހޮސްޕިޓަލާ ގުޅޭ ގޮތުންނެވެ.
"އަހަރަމެން ހިތަށް ވެސް ނާރާ މިވަރުގެ އިމާރާތެއް ހަދާނެއެކޭ. އެކަމަކު މިކަންވެސް މިއޮތީވެފައި. މީހަކު ބުނާތީ އަޑުއެހިން މި ތަން ހެދުނީމަ ދެން ނުޖެހޭނޭ ބޮޑެތި ބަލިތަކަށް ފަރުވާ ކުރަން ބޭރަށް ދާކަށް،" އޭނާގެ ވާހަކަ ނިންމާލީ ކައިރީގައި ހުރި ޒުވާން އަންހެންކުއްޖާއާ ސުވާލެއް ކުރުމަށް ފަހު އެވެ.
އެވާހަކަ ކިތަންމެ ޝައުގުވެރި ނަމަވެސް އިރު އޭގެ ވާޖިބު އަދާ ކުރުމަށް މަޑު މަޑުން އުދަރެހާ ދިމާއަށް އޮއްސެން އަންނަ ވަގުތު ކުޑަތަންވާހެން ހީވާތީ ދިގު ބުރު ނިންމާލެވޭތޯ އަވަހަށް ނައްޓާލީ އެވެ. މަގުގެ ދެފަރާތް ބަލާ މީހުންގެ އެކިއެކި ހަރަކާތްތަކަށް ނަޒަރު ހިންގަމުން ދަނިކޮށް އައިސް ހަމަޖެހިލެވުނީ ރާޅުގަނޑު ސަރަހައްދުގަ އެވެ.
އެތަނުން ފެނުނީ ގިނަ ބަޔަކު "ފެންމަތިން ހިކިފައި އޮތް ބިޔަ ބްރިޖާ" ދިމާލަށް ބަލަހައްޓައިގެން ތިއްބަ އެވެ. އޭގެ ތެރޭގައި އެ ސަރަހައްދުން އާންމުކޮށް ފެންނަ ފަަރިތަ މޫނުތަކާއިދިމާވި އެވެ. އޭގެން މީހެއް ކައިރިއަށް ޖެހިލައި ވާހަކަ ދައްކާލީމެވެ.
"މިތަން ހަދަން ފެށި އިރު ވެސް ޔަގީނެއް ނޫން މިކަން ވާނެ ކަމެއް. އެކަމަކު މިހާރު ޔަގީންވެ ކަށަވަރުވެއްޖެ ކަނޑު ހިއްކާފައި ވެސް ކަން ކުރަން އުޅޭ މީހަކު ނަމަ ކަންކަން ކުރާނެކަން. އިރާދަކުރެއްވިއްޔާ ތިޔަ ކުދިން ވެސް އަންނަ ރޯދަމަހު ފިނި ބުރު ނިންމާލާނީ މި ބްރިޖް ހުރަސްކޮށްފައި،" އުމުރުން ދޮށީ ނަމަވެސް ހީ ސަމާސަކޮށް ވާހަކަ ދައްކާލެވޭ ފެންވަރުގެ އެކުވެރިއަކު ކޮނޑުގައި ފިރުމާލަމުން ބުނީ މިހެންނެވެ.
ކޮންމެ އަކަސް ދިގު ބުރު ވަރަށް ދިގުވެ، މަޣުރިބު ނަމާދުގެ ބަންގި އެގޮވީ އެވެ. އަވަހަށް މިސްރާބުޖެހީ މީރު ކަދުރުކޮޅަކުން ރޯދަ ވިއްލާށެވެ. އެ ދިޔަ މަގުމަތީގައި އައު އަޒުމެއް ވެސް ކަނޑައެޅީމެވެ. ފިނިބުރުގައި ފަހަނަ އަޅާދިޔަ ސައުދީ ރަސްގެފާނު މިސްކިތުގައި އަންނަ އަހަރުގެ ރަމަޟާން މަހުގެ ނަމާދުތައް ކުރުމަށެވެ. ދުނިޔޭގައި ހުރެއްޖެ ނަމަ ކުރިއަށް އޮތް ރޯދަމަހުގެ ކޮންމެ ދުވަހަކު މާލެއިން ފަށާ ބުރު ހުޅުމާލެއަށް ގޮސް ނިންމަން އުންމީދުކޮށްގެންނެވެ.