ރޯދަ މަހު އެންމެ ހަނދާންވަނީ އާއިލާ: ސީރިޔާ ރައްޔިތުން

ރަމަޟާން މަހަކީ މުސްލިމުންނަށް އެތައް ގޮތަކުން ޚާއްސަ މަހެކެވެ. އަޅުކަމުގެ މައްސަރެއްގެ އިތުރުން އެއީ އާއިލީ ގުޅުން އިތުރަށް ބަދަހިކުރުވާ މައްސަރެއް ވެސް މެ އެވެ. ރޯދަ ވީއްލުމަށާއި ތަރާވީހަށް އާއިލާގެ ގޭގެއަށް ޒިޔާރަތް ކުރުމަކީ އާދަކާދައިގެ ތެރޭގައި ހިމެނިފައިވާ ކަމެކެވެ.

ނަމަވެސް މި ރަމަޟާން މަހު ވެސް، އެތައް މުސްލިމުންނެއް މި ނިއުމަތުން މަހުރޫމު ވެފައި އެބަތިއްބެވެ. އޭގެ ތެރެއިން އެއް ބަޔަކީ ހަނގުރާމައިގެ ސަބަބުން ނިކަމެތިވެފައިވާ ސީރިޔާގެ ރައްޔިތުންނެވެ. އެމީހުން ބުނާ ގޮތުން މި ރަމަޟާން މަހު އެންމެ ހަނދާން ވަނީ އާއިލާ މަތިންނެވެ. ސީރިޔާގެ ގިނަ މީހުން މި ރަމަޟާން މަސް ވެސް ހޭދަކުރަމުން އެ ދަނީ ރެފިއުޖީ ކޭމުޕުތަކުގައި އުޅެ ބޮޑުވި ގެދޮރާއި އާއިލާ އާއި ވަކިންނެވެ.

އަހުމަދު ބަރަކާތް އަކީ ވެސް ސީރިއާގެ ރައްޔިތެކެވެ. އައިއެސްގެ ހަމަލާއެއްގައި އޭނާގެ އަންހެނުންނާއި ދަރިން ވަނީ މަރުވެފަ އެވެ. އޭނާގެ ފަޔަށް ލިބިފައިވާ ގެއްލުމާ އެކު ހިނގައިބިނގައިވެ އުޅުން ވަނީ ދަތިވެފަ އެވެ. އެއްތަނުން އަނެއްތަނަށް ދެވެނީ އެހެން މީހެއްގެ އެހީގަ އެވެ.

"އަހަރެން ރޯދަ މަހު އެންމެ ހަނދާންވަނީ އާއިލާ މީހުން. އެމީހުންނާ އެކު މީގެ ކުރިން ހޭދަކޮށްފައިވާ ވަގުތުތައް. އަހަރެމެން މިހާރު މިއުޅެނީ ވަރަށް ހާލުގައި. ވާނެ ގޮތެއްވެސް ނޭނގޭ،" އަލް ޖަޒީރާ އަށް ސިން އިންޓަވިއު އެއްގައި ބަރަކާތުން ބުންޏެވެ.

އޭނާގެ ކާފަ ދަރިފުޅު ރިޒާ އާއެކު ބަރަކާތު އުޅެމުންދަނީ ހިތްދަތި ދިރިއުޅުމެކެވެ. ތުއްތު ރިޒާ އަށް އޭނާގެ އެކުވެރިން ވީތަނެއް ނޭނގެ އެވެ. އެންމެ ހިނދުކޮޅަކު ވެސް ހިމާނުން ނުހުރެވޭ ރިޒާ ބުނީ 'ކާނެ އެއްޗެއް ބޯނެ އެއްޗެއް ވެސް ނުލިބޭ" ކަމަށާއި "ވާނެގޮތެއް ނޭނގޭ" ކަމަށެވެ.

ރިޒާ. އެކުވެރިން ވީތަނެއް ނޭނގޭ. އާއިލާ މަތިން ހަނދާންވެ ގޮތް ހުސްވެފައި. --- ފޮޓޯ: އަލްޖަޒީރާ

ސީރިޔާގެ ގިނަ އާއިލާ ތަކުގެ ހާލަކީ މިއީ އެވެ. ސްކޫލަށް ގޮސް އުނގެނޭނެ ފުރުސަތެއް މިއަދަކު ނެތެވެ. ޗެރިޓީ އިން އިން ލިބޭ ކުޑަ އެއްޗަކުން އާއިލާގެ ކަންތައް ކިރިޔާ ހަމަޖައްސާލައިގެން ތިބެނީ ޝުކުރު ކޮށްްލައިގެންނެވެ.

"އަހަރެމެންގެ މުސްތަގުބަލަށް ވާނެ ގޮތެއް ނޭނގޭ. މިގޮތަށް އުޅެން ޖެހޭނީ ކިތައް ދުވަހު ކަމެއް، އެނބުރި ވަޒަނަށް ދެވޭނެ އިރެއް ވެސް ނޭނގެ. އަހަރެންގެ ދަރިންނަށް ތައުލީމު ދެވޭނެ ގޮތެއް ނެތް. ފިރިމީހާ އަށް ކުރާނެ މަސައްކަތެއް ނުލިބޭ،" ހިންދު އަލް ޔޫސުފް ބުންޏެވެ.

ރެފިއުޖީ ކޭމްޕުތަކުން ޖާގަ ނުލިބޭ އެތައް ބަޔަކު އިޑްލިބުގެ ހުޅަނގުގެ ސަރަހައްދުގައި ފޭލިގެ ޖަހައިގެން ވެސް އެބަ ދިރިއުޅެ އެވެ. ހަނގުރާމަ ކުރައަށް ދާހައި ހިނދަކު އެމީހުންނަށް ވަޒަނަށް ދެވޭނެ އެއްވެސް މަގެއް ނެތެވެ. އޮތް ހަމައެކަނި ގޮތަކީ މިންވަރަށް އީމާންވެ، ޝުކުރުކޮށްލައިގެން ތިބުމެވެ.

ސީރިޔާގެ ހަނގުރާމާގައި އެތައް މިލިއަން ބަޔަކު މަރުވެ، އެތައް މިލިއަން ބަޔަކު ރެފިއުޖީންނަށް ވެފައިވާ އިރު މުސްތަގުބަލެއް ނެތިފައި އެތައް ހާސް ކުޑަކުދިންނެއް އެބަތިއްބެވެ. މި ރަމަޟާން މަހު އެމީހުން ކުރާ އުއްމީދަކީ އަނބުރާ ވަޒަނަށް ގޮސް އާންމު ދިރިއުޅުމެއް އުޅެވެނެ ދުވަހެއް ދެއްކެވުމެވެ.

comment ކޮމެންޓް