އިނިއެސްޓާ ޖަޕާން ލީގުގެ ވިސެލް ކޯބްއަށް

އިނިއެސްޓާ ވިސެލް ކޯބްގެ ޖާޒީގައި --- ފޮޓޯ/ އޭޕީ

ބާސެލޯނާގެ ލެޖެންޑް، އަންދްރޭސް އިނިއެސްޓާ ޖަޕާން ލީގުގެ ވިސެލް ކޯބްއާ ގުޅިއްޖެއެވެ.

އުމުރުން 34 އަހަރުގެ އިނިއެސްޓާ ބާސާ ދޫކޮށްލީ މިސީޒަނަށްފަހުގައެވެ. ބާސާ އެކަޑެމީގެ އެންމެ ވަރުގަދަ އެއް އުފެއްދުމުގެ ގޮތުގައި ފާހަގަކޮށްލެވޭ އިނިއެސްޓާ ވަނީ ބާސާގައި 22 އަހަރު ހޭދަކޮށްފައެވެ.

ބާސާއާއެކު 32 ޓްރޮފީ ހޯދައިފައިވާ އިނިއެސްޓާ ވަނީ ސްޕެއިން ގައުމީ ޓީމާއެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން ދެ ފަހަރަށް ޔޫރޯވެސް ކާމިޔާބުކޮށްފައެވެ.

މިއަހަރުގެ ވޯލްޑް ކަޕަށް ސްޕެއިނުން އިއުލާންކުރި 23 ކުޅުންތެރިންގެ ސްކޮޑުގައިވެސް ހިމެނުނު އިނިއެސްޓާ މިއަދު ސޮއިކުރި ޖޭ ލީގުގެ ވިސެލް ކޯބް މިވަގުތު އޮތީ ލީގު ތާވަލުގެ ހަ ވަނައިގައެވެ. ލީގުގައި އެޓީމު މިހާތަނަށް ކުޅެފައިވަނީ 15 މެޗެވެ.

އިނިއެސްޓާ ޓީމާ ގުޅުމާއެކު ވިސެލް ކޯބްގެ ވެރިޔާ ހިރޯޝީ މިކިތާނީ ބުނެފައިވަނީ އިނިއެސްޓާ ޖަޕާން ލީގުގައި ކުޅުމަކީ ހަމައެކަނި އޭނާގެ ޓީމަށް އޭނާގެ ފައިދާ ކުރާނެ ކަމަކަށްވުރެ ބޮޑަށް، މުޅި ޖަޕާންގެ ފުޓުބޯޅައަށް އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށެވެ.

އިނިއެސްޓާގެ ފުޓުބޯޅަ ވިސްނުމާއި، ލީޑާޝިޕަކީ ޖަޕާންގެ ކުރިއަށް އޮތް ޖީލުތަކަށް ނަމޫނާއަކަށް ވާނެ ކަމަށާއި މުޅި އޭޝިއާގެ ފުޓުބޯޅައަށްވެސް އިނިއެސްޓާގެ ސަބަބުން ފައިދާތަކެއް ކުރާނެ ކަމަށްވެސް މިކިތާނީ ބުންޏެވެ.

ޖަޕާން ލީގުގެ ވިސެލް ކޯބްއާ ގުޅުމަށް ޖަޕާނަށް ދިއުމުގެ ކުރިން އިނިއެސްޓާ ކޮށްފައިވާ އިންސްޓާގްރާމް ޕޯސްޓްގައި އޭނާ ބުނެފައިވަނީ އަނެއްކާވެސް "އާ މަންޒިލަކަށް، އާ ޗެލެންޖަކަށް ދަތުރު ފެށީ" ކަމަށެވެ.

އިނިއެސްޓާގެ ޓްރާންސްފާއަށް ބާސާވެސް ވަނީ މަރުހަބާ ކިޔައިފައެވެ. އަދި ކުރިމަގުގައި އިނިއެސްޓާއަށް އިތުރު ކާމިޔާބީއަށް އެދެމުން ބާސާއިން ބުނެފައިވަނީ ޔަގީނުންވެސް އޭޝިއާއަށް އިނިއެސްޓާގެ ޖާދޫ ފެންނާނެ ކަމަށެވެ.

comment ކޮމެންޓް