ދިއްފުށި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ދިއްފުށި މަތިން ނަގާފައިވާ ފޮޓޯއެއް --- ފޮޓޯ/ ޔޫދަވޯލްޑްވަންޑަރިން

ކ. ދިއްފުށީގައި އިއްޔެ ހިންގި ދެ މާރާމާރީއާ ގުޅިގެން އެރަށުން ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ދިއްފުށީގައި އިއްޔެ ހިންގި ދެ މާރާމާރީއާ ގުޅިގެން ދެ މީހަކު މިއަދުގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ 31 އަހަރާއި 33 އަހަރުގެ ދެ ފިރިހެނުންނެވެ.

ދިއްފުށީގައި ރޭ 9:30 ކަންހާއިރު ހިންގި ފުރަަތަމަ މާރާމާރީގައި އެރަށުގެ ޑައިވިން ސެންޓަރެއްގައި މަސައްކަތްކުރާ ޖަރުމަނު ރައްޔިތަަކަށް އަނިޔާވެފައިވާއިރު، ދެވަނަ މާރާމާރީގައި ޒަހަމްވި އެކަކު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ.

ރޭ ދަންވަރު 1:30 ކަންހާއިރު ހިންގި ދެވަނަ މާރާމާރީގައި ޒަހަމްވެގެން އައިޖީއެމްއެޗުން ފަރުވާ ދެމުންދަނީ އުމުރުން 43 އަހަރުގެ ފިރިހެނެކެވެ. މެޔަށް ލިބުނު އަނިޔާތަކެއްގައި އޭނާއަށް އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމުން ފަރުވާ ދީފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ދިއްފުށީގައި ހިންގި ދެ މާރާމާރީ ވެސް ހިންގާފައިވަނީ ދަގަނޑު ބުރިފަދަ ތަކެތި ބޭނުން ކޮށްގެންނެވެ. ނަމަވެސް ދެ މާރާމާރީއަކީ ވެސް ގުޅުންހުރި ދެ މާރާމާރީ ކަމެއް އަދި ނޭނގެއެވެ.

comment ކޮމެންޓް