ބްރިޖު މެދުވެރިކޮށް އަޅާ ފެން ހޮޅިލައިން ގާއިމްކުރަން ބްރިޖުގެ ކޮންޓްރެކްޓަރަށް

ބްރިޖު މެދުވެރިކޮށް އަޅާ ފެން ހޮޅިލައިން އަދި ފައިބާ އޮޕްޓިކް ކޭބަލް ގާއިމްކުރުމުގެ މަސައްކަތް ބްރިޖުގެ ކޮންޓްރެކްޓަރާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު މެދުވެރިކޮށް އަޅާ ފެން ހޮޅިލައިން އަދި ފައިބާ އޮޕްޓިކް ކޭބަލް ގާއިމްކުރުމުގެ މަސައްކަތް ބްރިޖުގެ ކޮންޓްރެކްޓަރު، ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

ބްރިޖު މެދުވެރިކޮށް، މާލެއާއި ހުޅުމާލޭގެ ކަރަންޓާއި ފެނުގެ ނިޒާމާއި އަދިވެސް އިތުރު ނެޓްވޯކްތަކެއް ގުޅާލަން ސަރުކާރުން ވަނީ ނިންމައިފައެވެ.

އެގޮތުން، ބްރިޖު މެދުވެރިކޮށް އަޅަން ހަމަޖެހިފައިވާ ފެން ހޮޅި ލައިނަކީ އެމްޑަބްލިއުއެސްސީން އެކުލަވާލާފައިވާ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން މާލޭގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަސައްކަތެކެވެ.

ފެން ހޮޅިލައިން ގާއިމްކުރުމުގެ މަސައްކަތް ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީއާ މިއަދު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ އެގްޒެކެޓިވް ޖެނެރަލް މެނޭޖަރު ޒެންގް ނަން ހައިއެވެ.

މިއީ ގާތްގަނޑަކަށް 1.6 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 25 މިލިއަން ދިވެހި ރުފިޔާ) ހަރަދުކޮށްގެން ގާއިމްކުރާ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރުމަށް ޗައިނާ ހާބަރ އިންޖިނިއަރިންއާ މިއަދު ހަވާލުކުރިއިރު، ފެން ޕައިޕްލައިންގެ މަޝްރޫއު ޑިޒައިންކުރީ ވެސް އެ ކުންފުނިންނެވެ. ޑިޒައިނިންގެ މަސައްކަތަށް އެކަނިވެސް އެމްޑަބްލިއުއެސްސީން ގާތްގަނޑަކަށް ދެ ލައްކަ ޑޮލަރު ހަރަދުކުރިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފަޒުލް ވިދާޅުވީ، ބްރިޖު މެދުވެރިކޮށް ގާއިމްކުރާ ފެން ހޮޅިލައިންގެ މަގްސަދަކީ މާލެ އަދި ހުޅުމާލެއަށް ބޭނުންވާ ފެން ކޮންމެ ހިނދެއްގައި ބްރިޖު މެދުވެރިކޮށް ޕަމްޕު ކުރެވޭނެ ނިޒާމެއް ގާއިމްކުރުން ކަމަށެވެ.

އަދި އެކަމުގެ ސަބަބުން މާލެ ސަރަހައްދުގެ ރައްޔިތުންނަށް ފެނުގެ ސެކިއުރިޓީ މުޅިން ޔަގީން ކޮށްދެވޭނެ ކަމަށް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ، އެ މަޝްރޫއަށް ބޭނުންވާ ހުރިހާ އާލާތްތަކެއް މިހާރު މާލެއަށް ގެނެސްފައިވާ ކަމަށާއި އެހެންކަމުން އުއްމީދަކީ ވީހާވެސް އަވަހަކަށް އެ މަޝްރޫއުގެ މަސައްކަތް ފެށުން ކަމަށެވެ.

މަޝްރޫއުގެ އަމަލީ މަސައްކަތް ޗައިނާގެ ހާބަރ އިންޖިނިއަރިންއާ ހަވާލުކުރި ނަމަވެސް އެ މަޝްރޫއުގައި ބޭނުންކުރާ ހޮޅިތައް ސަޕްލައި ކޮށްދޭން ނިންމާފައިވަނީ އެމްޑަބްލިއުއެސްސީންނެވެ.

މާލެ ސަރަހައްދުގެ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން އެމްޑަބްލިއުއެސްސީން އިން ވަނީ އެކުންފުނީގެ މައި ފެން ޕްލާންޓު ފެސިލިޓީގެ އިތުރުން މާލޭގެ އިތުރު ދެ ސަރަހައްދެއްގައި ފެން ޕުލާންޓް ގާއިމް ކޮށްފައެވެ.

އެގޮތުން ބޮޑުތަކުރުފާނު މަގުގައި މިދިޔަ އަހަރު ގާއިމްކުރި 5000 ކޮޑިމީޓަރުގެ ފެން ޕްލާންޓާއި މިމަހުގެ ތެރޭގައި ހަވީރީ ހިނގުމުގައި ގާއިމްކުރި 2000 ކޮޑިމީޓަރުގެ ފެން ޕުލާންޓުގެ ސަބަބުން މާލޭގެ ފެން އުފެއްދުމުގެ ކެޕޭސިޓީ ވަނީ 27،000 އަށް އިތުރު ކޮށްފައެވެ.

comment ކޮމެންޓް