ކަނބަލުންގެ އަގު ވަޒަންކުރަން ކުރިން އެވޯޑު ނުދޭ ދާއިރާތަކަކުން އެވޯޑު ދެނީ

ވިމެން އިން މެނޭޖުމެންޓާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) ގުޅިގެން ކަނބަލުންގެ އަގު ވަޒަންކުރުމަށް އެވޯޑު ދޭން ވަނީ ނިންމާފައި ---

ރާއްޖޭގައި ކަނބަލުންގެ އަގު ވަޒަންކޮށް އެކަމުގެ ރަމްޒެއްގެ ގޮތުން އެވޯޑު ނުދޭ ދާއިރާތަކަކުން އެވޯޑް ދޭން ނިންމައިފިއެވެ.

މިއީ ވިމެން އިން މެނޭޖުމެންޓާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) ގުޅިގެން ދޭ އެވޯޑެކެވެ.

"ޓޮޕް 50 ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން"ގެ ނަމުގައި ރާއްޖޭގައި މިނީ އެވޯޑެއް ދޭން ނިންމާފައިވާއިރު ރާއްޖޭގައި މިއެވޯޑުތައް ދޭނީ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.

މިއީ ދިރިއުޅުމާއި ވިޔަފާރީގެ މައިދާނުގައި އެހެން މީހުންނަށް ނަމޫނާ ދައްކާ ކަނބަލުންގެ އަގު ވަޒަންކޮށް، ދޭ އެވޯޑެވެ.

ރާއްޖޭގައި ދޭން ނިންމާފައިވާ އެވޯޑާ ގުޅޭގޮތުން ވިމެން އިން މެނޭޖުމެންޓް، ރާއްޖޭގެ ގޮފީގެ އެގްޒެކެޓިވް ކޮމެޓީގެ ރައީސާ މިންހާ ފާއިޒް ވިދާޅުވީ މިއީ ވިމެން އިން މެނޭޖްމެންޓުން ރާއްޖޭގައި މިނީ އެވޯޑެއް ވަކިން ދޭ ފުރަތަމަ ފަހަރު ކަމަށެވެ.

ރާއްޖޭގައި ދޭން ނިންމާފައިވާ އެވޯޑާ ގުޅޭގޮތުން ވިމެން އިން މެނޭޖުމެންޓް، ރާއްޖޭގެ ގޮފީގެ އެގްޒެކެޓިވް ކޮމެޓީގެ ރައީސާ މިންހާ ފާއިޒް ވާހަކަދައްކަވަނީ ---

ރާއްޖެއިން އެވޯޑު ލިބޭ ފަރާތްތައް ލަންކާގައި އަންނަ އޮގަސްޓުމަހު ބާއްވާ "ޓޮޕް 50 ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން" އެވޯޑަށް ނޮމިނޭޓުވާނެ ކަމަށާއި ރާއްޖޭގައި އެވޯޑަށް ހުޅުވާލާނީ މީގެ ކުރިން ކަނބަލުންގެ އަގު ވަޒަންކޮށް އެވޯޑު ދީފައިނުވާ ދާއިރާތަކަކުން ކަމަށް މިންހާ ވިދާޅުވިއެވެ.

މިއީ ލަންކާގައި މި އެވޯޑުދޭ އަށް ވަނަ އަހަރެވެ.

އެވޯޑަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލަނީ ރާއްޖެއާއި ލަންކާއަށް ވަކިވަކިންނެވެ. އެވޯޑަށް ކުރިމަތިލާ ކެނޑިޑޭޓުން ޖަޖުކުރާނީ ދެ ގައުމުގެ ފަނޑިޔާރުން އެކުލެވޭ ޕެނަލް އަކުންނެވެ.

"އަޅުގަނޑު ގަބޫލުކުރާނީ މި އެވޯޑާއެކު ރާއްޖޭގައި ތިބި ހުނަރުވެރި އަދި ގާބިލް ކަނބަލުންނަށް، އެކަނބަލުންގެ މަސައްކަތުގެ އަގު ވަޒަންކުރެވޭ ކަމުގެ އިހުސާސް ކުރެވިގެންދާނެ ކަމަށް،" މިންހާ ވިދާޅުވިއެވެ.

ރާއްޖެއިން މިި އެވޯޑު ދޭނެ ދާއިރާތަކަކީ ހޮސްޕިޓަލިޓީ އިންޑަސްޓްރީ، ކެރިއާ ރޯލް މޮޑެލް، ބިޒްނަސް ރޯލް މޮޑެލް، ޔަންގް ޔޫތު ލީޑާޝިޕް އެވޯޑު، އަޕްކަމިން އެންޓްރަޕްރެނިއާ، ކެރިއާ އެޗީވާ އޮފް ދަ އިޔާ، ވިމެން އޮފް ދަ އިޔާ އަދި އޯގަނައިޒޭޝަން ސަޕޯޓިވް ޓުވާޑްސް ވިމެން ލިޑަޝިޕްއެވެ.

comment ކޮމެންޓް