މާޒިޔާގެ ގޯލް ބަލަހައްޓަމުންދިޔަ އިޓަލީ ކީޕަރު ފޮނުވާލައިފި

މާޒިޔާގެ އިޓަލީ ކީޕަރު މައުރޯ އެޓީމާއެކު ފަރިތަކުރުންތަކުގައި --- ފޮޓޯ/ މާޒިޔާ

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކުޅެމުން އަންނަ އިޓަލީގެ ގޯލްކީޕަރު މައުރޯ ބޮއޭޗިއޯ ފޮނުވާލުމަށް ކްލަބުން ނިންމައިފިއެވެ.

އޭނާ މާޒިޔާއާއެކު ވެފައިވާ އެއްބަސްވުން އުވާލައިފައިވާ ކަމަށް "ސަން ސްޕޯޓްސް"އަށް ވަނީ ޔަގީންވެފައެވެ. އަދި މިދިޔަ ހަފްތާގައި އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު މައުރޯއާއި މާޒިޔާއާ ދެމެދު ވެފައިވާ އެއްބަސްވުން އުވާލުމުން އޭނާ މިހާރު ރާއްޖެ ދޫކޮށް ވަނީ ގޮސްފައެވެ.

ސަން ސްޕޯޓްސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މައުރޯ ފޮނުވާލަން ޓީމުން ނިންމީ ޑިސިޕްލިންއާއި އެޓިޓިއުޑުގެ މައްސަލަތަކެއް އުޅުމުންނެވެ.

މާޒިޔާއާއި އީގަލްސް އެންމެފަހުން ކުޅުނު މެޗުން އީގަލްސް މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. އެ މެޗަށްފަހު މާޒިޔާގެ ކޯޗު އިސްމާއީލް މަހެފޫޒު (އިންމަ) ބުނީ ކުޅުންތެރިންގެ ފަރާތުން އެޓިޓިއުޑް މައްސަލަތަކެއް ފެނުނު ކަމަށާއި، އެކަންކަން ހައްލު ކުރާނެ ކަމަށެވެ.

މައުރޯއަކީ މި ސީޒަނަށް މާޒިޔާއިން ގެނައި ކީޕަރެކެވެ. އިޓަލީގެ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގެ ބައެއް ކްލަބުތަކުގެ އެކަޑެމީއަށްވެސް ކުރިން ކުޅުނު މައުރޯ ވަނީ އިޓަލީގެ ތިންވަނަ ޑިވިޝަންގައި މިހާރު ކުޅެމުން އަންނަ ސަވޯނާ އެފްބީސީގައިވެސް ސީޒަނެއް ހޭދަކޮށްފައެވެ. މީގެ އިތުރުންވެސް އޭނާ ވަނީ އޯޝެނިއާގެ ވަނުއާޓާގެ ފުރަތަމަ ޑިވިޝަނަށްވެސް ކުޅެފައެވެ. އަދި މިދިޔަ ސީޒަންގައި މައުރޯ ކުޅެފައިވަނީ މާލްޓާގެ ފުރަތަމަ ޑިވިޝަންގެ ޓީމެއް ކަމަށްވާ ޒީރާ ޔުނައިޓެޑް އެފްސީއަށެވެ.

މާޒިޔާގެ ފުރަތަމަ 11އިން މި ސީޒަންގެ ހުރިހާ މެޗެއްގައިވެސް ފެނުނު މައުރޯގެ ބަދަލުގައި ދެން ގޯލުން ފެންނާނެ ކަމަށް ބެލެވެނީ ޒުވާން ކީޕަރު ހުސައިން ޝަރީފެވެ. ހުސައިން އަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ އުންމީދީ ކީޕަރެވެ. ގައުމީ ސްކޮޑުންވެސް ޖާގަ ހޯދަމުންދާ ހުސައިނަށް މި ފުރުސަތު ވެގެންދާނީ މާޒިޔާގެ ފުރަތަމަ 11ގައި ހިމެނި ގިނަ މެޗުތަކެއް ކުޅެން ޖެހޭ ފުރަތަމަ ފަހަރަށެވެ.

މާޒިޔާއަށް ދެން މާލޭ ލީގުގެ މެޗެއް އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުގެ ރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާ ދެކޮޅަށެވެ.

comment ކޮމެންޓް