އެމެރިކާއަށް ފަހު ޕެރެގުއޭގެ އެމްބަސީވެސް ގުދުސްގައި ހުޅުވައިފި

އިސްރާއީލުގައި ހިންގާ ޕެރެގުއޭ އެމްބަސީ ގުދުސްގައި ހުޅުވުމުގެ ރަސްމިއްޔާތުގައި ޕެރެގުއޭގެ ރައީސް ހޮރޭޝިއޯ ކާޓޭޒް އަދި އިސްރާއީލުގެ ބޮޑުވަޒީޜު ނަތަންޔާހޫ

އިސްރާއީލުގައި ހުންނަ ޕެރެގުއޭގެ އެމްބަސީ ގުދުސްއަށް ބަދަލުކޮށް، އެ އެމްބަސީ މިއަދު ހުޅުވައިފިއެވެ.

އިސްރާއީލުގައި ޕެރެގުއޭއިން ހިންގާ އެމްބަސީ ގުދުސްއަށް ބަދަލުކޮށް، އެ އެމްބަސީ ހުޅުވީ މިއަދު އޮތް ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ޕެރެގުއޭގެ ރައީސް ހޮރޭޝިއޯ ކާޓޭޒްއާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބައިވެރިވިއެވެ.

ޕެރެގުއޭއަކީ އިސްރާއީލުގައި ހިންގާ އެމްބަސީ ގުދުސްއަށް ބަދަލުކުރި ތިންވަނަ ގައުމެވެ. ގުދުސްއަށް އެމްބަސީ އެންމެ ފުރަތަމަ ބަދަލުކުރީ އެމެރިކާއިންނެވެ. އެމެރިކާއިން ގުދުސްގައި އެމްބަސީ ހުޅުވީ، ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ބަލައިގަންނަ ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރުގެ ތެރޭގައި ނިންމެވުމުންނެވެ.

އެ ނިންމުމާ ދެކޮޅަށް އދއިން ގަރާރެއްވެސް ފާސްކުރިއިރު، އެމެރިކާއިން ވަނީ އެ ގަރާރަށް ތާއީދުކުރާ ގައުމުތަކަށް ދޭ އެހީ ކަނޑާލާނެކަމުގެ އިންޒާރު ވެސް ދީފައެވެ.

އެމެރިކާއިން މިދިޔަ ހަފްތާގެ ތެރޭގައި އެމްބަސީ ގުދުސަށް ބަދަލުކުރި އިރު، މެދުތެރޭ އެމެރިކާގެ ގުއާޓަމާލާއިންވެސް ވަނީ އެމްބަސީ ގުދުސްގައި ހުޅުވާފައެވެ. މި ގައުމުތަކުން މީގެ ކުރިން އެމްބަސީ ހިންގީ ޓެލް އަވީވުގައެވެ.

އެމެރިކާގެ އެމްބަސީ ގުދުސުގައި ހުޅުވި ދުވަހު، އިސްރާއީލާއި ގާޒާ ގުޅޭ ބޯޑަރު ކައިރީ ފަލަސްތީނުގެ ރައްޔިތުން ކުރިއަށްގެން ދިޔަ މުޒާހަރާތަކުގައި 60 މީހުން މަރުވިއެވެ.

https://sun.mv/105739

އެމުޒާހަރާތަކުގައި ފަލަސްތީނުގެ ރައްޔިތުން ވަނީ އެމީހުންގެ ކާބަފައިންގެ ބިމަށް ރުޖޫއަވުމުގެ ހައްގު އޮތް ކަމަށް ބުނެ، އިސްރާއީލްގެ ބޯޑަރު ހުރަސް ކުރަން މަސައްކަތްކޮށްފައެވެ.

އިސްރާއީލުގެ އަމަލުތަކާ ގުޅޭގޮތުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީޒް (އޯއައިސީ)ގެ ކުއްލި ބައްދަލުވުމެއް ތުރުކީގައި ކުރިއަށް ދިޔަ އިރު، އެ ބައްދަލުވުމުގައި ވަނީ ގުދުސްގައި އެމްބަސީ ހުޅުވަން އުޅޭ ގައުމުތަކާ އޯއައިސީގެ މެމްބަރު ގައުމުތަކުން ވާހަކަދައްކައި، އެކަން ހުއްޓުވުމަށް ހުށަހަޅާފައެވެ.

ނަވާރަސަތޭކަ ސާޅީހުގެ އަހަރުތަކުގައި ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފެއްދި އިރު، ފަލަސްތީނަށް ދިނީ ހުޅަނގު އައްސޭރިއާއި ގާޒާއެވެ. ގުދުސް ނުވަތަ ޖެރޫސަލެމް ސިޓީ ދެބައިކޮށް، ދެގައުމަށް ވެސް އެ ސިޓީގެ ބައެއް ދެވުނެވެ. އިސްރާއީލަށް ހުޅަނގު ގުދުސް ލިބުނު އިރު، ފަލަސްތީނަށް ލިބުނީ އިރުމަތީ ގުދުސްއެވެ.

ނަވާރަސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުގައި އަރަބި އިސްރާއީލީ ހަނގުރާމައިގެ ތެރެއިން، އިސްރާއީލުން ވަނީ ޤުދުސްގެ، ފަލަސްތީނުގެ ފަޅި (އިރުމަތީ ޤުދުސް) ހިފައިފަ އެވެ. ނަމަވެސް އިރުމަތީ ގުދުސްއަކީ އިސްރާއީލްގެ ބިމެއް ނޫން ކަމަށް ބުނެ އދއިން ވަނީ 1980ގައި ގަރާރެއް ފާސްކޮށްފައެވެ.

comment ކޮމެންޓް