އޯއައިސީގައި ރާއްޖެއިން އިސްރާއީލާ ދެކޮޅަށް އަޑު އުފުލައިފި

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގި ހަރުކަށި އަމަލުތަކާ ދެކޮޅަށް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީޒް (އޯއައިސީ)ގެ ކުއްލި ސަމިޓުގައި ދިވެހިރާއްޖެއިން އަޑު އުފުލައިފިއެވެ.

ތުރުކީގެ އިސްތަންބޫލްގައި މިހާރު ކުރިއަށްދާ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވަނީ، އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން މުޒާހަރާ ކުރުމުން އިސްރާއީލުން އެ ރައްޔިތުންނާ ހަތިޔާރާ އެކު ކުރިމަތިލައި، ބައެއް މީހުން ޝަހީދުކޮށްލި ހާދިސާ ކުށްވެރިކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ ހަތިޔާރު ވެސް ނެތި މުޒާހަރާ ކުރަމުން ދިޔަ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން އެކަށީގެން ނުވާ ވަރަށް ބާރުގެ ބޭނުންކޮށްފައި ވާކަމަށާއި އެއީ އދގެ ރޫހާ ޚިލާފު، އަދި ސަރަހައްދުގެ ހަމަޖެހުން ގާއިމުކުރުމަށް ހުރަސް އެޅޭ އަމަލެއް ކަމަށެވެ.

އޭގެ އިތުރުން މިނިސްޓަރު ޑރ. އާސިމް ވަނީ އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރި ކުރުމާ ދެކޮޅަށް އަޑު އުފުއްލަވާފައެވެ. އަދި އެމެރިކާގެ އަމަލަށް ފަހު ގުދުސަށް އެމްބަސީ ބަދަލުކުރަން މަސައްކަތް ކުރަމުންދާ އެހެން ގައުމުތަކާ ވާހަކަދައްކައި، އެކަން ހުއްޓުވުމަށް މަސައްކަތްކުރުމަށް ފޮރިން މިނިސްޓަރު ވަނީ އޯއައިސީގެ މެމްބަރު ގައުމުތަކަށް ގޮވާލައްވާފައެވެ.

އޯއައިސީގެ ކުއްލި ބައްދަލުވުމެއް އިސްތަންބޫލްގައި ކުރިއަށް ދަނީ އޯއައިސީގެ ޗެއާ، ތުރުކީގެ ބޮޑުވަޒީރު ރަޖަބު ތައްޔިބު އުރުދުގާންގެ ދައުވަތަކަށެވެ. އެ ކުއްލި ބައްދަލުވުން ބާއްވަނީ އިސްރާއީލުގެ އެމެރިކާ އެމްބަސީ ޓެލް އަވީވުން ގުދުސަށް ބަދަލުކުރުމާއި، އެކަމާ ދެކޮޅާށް މުޒާހަރާކުރި ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް އިސްރާއީލުން ބާރުގެ ބޭނުންކުރި މައްސަލައިގައެވެ.

https://sun.mv/105723

އޯއައިސީގައި ރާއްޖެއިން އިސްރާއީލުގެ އަމަލުތަކާ ދެކޮޅަށް އަޑު އުފުލި އިރު، ފަލަސްތީނުގެ ސަރަހައްދު ތަކުގައި އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކުގެ މައްސަލާގައި ބޭއްވި ހާއްސަ ސެޝަނެއްގައި ޖެނީވާގައި ހުންނަވާ ރާއްޖޭގެ މަންދޫބު ޑރ. ހާލާ ހަމީދު ވަނީ އދގެ ހިއުމަން ރައިޓްސް ކޮމިޝަނުގައި އެކަންކަމާ ދެކޮޅާށް އަޑު އުފުއްލަވާފައެވެ.

އަދި އެ މައްސަލަ ބަލައި ތަހުގީގު ކުރަން މިނިވަން ކޮމިޝަނެއް އުފައްދަން އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނުން ހުށަހެޅި ހުށަހެޅުން ރާއްޖެއިން ވަނީ ކޯސްޕޮންސާވެސް ކޮށްފައެވެ.

comment ކޮމެންޓް