އެފްބީއައިއިން ޓްރަމްޕްގެ ކެމްޕެއިނަށް ޖާސޫސްކުރިތޯ ބަލަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެފްބީއައިއިން ޓްރަމްޕް ކެމްޕެއިނަށް ޖާސޫސު ކުރިތޯ ބަލަން ގޮވާލައްވާފައި -- ފޮޓޯ: އޭޕީ

ވޮޝިންޓަން (މޭ 21): ދެހާސްސޯޅަ ވަނަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބު ތެރޭގައި، އެފްބީއައިއިން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕެއިނަށް ޖާސޫސް ކުރި ކަމަށް ބުނާ ތުހުމަތުތައް އެގައުމުގެ ޖަސްޓިސް ޑިޕާޓްމެންޓުން ތަހުގީގު ކުރަން ނިންމައިފިއެވެ.

ޔޫއެސް ޑެޕިއުޓީ އެޓާނީ ޖެނެރަލް ރޮޑް ރޯޒެންސްޓެއިން ވަނީ އެފްބީއައިއިން ޓްރަމްޕް ކެމްޕެއިނަށް ޖާސޫސު ކުރިކަން ހާމަވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.

"ނުރަނގަޅު މަގުސަދަކަށްޓަކައި ރިޔާސީ ކެމްޕެއިނަކަށް ޖާސޫސު ކުރި ނަމަ، އަޅުގަނޑުމެން އެމައްސަލަ ބަލައި އެކަށީގެންވާ ފިޔަވަޅު އަޅަން ޖެހޭ،" ރޯޒެންސްޓެއިން ވިދާޅުވިއެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން އެފަދައިން ބުނީ އެމައްސަލަ ތަހުގީގު ކުރަން ރައީސް ޓްރަމްޕް ޓުވިޓާ މެދުވެރިކޮށް ގޮވާލެއްވި ފަހުންނެވެ. އެގޮތުން ރައީސް ޓްރަމްޕް ވަނީ "އެފްބީއައި އިން ސިޔާސީ ސަބަބުތަކަށްޓަކައި ޓްރަމްޕް ކެމްޕެއިނަށް ޖާސޫސު ކުރިތޯ އާއި ރައީސް ބަރަކް އޮބާމާގެ ސަރުކާރުން އެފަދަ ކަމަކަށް އެދުނުތޯ،" ތަހުގީގު ކުރަން ގޮވާލައްވައިފައެވެ.

ޖަސްޓިސް ޑިޕާޓްމެންޓުން މިހާރުވެސް ދަނީ ޓްރަމްޕް ކެމްޕެއިނާ ގުޅުން ހުރި މައްސަލަތަކެއް ބަލަމުންނެވެ. އޭގެ ތެރޭގައި ރަޝިއާއިން އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވިތޯ އާއި އެއިންތިހާބު ކާމިޔާބު ކުރުމަށް ޓްރަމްޕްގެ ކެމްޕެއިނުން ރަޝިއާއާ ގުޅިގެން މަސައްކަތްކުރި ކަމަށް ބުނާ ތުހަމަތުތައް ހިމެނެއެވެ. (ބީބީސީ)

comment ކޮމެންޓް