"މުންނާ ބާއީ"ގެ އިތުރު ފިލްމެއް ފެނިގެންދާނެ: ހިރާނީ

ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ކާމިޔާބު ފިލްމު ސީރީޒް "މުންނާ ބާއީ"ގެ ތިން ވަނަ ފިލްމެއް އުފައްދާނެ ކަމުގެ ޔަގީންކަން އޭނާ ދީފި އެވެ.

މިހާތަނަށް "މުންނާ ބާއީ"ގެ ދެ ފިލްމެއް ބެލުންތެރިންނާ ހަމައަށް އައިސްފައި ވާއިރު، އެއީ ބެލުންތެރިގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކާމިޔާބު ދެ ފިލްމެވެ.

ދެހާސް ތިން ވަނަ އަހަރު ރިލީޒް ކުރި "މުންނާ ބާއި އެމްބީބީއެސް" އަށްފަހު 2006 ވަނަ ވަނީ ފިލްމުގެ ދެވަނަ ބައި، "ލަގޭ ރަހޯ މުންނާ ބާއި" ރިލީޒް ކޮށްފައެވެ. އޭގެ ފަހުން މިހާރު 12 އަހަރު ވެފައި ވާއިރު، އެ ސީރީޒްގެ އިތުރު ފިލްމެއް ބެލުންތެރިންނާ ހަމައަށް އައިސްފަ އެއް ނުވެއެވެ.

ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ރާޖްކުމާރު ހިރާނީ ބުނީ ތިންވަނަ ފިލްމުގެ މަސައްކަތް ފަށައި، ސްކްރިޕްޓުގެ ބޮޑު ބައެއް ވެސް ނިންމި ކަމަށެވެ. ނަމަވެސް، ފުރަތަމަ ދެ ފިލްމާ ގުޅުން ނެތުމުގެ ސަބަބުން އެ މަސައްކަތް އެހިސާބުން ހުއްޓާލީއެވެ.

"އެކަމަކު މިހާރު އަނެއްކާ ވެސް އިތުރު ޚިޔާލެއް ލިބިއްޖެ. އަދި ޖެހޭނީ އޭތި ލިޔަން،" ހިރާނީ ބުންޏެވެ.

ހިރާނީ ބުނީ "މުންނާ ބާއީ" އުފެއްދި އިރު އެ ފިލްމަށް އެވަރުގެ ތަރުހީބެއް ލިބިގެންދާނެ ކަމަށް އުންމީދު ވެސް ނުކުރެވޭ ކަމަށެވެ. ފިލްމަށް ލިބުނު އާމްދަނީއަށް ވުރެ ބޮޑަށް، ބެލުންތެރިންގެ ފަރާތުން ލިބުނު ލޯބި އެތައް ގުނައެއް އިތުރު ކަން ހިރާނީ ފާހަގަ ކުރިއެވެ.

ސަންޖޭ ދަތު ލީޑު ރޯލުން ފެނިގެންދާ "މުންނާ ބާއީ" ގައި ސަންޖޭ އާއެކު ދެން ފެނިގެން ދަނީ އަރްޝަދް ވާރްސީއެވެ.

ހިރާނީ މިހާރު އަންނަނީ ސަންޖޭގެ ހަޔާތުގެ މައްޗަށް އޭނާ ޑައިރެކްޓުކޮށްފައިވާ ފިލްމު "ސަންޖޫ" ރިލީޒް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ރަންބީރު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ރިލީޒް ކުރާނީ ޖޫން 29ގައެވެ.

comment ކޮމެންޓް