އިނިއެސްޓާއަށް ފުރިހަމަ އަލްވަދާއެއް، ސަޕޯޓަރުން ރޮއްވާލައިފި!

ބާސާއިން އިނިއެސްޓާއަށް ދިން ވަދާއުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ބާސެލޯނާއިން މިއަހަރުގެ ލީގުގައި ކުޅުނު ފަހު މެޗު ވެގެންދިޔައީ ރޭ ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅުނު މެޗަށެވެ.

އަލަށް މި ސީޒަންގައި ބާސާއާ ގުޅުނު ފިލިޕް ކުޓީނިއޯގެ ގޯލާއެކު ބާސާ އެ މެޗު ކާމިޔާބުކުރި އިރު، މެޗު ހާއްސަ ވެގެން ދިޔައީ ބާސާގެ ޖާޒީގައި އަންދްރޭސް އިނިއެސްޓާ ކުޅުނު ފަހު މެޗުގެ ގޮތުންނެވެ. މެޗުގެ ކުރިންވެސް މުޅި ސްޓޭޑިއަމްއިން "އިންފިނިޓް އިނިއެސްޓާ"ގެ ހާއްސަ ލޯގޯއާއި އިނިއެސްޓާގެ ޖާޒީ، ސަޕޯޓަރުންގެ އެތުރުމުން ދައްކުވައިދިން އިރު، ރޭގެ މެޗު ނިމުމަށްފަހުވެސް ބާސާއިން ވަނީ އިނިއެސްޓާގެ އަލްވަދާއުގައި ހާއްސަ ކަންތައްތަކެއް ކޮށްފައެވެ.

ބާސާއިން އިނިއެސްޓާއަށް ދިން ވަދާއުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގެ ފަހުން ސްޓޭޑިއަމްގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ އިރު، އިނިއެސްޓާ ވަނީ ބާސާ ސަޕޯޓަރުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

"ޝުކުރިއްޔާ ހުރިހާ ކުޅުންތެރިންނާ ޓީމުގެ މެނޭޖުމަންޓަށްވެސް. އަހަރެން ބާސާއަށް އައީ ކުޑަ ކުއްޖެއްގެ ގޮތުގައި. ސަޕޯޓަރުންނާ ކްލަބުން ދިން ލޯތްބެއްގެ ސަބަބުން މިއަދު ކްލަބު ދޫކޮށް މިދަނީ ހަރުދަނާ މީހެއްގެ ގޮތުގައި،" އިނިއެސްޓާ އޭނާގެ ވަދާއީ ވާހަކަ ކޮޅުގައި ބުންޏެވެ.

ބާސާގެ ލަމެސިއާ ޔޫތު އެކަޑެމީގެ އެންމެ ވަރުގަދަ އެއް އުފެއްދުން ކަމަށްވާ އުމުރުން 34 އަހަރުގެ އިނިއެސްޓާ މުޅި ކެރިއަރު އެއްކޮށް ހޭދަކޮށްފައި ވަނީ ބާސާގައެވެ. އެގޮތުން ސީނިއާ ޓީމުގައި އޭނާ ހޭދަކުރި 16 އަހަރު ދުވަހުގެ ތެރޭގައި އޭނާ ވަނީ 22 ތަށި ޓީމާއެކު ހޯދައިފައެވެ.

ޑިސިޕްލިން ރަނގަޅު، ހުނަރުގެ ގޮތުން ތަފާތު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އިނިއެސްޓާ މި ސީޒަނަށްފަހު ބާސާ ދޫކޮށްލާނެ ކަމަށް ކުރިން އިއުލާން ކޮށްފައިވާ އިރު، އޭނާގެ މުސްތަގުބަލާ މެދު ނިންމާނެ ވަކި ގޮތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ބާސާއިން އިނިއެސްޓާއަށް ދިން ވަދާއުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މިހާތަނަށް ގައުމީ ޓީމަށް 129 މެޗު ކުޅެދީފައިވާ އިނިއެސްޓާ ވަނީ ގައުމީ ޓީމާއެކު ވޯލްޑް ކަޕް ތަށްޓާއި ޔޫރޯ ދެ ފަހަރަށް ކާމިޔާބުކޮށްފައެވެ. އަންނަ ހޯމަ ދުވަހު ސްޕެއިންގެ ވޯލްޑް ކަޕް ސްކޮޑު އިއުލާން ކުރާ އިރު، އިނިއެސްޓާގެ ނަން ސްކޮޑުގައި ހިމަނާނެކަމަށް ބޮޑު ޔަގީންކަމެއް އެބައޮތެވެ.

comment ކޮމެންޓް