މެދުއިރުމަތީގެ އާދަކާދަ ބަލައިލަން ދިޔަ މީހާ އިސްލާމްވިގޮތް

ފަތުރުވެރިއެއްގެ ގޮތުގައި މެދުއިރުމަތި ބަލާލަން ފެށި ދަތުރުގެ ފުރަތަމަ މަންޒިލަކަށްވީ ބަހްރެއިން އެވެ. މި ދަތުރަކީ ހީކުރިވަރަށް ވުރެ އުނދަގޫ ދަތުރެކެވެ. އެކި ގައުމުތަކުގެ، އެކި ސަގާފަތްތަކުގެ މީހުންނާ ބައްދަލުވި އެވެ. ގިނަ މީހުން އެތަނަށް ގޮސް އުޅެނީ ވަޒީފާ އަދާކުރުމަށެވެ. އެ ދަތުރުގައި އުޅެނިކޮށް ބަންގި ގޮވާ އަޑު އިވެން ފެށި އެވެ. އެ އަޑު އަހަންނަށް ކަމުގޮސްގެން އިތުރަށް އޮޅުން ފިލުވަން ސުވާލު ކުރީމެވެ. އޭރު އެ ބަސްތަކުގެ މާނައަށް މާ ބޮޑު ޝައުގެއް ނެތެވެ. ނަމަވެސް ފަތުރުވެރިއެއްގެ ހައިސިއްޔަތުންނެވެ.

އޭގެ ފަހުން އަނެއްކާ ވެސް އަހަރެން ގަލްފް ސަރަހައްދަށް ދަތުރެއް ކުރީމެވެ. ދުބާއީ އާއި ބަހްރެއިން، ޝާރްޖާހް އަދި ތުރުކީ އަށެވެ. އެންމެ ޝައުގުވެރިކަމެއް ފެނުނީ ތުރުކީ އިންނެވެ. އޮޓޯމަން އެމްޕޔަރުގެ ހަޟާރަތަ ގުޅުންހުރި ކަންތަކާއި އިސްލާމިކް އާކިޓެކްޗާ އަހަރެންގެ ހިތް ދަމައިގަތެވެ.

އަހަރެންގެ އެ ދަތުރު ކުރެވުނީ ރަމަޟާން މަހެއްގެ ތެރޭގަ އެވެ. އެތަނުގެ އަހުލުވެރިން ތިބެނީ ދުވާލުގެ ވަގުތުގައި ނުކައި ނުބޮ އެވެ. އެމީހުންގެ ކުރިމަތީ ސައި ތައްޓެއް ބޯން ވެސް އަހަރެން ފަސް ޖެހުނެެވެ.

ތުރުކީގައި އަހަރެން އެންމެ ގަޔާވީ ރޯދައަށް ތިބޭ ތިބުމަށެވެ. މުސްލިމުންނާ އެކު އަހަރެން ވެސް ރޯދައަށް ހުންނަން ބޭނުންވެ އެކަން ކުރަން ފެށީމެވެ. ރޯދައަށް ތިބެ މަސައްކަތް ކުރާތަން ފެނި ވެސް އަހަރެން ހައިރާންވި އެވެ. ނަމަވެސް އެމީހުންނާ ބައިވެރިވެލުމުން އެނގުނީ ރޯދައަށް ހުރުމަކީ އާދަޔާހިލާފު ހިތްހަމަޖެހުން ލިބޭ ކަމެއް ކަމެވެ.

އޭގެ ތެރެއިން ދުވަހެކެވެ. ކޮންމެވެސް މީހަކު އަހަންނަށް ގުރުއާނުގެ އިނގިރޭސި ތަރުޖަމާއެއް ހަދިޔާކުރި އެވެ. އަހަރެން އެ ފޮތް ހުޅުވައިގެން ކިޔަން ފެށީމެވެ. ހާދަ ފުރިހަމަ ވާހަކަތަކެވެ. ގަބޫލުކުރަން ދަތި އެއްވެސް ވާހަކައެއް އެ ފޮތުގައި ބަޔާންކުރައްވައިފައެއް ނުވެ އެވެ.

އަހަންނަށް ފާހަގަވި ކަމަކީ ބައިބަލްއަކީ ދޭހަކުރަން އުނދަގޫ، ގިނަ އޮޅުންތަކެއް ހުރި ފޮތެއް ކަމެވެ. ނަމަވެސް ގުރުއާން އެއާ ތަފާތެވެ. ކިޔާ މީހަކު ކިޔާހިތުން ކިޔާލެވޭނެ އެވެ. ހުކުމްތައް ބަޔާންކުރައްވާފައި ވަނީ އެއްވެސް އޮޅުމެއް ނާރާނެ ފަދައަކުންނެވެ.

ގުރުއާން ތަރުޖަމާއާ އެކު އަހަރެން ދެން ޝައުގުވެރިވީ މުސްލިމުންގެ ރަސޫލާއާ ބެހޭ މައުލޫމާތު ހޯދުމަށެވެ. ރަސޫލާގެ ހަޔާތްޕުޅާ ގުޅޭ ވާހަކަތައް އަޑުއެހުމުން އެ ވާހަކަތަކަށް އިތުރަށް ޝައުގުވެރިވެ، އިތުރަށް އެނގެން ބޭނުންވެ އެވެ.

ތުރުކީއަށް ފަހު އަހަރެން ދިޔައީ ދުބާއީއަށެވެ. އޭރު ވެސް އަހަރެންގެ ހިތުގައި އިސްލާމްދީނާ މެދު ޝައުގު އުފެދިފައިވެ އެވެ. އެތަނުން ދިމާވި މީހަކާ އެކުވެރިކަން ބަދަހިކުރީމެވެ. އަހަރެންގެ ވަޒީފާ ވެސް ދުބާއީއަށް ބަދަލުކުރީ އެވެ.

އެކުވެރިޔާގެ އެހީގައި އިސްލާމްދީނާ ބެހޭ ގިނަ މައުލޫމާތުތަކެއް އަހަރެން ހޯދީމެވެ. ޔޫރަޕު މީހުން އިސްލާމްދީން ގަބުލުކުރާ ވާހަކަ އޭނާ ކިޔައިދިނެވެ. އޭރު އަހަންނަކީ އެއްވެސް ދީނެއްގެ މަތީ ހުރި މީހެއް ނޫނެވެ.

އިސްލާމްދީން ފަތުރަން މަސައްކަތްކުރާ ބަޔަކާ ދިމާވުމަކީ އަހަރެންގެ ހިތުގައި އުފެދިފައި ހުރި ސުވާލުތަކަށް ޖަވާބު ލިބެން ދިމާވި އެންމެ ފަސޭހަ މަގެވެ. އަހަރެން އިސްލާމްވީ މި ދަޢުވާ ގްރޫޕުގެ ކުރިމަތީގަ އެވެ. އޭގެ ކުރިން އިސްލާމްދީނާ ގުޅޭ ގިނަ މައުލޫމާތު އެމީހުންގެ ފަރާތުން ހޯދީމެވެ.

އިސްލާމްދީން ގަބޫލުކުރުމުން އަހަންނަށް ބުނެދެން ނެނގޭ ހިތްހަމަ ޖެހުން ލިބުނެވެ. މިއީ އެންމެ ސީދާ ތެދުމަގުކަން ޔަގީންވި އެވެ. ދެން ފަހަތް ބެލުމެއް ނެތެވެ. މާތް ﷲގެ އިރާދަފުޅުން އަހަންނަށް ތެދުމަގު ލިބިއްޖެ އެވެ.

comment ކޮމެންޓް