މުސްލިމުންނަށް ނަފުރަތުކުރި އެމެރިކާ ސިފައިންގެ މީހަކު އިސްލާމްވި ގޮތުގެ ވާހަކަ

ރިޗާޑް މެކްކިނީ އަފްޣާނިސްތާނާއި އިރާގު ހަނގުރާމައިގައި ބައިވެރިވި -- ފޮޓޯ/ ކާލް ޝްރޯޑާ، ސީއެންއެން

އިރާގު ހަނގުރާމައިގެ ތެރޭގައި އަފްޣާނިސްތާނުގައި އުޅުނު އެމެރިކާގެ ކަނޑުގެ ސިފައިންގެ މީހެއް ކަމަށްވާ ރިޗާޑް މެކްކިނީ އަކީ މުސްލިމުންނަށް ނަފުރަތުކުރި މީހެކެވެ. އަފްޣާނިސްތާނާއި އިރާގު ހަނގުރާމައިގައި ބައިވެރިވުމަށް ފަހު އޭނާގެ ހިތު ތެރޭގައި އިސްލާމްދީނަށް އުފެދިފައި އޮތީ ނަފުރަތާއި ރުޅިވެރިކަމެވެ. ސެޕްޓެމްބަރު 11، 2001ގައި އެމެރިކާއަށް ދިން ޓެރަރިސްޓު ހަމަލާތަކަށް ފަހު މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް އިތުރުވި އިރު، މެކްކިނީ އަކީ ވެސް މުސްލިމުންނާ ދެކޮޅަށް ވަރުގަދަ ރޭވުމެއް ރޭވި މީހެކެވެ.

އެމެރިކާގެ އިންޑިއާނާ ސްޓޭޓުގެ މަންސީއަށް ނިސްބަތްވާ މެކްކިނީ އިރާގާއި އަފްޣާނިސްތާނުގައި އުޅުމަށް ފަހު އެނބުރި ގައުމަށް އައިއިރު މަންސީގައި މުސްލިމުންގެ އާބާދީ އޮތީ އިތުރުވެފައެވެ. މެކްކިނީގެ ދަރިފުޅު ކިޔަވަންދިޔަ ސްކޫލުގައިވެސް މުސްލިމް ދަރިވަރުން އުޅުނެވެ. މުސްލިމުންނާ މެދު ނަފުރަތު އުފެދިފައިވާ މެކްކިނީގެ ހިތުގައި ރުޅިވެރިކަމުގެ ހުޅު އިތުރަށް ބޮޑުވިއެވެ. މިއާއެކު، މުސްލިމުން މަރާލުމަށް އޭނާ ރޭވިއެވެ.

ދެހާސް ނުވަ ވަނަ އަހަރު ތެރޭގައި މެކްކިނީ ރޭވީ މަންސީގައި ހުރި އިސްލާމިކް ސެންޓަރަށް ބޮމުގެ ހަމަލާއެއް ދީ، އެތަނުގައި އަޅުކަންކުރަން ތިބި މުސްލިމުން މަރައިލުމަށެވެ. އެގޮތުން އޭނާ ހަމަލާ ދޭން ރޭވީ މިސްކިތަށް ގިނަ ބަޔަކު ޖަމާވާނެ ދުވަހެއް ބަލައި، ހުކުރު ދުވަހެއްގައެވެ.

މެކްކިނީ އޭރު ވިސްނައިގެން ހުރީ އިސްލާމް ދީނަކީ "ކެންސަރެއް" ކަމަށާއި، އެ ބަލި ނައްތައިލާ އޮޕަރޭޝަން ޑޮކްޓަރަކަށް ވާނީ އޭނާ ކަމަށެވެ.

އިސްލާމްވުމުގެ ކުރިން އޭނާގެ ހިތުގައި އިސްލާމް ދީނާއި މުސްލިމުންނަށް އޮތީ ނަފުރަތު -- ފޮޓޯ/ ކާލް ޝްރޯޑާ، ސީއެންއެން

މެކްކިނީ އެ އިސްލާމިކް ސެންޓަރާ ދިމާއަށް މިސްރާބު ޖެހިއިރު އޭނަ ހުރީ ރުޅި އައިސްގެން ލޭ ކެކިފައެވެ. މޫނު ހުރީ ރަތްވެފައެވެ. އަޒުމަކަށް ކަނޑައެޅީ މިސްކިތް ގޮއްވައިލުމެވެ. މެކްކިނީ މިސްކިތަށް ވަންނަން އުޅުނު ތަނާ އޭނައާ ދިމާވީ މިސްކިތުގައި ތިބި މުސްލިމު ފިރިހެނުންތަކަކާއެވެ. އެ މީހުން އޭނާއާ ވާހަކަދައްކައި، އޭނަ ގެންގުޅުނު ހަތިޔާރުތައް ހޯދިއެވެ. ހަމަ އެވަގުތު މިސްކިތުގައި ހުރި ޖޯމޯ ވިލިއަމްސް ނަމަކަށް ކިޔާ މުސްލިމަކު މެކްކިނީ ގައިގައި ބައްދާލިއެވެ.

ވިލިއަމްސް ބުނި ގޮތުގައި އޭނާ މެކްކިނީ ގައިގައި ބައްދާލީ މެކްކިނީގެ މޫނުމަތިން ފެންނަން ހުރި ރުޅިވެރިކަން އިހުސާސް ކުރެވިގެންނެވެ. މިއާއެކު މެކްކިނީ އޭނަގެ އަސްލު ރޭވުން ދޫކޮށްލިއެވެ.

ވިލިއަމްސްއަކީވެސް މެކްކިނީ އެއްގޮތަށް ވަކި ބަޔަކަށް ވަރަށް ނަފުރަތު ކުރި މީހެކެވެ. އެގޮތުން އޭނާގެ ރުޅިވެރިކަމުގެ އަމާޒަކަށްވީ ދޮން މީހުންނެވެ. އެއީ އޭނަގެ ހޫރުކާފަ ދަންޖައްސައި މަރާލީ ދޮން ނަސްލުގެ ބަޔެއް ކަމަށްވާތީއެވެ. ނަމަވެސް އިސްލާމްދީނުގެ ހިދާޔަތު ލިބުމުން އޭނާގެ ހިތުގައި އޮތް ނަފްރަތު ނެތިދިޔައީއެވެ.

މެކްކިނީގެ ހިތުގައި މުސްލިމުންނަށް އޮތް ނަފުރަތު ނައްތައިލުމުގައި އެންމެ އިސް ދައުރެއް ކުޅުނީ ބީބީ ބަހްރާމީ ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާއަކީ މަންސީގައި ހުންނަ އިސްލާމިކް ސެންޓަރު އުފެއްދުމުގައި އިސް ދައުރެއް އަދާކުރި މީހެކެވެ.

އިސްލާމްވުމަށް މެކްނިނީއަށް ދައުވަތު ދިން ބަހްރާމީގެ ފުށުން މެކްކިނީއަށް ފެނިގެން ދިޔައީ މުސްލިމުންގެ އޯގާތެރިކަމާއި ހިތްހެޔޮކަމެވެ. ވަކި ނަސްލަކަށް ނުވަތަ ދީނަކަށް ބެލުމެއް ނެތި އެންމެންނަށްވެސް މުސްލިމުން އިހުތިރާމްކުރާކަން އޭނާއަށް ދޭހަވިއެވެ.

އިސްލާމީ މުޖުތަމައުގައި މެކްކިނީ ޝާމިލު ކުރުމަށް ޓަކައި ބަހްރާމީ އޭނާގެ ގެއަށް މެކްކިނީއަށް ދައުވަތުދީ، އަފްޣާނިސްތާނުގެ ކެއުންތައް އޭނާއަށް ކާންދިނެވެ. އަދި އިސްލާމިކް ސެންޓަރަށް ދިޔުމަށް ވެސް މެކްކިނީއަށް ދައުވަތުދީ، ދީނީ އިލްމު އުނގެނުމަށް އެހީތެރިވިއެވެ.

ބީބީ ބަހްރާމީ: މެކްކިނީއަށް އެންމެ ބޮޑަށް އެހީތެރިވި މީހުންގެ ތެރޭގައި އޭނާ ހިމެނޭ -- ފޮޓޯ/ ކާލް ޝްރޯޑާ، ސީއެންއެން

މެކްކިނީ އެ ސެންޓަރަށް ދާން ފެށުމުން ބައެއް މީހުން އެކަމާ ނުރުހުންވެސް ފާޅުކުރިއެވެ. ނަމަވެސް އިސްލާމްދީނަށް މީހަކަށް ދައުވަތު ދޭނަމަ، މިކަން ކުރުން މުހިންމު ކަމުގައި ބަހްރާމީ ދެކެއެވެ.

އިސްލާމިކް ސެންޓަރުގައި އުޅޭ މުސްލިމުންނާ ގުޅުން ބަދަހިކޮށް، ކީރިތި ޤުރުއާން ކިޔެވުމުން މެކްކިނީ އިސްލާމްދީނަށް ހިތްޖެހުނެވެ. މިސްކިތް ގޮއްވައިލުމަށް ޕްލޭންކުރި މެކްކިނީ އޭގެ އަށް މަސް ފަހުން އިސްލާމްދީން ގަބޫލުކުރިއެވެ. އަދި ޝަހާދަތުގެ ދެކަލިމަ ކިޔައި، ހިތުން ތެދުކޮށް ގަބޫލުކުރިއެވެ. އޭނާ ގޮއްވާލަން އުޅުނު އިސްލާމިކް ސެންޓަރުގެ ރައީސްކަން ވެސް ދެ އަހަރަށް އޭނާ ކުރިއެވެ.

މިއަދު މެކްކިނީ ޚާއްސަ އިސްކަމެއް ދެނީ އޭނަގެ ވާހަކަ އެހެން މީހުންނަށް ކިޔައިދިނުމަށެވެ. ކުރިން ނަސާރާ ދީނަށް އުޅުނު މެކްކިނީ އަބަދުވެސް ބޭނުންވީ ފާދިރީއަކަށް ވުމަށެވެ. މިހާރު އޭނަ މަސައްކަތް ކުރަނީ އިސްލާމް ދީނުގެ ހިދާޔަތް އެހެން މީހުންނަށް ފެތުރުމަށެވެ.

ނޯޓް: މިއީ 2009 ވަނަ އަހަރު ހިނގި ހާދިސާއެކެވެ. މި ހާދިސާގެ ވާހަކަ ކިޔައިދީފައި ވަނީ ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި މެކްކިނީ އަމިއްލައަށެވެ. މި ހާދިސާއާގުޅޭ ޑޮކިއުމެންޓަރީއެއްކަމަށްވާ "އަ ސްޓްރޭންޖާ އެޓް ދަ ގޭޓް" އަށް މި އަހަރުގެ ޓްރިބެކާ ފިލްމް ފެސްޓިވަލުގައި ޚާއްސަ ޖޫރީ އިނާމެއް ވަނީ ލިބިފައެވެ.

comment ކޮމެންޓް