އެމެރިކާއިން އދ.ގެ ޗާޓަރާއި ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖަހައި ޓެލްއަވީވްގައި ހުންނަ އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކުރިތާ ދެދުވަސްފަހުން ގުއަޓެމާލާއިންވެސް މިހާރު ވަނީ އެގައުމުގެ އެންބަސީ ގުދްސަށް ބަދަލުކޮށްފައެވެ.
ގުއަޓެމާލާގެ އިތުރުން ލެޓިން އެމެރިކާގެ އެހެން ގައުމެއް ކަމަށްވާ ޕަރަގުއޭ އާއި އިރުމަތީ ޔޫރަޕްގެ ގައުމެއްކަމަށްވާ ރުމޭނިޔާއިންވެސްވަނީ އިސްރާއީލުގެ ޓެލްއަވީވްގައި ހުންނަ އެދެގައުމުގެ އެންބަސީތައް އިސްރާއީލުން ވެރިވެގެންފައިވާ ގުދްސަށް ބަދަލުކުރުމަށް ނިންމާފައެވެ. އަދި އެ ދެގައުމުން އިސްރާއީލާ ގުޅިގެން އެމަސައްކަތް ކުރިޔަށް ގެންދާއިރު އެކަމުގެ ރަސްމިއްޔާތުތައް ވަރަށް އަވަހަށް ގުދްސުގައި ބާއްވާނެކަމަށް އިސްރާއީލުގެ ޚާރިޖީ ވުޒާރާއިންވަނީ ބުނެފައެވެ.
ޕަރަގުއޭ އާއި ރުމޭނިޔާއާ އަދި ގުއެޓެމާލާއަކީވެސް އެމެރިކާގެ އެހީގެ މައްޗަށް ބަރޯސާވެގެން އުޅޭ އަދި އެމެރިކާގެ ބާރާއި ނުފޫޒު ބޮޑު ދެގައުމެވެ. އަދި ޔަހޫދީ ޒަޔަނިސްޓް ވިޔަފާރިވެރިންގެ ބާރާއި ނުފޫޒުވެސް މިތިން ގައުމުގައި ވަރަށް ބޮޑެވެ.
އިސްރާއީލުން ގުދްސުގެ ހުޅަނގު ބައި ހިފާފައިވަނީ 1948 ވަނަ އަހަރު ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ނަމުގައި ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކާ ހުޅަނގުގެ ގައުމުތައް ގުޅިގެން އުފެއްދި ޔަހޫދީ އިސްތިއުމާރީ ދައުލަތް ވުޖޫދަށް އައުމާއެކު ހިނގި އަރަބި އިސްރާއީލު ހަނގުރާމައިގައެވެ.
އެއަށްފަހު މަސްޖިދުލްއަޤްޞާ އާއި މުސްލިމުންގެ ތާރީޚީ އަދި ދީނީ ގިނަ ބިނާތަކެއް ހުންނަ ގުދްސުގެ އިރުމަތީ ފަޅި އިސްރާއީލުން ހިފީ 1967ގެ ހަނގުރާމައިގައެވެ. ނަމަވެސް އެއަށްފަހު އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރި 242 ވަނަ ގަރާރުގައި އިސްރާއީލުން ފޭބުމަށް ގޮވާލައި އަދި އިސްރާއީލު ހިފާފައިވާ ބައެއްކަމަށް ކަނޑައަޅާފައިވަނީ ގުދްސުގެ އިރުމަތީ ފަޅިއަށެވެ. މިގޮތަށް އދ.ން ނިންމާފައިވަނީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ނުފޫޒުގެ ސަބަބުންނެވެ.
އިސްރާއީލުން ގުދްސުގެ ދެބައި ހިމެނޭގޮތަށް މުޅި ގުދްސަކީ އިސްރާއީލުގެ ވެރިރަށްކަމަށް ނިންމި ބާތިލް ނިންމުން ނިންމާފައިވަނީ 1982ވަނަ އަހަރުއެވެ. އެ ނިންމުމަކީ ބާތިލް ނިންމުމެއްކަމަށް އދ.ގެ ސަލާމަތީ މަޖިލީހުން ކަނޑައަޅާފައިވެއެވެ. ނަމަވެސް އެމެރިކާގެ ކޮންގްރެސްއިން 1994 ވަނަ އަހަރުވަނީ ގުދްސުގެ ދެބައި ހިމެނޭގޮތަށް މުޅި ގުދްސަކީ އިސްރާއީލުގެ ވެރިރަށްކަމަށް އިސްރާއީލު ނިންމި ބާތިލް ނިންމުން ގަބޫލުކުރާ ކަމަށްބަޔާންކޮށް ގަރާރެއް ފާސްކޮށްފައެވެ. އެ ގަރާރު ފާސްކުރީ ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުން އެމެރިކާގެ ކޮންގްރެސްގެ ގިނަ މެންބަރުންތަކަކަށް ފައިސާއާއި ރިޝްވަތު ދީ ބާރާއި ނުފޫޒު ހިންގައިގެންކަމަށް އެދުވަސްވަރުގެ ރިޕޯޓްތައް ބުނެއެވެ.
ކޮންގްރެސްގެ ގަރާރު ފާސްކުރިނަމަވެސް އަރަބި ގައުމުތަކާއި އިސްލާމީ ގައުމުތަކުން ގުދްސުގެ ދިފާއުގައި މަސައްކަތްކުރަމުން ގެންދާތީ އިސްރާއީލުގައި ހުންނަ އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކުރަން އެމެރިކާގެ ސަރުކާރުތަކަށް ކެރިފައެއް ނުވެއެވެ. ޓްރަމްޕަށް މިކަންކުރަން ކެރުނީ ސޫރިޔާއާއި ލީބިޔާއާއި އިރާގުފަދަ އަރަބި ބޮޑެތި ގައުމުތަކެއް ހަނގުރާމަތަކުގައި ހަލާކުވެ އަރަބިންގެ ޙާލަތު ނިކަމެތިވެގެން ދިޔުމާއެކު މިސްރާއި ސައޫދީ އަރަބިޔާއާއި ޔޫއޭއީ އަދި ބަހްރައިން ފަދަ ގައުމުތައް އެމެރިކާގެ ބާރާއި ނުފޫޒުގެ ދަށަށް ވަރަށްބޮޑަށް ވެއްޓިގެން ދިޔުމުންނެވެ.
މީގެއިތުރުން ފަހުގެ ތާރީޚެއްގައި އަރަބި ގައުމުތައް އެއްގައުމު އަނެއްގައުމާ ދުޝްމަން ނުވާމިންވަރަށް މިދުވަސްވަރު ދުޝްމަންވެގެން ދިޔުމާއެކު އަރަބި ގައުމުތަކުން އެއްގައުމު އަނެއްގައުމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާއާއި އިސްރާއީލުގެ އެހީ ހޯދަން މަސައްކަތްކުރާ ހިސާބަށް އަރަބިންގެ ހާލަތު ދަށަށްދިޔުމުން އަރަބިން ގެ ހާލަތުވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ.
މިސާލަކަށް ބަލާނަމަ ގަތަރުންވަނީ ލީބިޔާ، މިސްރު އަދި ސޫރިޔާގެ ވެރިކަން ގަދަބާރުން ވައްޓާލުމަށްޓަކައި ހުޅަނގާ ގުޅިގެން ޓެރަރިސްޓް ޖަމާއަތްތަކަށް ފައިސާގެ އެހީތައް ދީގެން މަސައްކަތްކޮށްފައެވެ. އަދި ސައޫދީ ޔޫއޭއީ ބަހްރައިން އަދި މިސްރުންވަނީ އަރަބި ބައެއް ގައުމުތަކުގެ ސަރުކާރުތައް ވައްޓާލުމަށްޓަކައި ޓެރަރިސްޓް ޖަމާއަތްތަކަށް ގަތަރުން އެހީތެރިތެރިވާކަމަށް ތުހުމަތުކޮށް ގަތަރާ ގުޅުންތައް ކަނޑާލައި ގަތަރާދެކޮޅަށް ދަތިކުރުމާއި ޙިސާރުގެ ފިޔަވަޅުތައް އަޅައިފައެވެ. ނަމަވެސް ގަތަރެކޭ އެއްގޮތަށް ޔޫއޭއީއާއި ސައޫދީގެ މައްޗަށްވެސްވަނީ ލީބިޔާއާއި އިރާގާއި ސޫރިޔާ ހަލާކުރަމުން ގެންދާ ހައްދު ފަހަނަޅާފައިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް (އަމިއްލަ ސިޔާސީ މަގްސަދްތައް ޙާސިލް ކުރުމަށްޓަކައި) ފައިސާ ގެ އެހީތައްވެދޭ ކަމުގެ ތުހުމަތު ކުރެވިފައެވެ.
އަނެއްކޮޅުން އިސްރާއީލު ބޮއިކަޓް ކުރުމަށް ޒަމާނުއްސުރެ އަރަބި ގައުމުތަކުން ގެންގުޅުނު ނިޒާމުވެސްވަނީ ރޫޅިގެން ގޮސްފައެވެ. އެ ނިޒާމު ރޫޅިގެން ދިޔުމާއި ގުދްސުގެ ދިފާއުގައި ޑިޕްލޮމެޓިކް މަސައްކަތްތަކެއް އިސްލާމީ ގައުމުތަކުގެ ޖަމިއްޔާއިންނާއި އަރަބި ލީގުންވެސް ނުކުރުމާއެކު މިއިން އެއްވެސް ފަރާތަކުން ގުދްސާމެދު އަޅާނުލުމަކީވެސް ގުއަޓެމާލާ، ޕަރަގުއޭ އަދި ރުމޭނިޔާ ފަދަ ގައުމުތަކަށް އަރަބި އިސްލާމީ ދުނިޔެއަށް ގޮންޖަހައި މިފަދަ ޣަދަރުވެރި ޖަރީމާތައް ހިންގުމަށް ހިއްވަރު ލިބުނުކަމެކެވެ.
އެހެންކަމުން އެމެރިކާގެ އިތުރުން ގުއަޓެމާލާ، ޕަރަގުއޭ އަދި ރުމޭނިޔާއިންވެސް ގުދްސަށް އެންބަސީ ބަދަލުކުރުމުގެ ނިންމުން ނިންމީ އަރަބިންގެ ބަލިކަށިކަމާއި އަރަބިން ގުދްސު ދޫކޮށްލި ކޮށްލުމުގެ ނާޖާއިޒު ފައިދާ ނަގައިގެންނެވެ.