ތައިލެންޑަށް ފަހު ރާއްޖޭގައި މެރިން ޑިސްކަވަރީ ސެންޓަރު ހުޅުވަން ތައްޔާރުވަނީ

ކްރާބީ ޕްރޮވިންސްގައި ސިންހަ އެސްޓޭޓުން ހިންގާ ޕީ ޕީ އައިލެންޑް ވިލެޖު ރިސޯޓުގައި ހުޅުވި މެރިން ޑިސްކަވަރީ ސެންޓަރު -- ސަން ފޓޯ/ މާހިލް މުހައްމަދު

(ކްރާބީ، ތައިލެންޑުން):

ތައިލެންޑްގެ މަޝްހޫރު ބައިނަލްއަގުވާމީ ހޮޓެލް ޗެއިން ސިންހަ އެސްޓޭޓުން އެގައުމުގައި ހިންގާ ރިސޯޓެއްގައި ކަނޑުގެ ދިރުންތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ ޚާއްސަ މަރުކަޒެއް ހުޅުވައިފި އެވެ.

ސިންހަ އެސްޓޭޓަކީ ރާއްޖޭގެ އެނބޫދޫ ފަޅުގައި 800 މިލިޔަން ޑޮލަރުގެ ބޮޑު އިންވެސްޓްމެންޓަކާ އެކު ރިސޯޓުތަކެއް ތަރައްގީކުރަމުން ދާ ކުންފުންޏެވެ.

ކްރާބީ ޕްރޮވިންސްގެ ޖަޒީރާއެއް ކަމުގައިވާ "ކޮ ޕީ ޕީ ޑޮން"ގައި ސިންހަ އެސްޓޭޓުން ހިންގާ "ޕީ ޕީ އައިލެންޑް ވިލެޖު"ގައި މެރިން ޑިސްކަވަރީ ސެންޓަރު ހުޅުވީ ކޮ ޕީ ޕީ ޑޮންގައި ދިރިއުޅޭ ސްކޫލު ދަރިވަރުންނާ އެކު އިއްޔެ ބޭއްވި ރަސްމިއްޔާތަކާ އެކުގަ އެވެ.

ސިންހަ އެސްޓޭޓުގެ ޗީފް ހޮސްޕިޓެލިޓީ އޮފިސަރު ޑަރކް ޑެ ކުއިޕާ ދިވެހި ނޫސްވެިރންނާ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ މާހިލް މުހައްމަދު

އެ ސެންޓަރު އިއްޔެ ރަސްމީކޮށް ހުޅުވި އިރު، ސިންހަ އެސްޓޭޓުން ދަނީ އެތަނަށް ވުރެ މަތީ ފެންވަރުގެ، އަދި ސައިޒުން ބޮޑު މެރިން ޑީސްކަވަރީ ސެންޓަރެއް އެނބޫދޫ ފަޅުގައި ތަރައްގީކޮށް، ހުޅުވުމަށް ތައްޔާރުވަމުންނެވެ.

އެނބޫދޫ ފަޅުގައި ސިންހަ އެސްޓޭޓުގެ "ކްރޮސްރޯޑްސް މޯލްޑިވްސް" މަޝްރޫއުގެ ދަށުން ފުރަތަމަ ފިޔަވަހީގެ ދަށުން ދެ ރިސޯޓެއް މި އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ތެރޭގައި ހުޅުވާ އިރު، އެކުންފުނީގެ ޗީފް ހޮސްޕިޓަލިޓީ އޮފިސަރު ޑާކް ޑެ ކުއިޕާ ވިދާޅުވީ ފުރަތަމަ ފިޔަވައްސާ އެކު މެރިން ޑިސްކަވަރީ ސެންޓަރު ވެސް ހުޅުވާނެ ކަމަށެވެ.

ކޮ ޕީ ޕީ ޑޮން ޖަޒީރާގެ ބައެއް ސްކޫލު ދަރިވަރުން، މެރިން ޑިސްކަވަރީ ސެންޓަރަށް ޒިޔާރަތްކޮށް އެތަން ބަލާލަނީ -- ސަން ފޮޓޯ/ މާހިލް މުހައްމަދު

"ރާއްޖެއަކީ މިވަގުތު އެންމެ މުހިންމު އެއް ތަން. މާލެ ކައިރީގައި މި ބޮޑު މަޝްރޫއު ހިންގަމުން ދަނީ. މިވަގުތު ވެސް އަޅުގަނޑުމެންގެ މެރިން ބަޔޮލޮޖިސްޓުންގެ ބޮޑު ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވެ، ތައްޔާރީތައް ވަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.

ޑާކް ވިދާޅުވި ގޮތުގައި މެރިން ޑިސްކަވަރީ ސެންޓަރެއް ހުޅުވުމުގެ މަގްސަދަކީ ތިމާވެށި ހިމާޔަތްކުރުމާއި ތިމާވެށީގެ މުހިންމުކަމާ ބެހޭ މައުލޫމާތު އާންމު ރައްޔިތުންނަށް ދިނުމަށް ޕްރައިވެޓް ސެކްޓަރުން ވެސް ޒިންމާދާރުވުމެވެ.

ކޮ ޕީ ޕީ ޑޮން ޖަޒީރާގެ ބައެއް ސްކޫލު ދަރިވަރުން، މެރިން ޑިސްކަވަރީ ސެންޓަރަށް ޒިޔާރަތްކޮށް އެތަން ބަލާލަނީ -- ސަން ފޮޓޯ/ މާހިލް މުހައްމަދު

"އަޅުގަނޑުމެން ވަރަށް މުހިންމު އަހަންމިއްޔަތުކަމެއް ދޭން ބޭނުންވޭ އާންމު ރައްޔިތުން ވެސް ކަންކަމުގައި ބައިވެރިކޮށް، މައުލޫމާތު މުއްސަނދި ކޮށްދޭން.

"މި ރަށުގައި މި ކޮންސެޕްޓް ރަނގަޅަށް އެބަ ހިނގާ. މި ރަށުގެ ސްކޫލުތަކުގެ ދަރިވަރުން ވަރަށް ޝައުގުވެރިވޭ މިތަނަށް އައިސް ކަނޑު އަޑީގެ ދިރުންތަކާ ބެހޭ މައުލޫމާތު ހޯދަން. މި ބަލަނީ ރާއްޖޭގައި ވެސް މި ކޮންސެޕްޓް ހިންގުން،" ޑާކް ވިދާޅުވި އެވެ.

ތައިލެންޑްގެ ދެކުނުގެ ކްރާބީ ޕްރޮވިންސްގެ ބައެއް ކަމުގައިވާ "ޕީ ޕީ އައިލެންޑްސް"ގެ ޖަޒީރާތަކުގައި 2،500 އެއްހާ ރައްޔިތުން ދިރިއުޅޭ އިރު، އޭގެ ތެރޭގައި ގިނައީ މުސްލިމުންނެވެ. ޕީ ޕީ އައިލެންޑްސް ހިމެނެނީ ތައިލެންޑްގެ "ހަޓް ނޯޕަރަޓް ތަރާ" ކިޔާ މެރިން ނެޝަނަލް ޕާކެއްގެ ތެރޭގަ އެވެ. މި ސަރަހައްދަށް އަހަރަކު ހަތް މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރެ އެވެ.

comment ކޮމެންޓް