ވޯލްޑް ކަޕް ރެފްރީއަކަށް އުމުރު ދުވަހުގެ ސަސްޕެންޝަނެއް

އަލް މިރްދާސީ މެޗެއްގައި ރެފްރީކަން ކުރަނީ --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕަށް އިއުލާން ކުރި ރެފްރީންގެ ލިސްޓްގައި ހިމެނޭ ސައުދީ އަރަބިއާގެ އަލް މިރްދާސީ، މެޗެއް ވިއްކާލަން އުޅުނުކަމުގެ ތުހުމަތުގައި އުމުރު ދުވަހަށް ސަސްޕެންޑް ކޮށްފި އެވެ.

ސައުދީ އަރަބިއާގެ ފުޓުބޯޅަ ފެޑަރޭޝަން (ސާފް)އިން ބުނެފައި ވަނީ އެގައުމުގެ ކިންގްސް ކަޕް މުބާރާތުގެ ފައިނަލް ވިއްކާލުމަށް އަލް މިރްދާސީ މަސައްކަތް ކުރިކަމުގެ ގިނަ ހެކިތަކެއް ލިބިފައިވާ ކަމަށެވެ. ކިންގްސް ކަޕްގެ ފައިނަލްގައި ކުޅުމަށް ހަމަޖެހިފައި އޮތީ އަލް އިއްތިހާދާއި އަލް ފައިސަލީ އެވެ. ސާފްއިން ބުނާ ގޮތުން މިރްދާސީ ވަނީ އަލް އިއްތިހާދުގެ އޮފިޝަލަކާ ބައްދަލުކޮށް، މެޗު ވިއްކާލުމަށް ފައިސާ ވެސް ނަގައިފަ އެވެ.

އެ މައްސަލައާ ގުޅިގެން ފީފާއިން މައްސަލައިގެ އިތުރު ތަފްސީލަށް އެދިފައިވާ އިރު، ފީފާއިން ބުނެފައި ވަނީ އެ އިދާރާއިން ސައުދީ ފުޓުބޯޅަ އިދާރާގެ ނިންމުން ވަރަށް ކައިރިން ބަލަމުންދާ ކަމަށެވެ. ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ފީފާގެ ރެފްރީއެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ މިރްދާސީ ސައުދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމާ އެކު އޭނާ ފައިދާ ނެގިކަމަށް އެއްބަސްވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ސައުދީ ކިންގް ކަޕްގެ ފައިނަލް މިދިޔަ ހޮނިހިރު ދުވަހު ކުޅެފައިވާ އިރު، އެ މެޗުން 3-1ގެ ނަތީޖާއަކުން މޮޅުވީ އަލް އިއްތިހާދެވެ. މެޗުގެ ރެފްރީކަން ކުރީ ސައުދީ ފުޓުބޯޅަ އިދާރާގެ ހެޑް ރެފްރީ މާކް ކްލަޓެންބާގެވެ. މާކް ކްލަޓަންބާގަކީ މީގެކުރިން ވޯލްޑް ކަޕް ފައިނަލާއި ޗެމްޕިއަންސް ލީގު އަދި ޔޫރޯގެ ވެސް ފައިނަލް މެޗުގެ ރެފްރީކަން ކޮށްފައިވާ ރެފްރީއެކެވެ.

comment ކޮމެންޓް