"ފަހި ވޯޓް،" މިއީ ކުންފުނިތަކުން އިންތިޒާމްކޮށްގެން ބާއްވާ އާއްމު ޖަލްސާތަކުގައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ފަސޭހަކަމާއެކު ކުރެވޭނެ ވެބް ބޭސްޑް އެޕްލިކޭޝަނެކެވެ. މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސްޓްރީން ތައާރަފްކޮށްފައިވާ މި އެޕްލިކޭޝަން އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެރޭ ބޭއްވި ދިރާގުގެ އަހަރީ އާންމު ޖަލްސާގައެވެ.
ފަންސާސް ތިން ހިއްސާ ދާރުން ބައިވެރިވި މި އަހަރީ އާންމު ޖަލްސާގެ އެޖެންޑާގައި ހިމެނުނު ވޯޓްލާންޖެހޭ ހުރިހާ ނަންބަރަކަށްވެސް ހިއްސާދާރުން ވޯޓްލާފައިވަނީ ފަހި ވޯޓް އެޕްލިކޭޝަން ބޭނުން ކޮށްގެންނެވެ. މިއާއެކު ވޯޓްގެ ނަތީޖާ ބެލުން ވަނީ ވަރަށް ބޮޑުތަން އަވަސްވެ ފަސޭހަވެގެން ގޮސްފައެވެ.
ފަހިވޯޓު މެދުވެރިކޮށް ކުންފުނިތަކުގެ ހިއްސާދާރުންނަށް ޖަލްސާގެ ނޯޓިސް ފޮނުވޭނެއެވެ. އަދި ޖަލްސާގެ އިވެންޓު އިދާރިގޮތުން ޤާއިމްކޮށް ރަޖިސްޓްރޭޝަން ކުރިއަށް ގެންދިއުމުގެ ހުރިހާކަމެއް ފަސޭހަކަމާއެކު މި އެޕްލިކޭޝަން މެދުވެރިކޮށް ފުރިހަމަކޮށްލެވޭނެއެވެ.
މި އެޕްލިކޭޝަނުގެ އަނެއް ފަސޭހައަކީ އަހަރީ އާންމު ޖަލްސާއަށް ހާޒިރުވުމަށް ރަޖިސްޓަރީ ކުރަފަރާތްތަކަށް ދައުވަތު ދިނުމަށް ލިސްޓު ޖެނަރޭޓް ކޮށް ސިސްޓަމް މެދުވެރިކޮށް އެސް.އެމް.އެސް ފޮނުވޭނެ އިންތިޒާމު ހަމަޖެހިފައިވުމެވެ.

އެޕްލިކޭޝަން ބޭނުން ކުރުމަށް
އިންޓަނެޓް ކަނެކްޝަން ލިބޭ ފޯނު/ޓެބްލެޓުން ކޮންމެ ހިއްސާ ދާރަކަށް ހާއްސަ ކުރެވިފައިވާ ޔޫޒާ އައިޑީ/ޕާސްވޯޑް މެދުވެރިކޮށް ލޮގްއިން ވެލާށެވެ. އިނގިރޭސި އަދި ދިވެހި ބަހުން ކުރެ އެ މީހަކު ބޭނުން ބަހެއް ހިޔާރު ކުރުމަށްފަހު، ޖަލްސާ ކުރިއަށް ދާއިރު، ޖަލްސާގައި ވޯޓުލުމަށް ކަނޑައެޅިފައިވާ އެޖެންޑާ ނަންބަރުތަކުގައި ހިމެނޭ ކަންތަކަށް ވޯޓުލުން ސިސްޓަމް މެދުވެރިކޮށް ކުރިއަށްގެންދާށެވެ.
ފަހި ވޯޓަކީ އަހަރީ އާންމު ޖަލްސާތަކުގައި ހިއްސާދާރުންނަށް ޔަގީންކަމާއެކު ފަސޭހައިން ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ.