ހުޅުމާލޭގައި އާ މިސްކިތެއް ހުޅުވައިފި

މަސްޖިދުލް ފިތުޔާގެ ނަމުގައި މިއަދު ހުޅުވި މިސްކިތް -- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި އާ މިސްކިތެއް މިއަދު ހުޅުވައިފިއެވެ.

"މަސްޖިދުލް ފިތުޔާ"ގެ ނަމުގައި މިއަދު މެންދުރު ހުޅުވި ވަގުތީ މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރެވެ.

އެ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަންއާއި އެ ކުންފުނީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހުޅުމާލޭގައި އެންމެ ފަހުން 704 ހައުސިން ޔުނިޓް ތަރައްގީކުރި ސަރަހައްދުގައި މިއަދު ހުޅުވި އެ މިސްކިތަކީ އެއްފަހަރާ 500 މީހުންނަށް ނަމާދު ކުރެވޭގޮތަށް ބިނާކުރެވުނު މިސްކިތެކެވެ.

"މަސްޖިދުލް ފިތުޔާ" ހުޅުވުމަށް މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެޗްޑީސީ

އަލަށް ހުޅުވި އެ މިސްކިތުގައި ރަމަޟާންމަހު އަންހެނުންނަށް ވެސް ނަމާދު ކުރެވޭނެކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން ބުނެއެވެ. މިއަދު ހުޅުވި މިސްކިތާއެކު ހުޅުމާލޭގައި މިހާރު ހަތް މިސްކިތް ހުރެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މީޑިއާއަށް މައުލުމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ ކުރިއަށްއޮތް ތަނުގައިވެސް ހުޅުމާލޭގައި އިތުރު މިސްކިތްތައް އެޅުމަށް ޕްލޭން ކުރެވިފައިވާ ކަމަށެވެ.

"ހުޅުމާލޭގެ ގިނަ ސަރަހައްދުތަކެއްގައި މިސްކިތްތައް އެޅުމުގެ ޕްލޭންތައް މިހާރު ވަނީ ކުރެވިފައި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފޭސް ޓޫގައި ވެސް މިސްކިތްތައް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާނެ. މިހާރުވެސް އެޗްޑީސީއާއި އަޅުގަނޑުމެންނާ ގުޅިގެން އެ މަސައްކަތްތައް އެބަ ކުރިއަށްދޭ." މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް