ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފައިނަލް މެޗުތައް ކުލަގަދަ ރަސްމިއްޔާތަކާއެކު މިރޭ އޮންނާނެއެވެ.
މިދިޔަ މަހު 23 ވަނަ ދުވަހުން ފެށިގެން މެދު ނުކެނޑި ފޯރިގަދަ މެޗުތަކެއް ފެނިގެން ދިޔަ މުބާރާތުގެެ ފައިނަލާ ހަމައަށް ޓީމުތައް އައީ ގިނަ މެޗުތަކަކަށް ފަހުގައެވެ. ޖުމްލަ 136 ޓީމާއެކު މުބާރާތް ކުރިއަށް ގެންދިޔަ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ނޮކްއައުޓް އުސޫލުން ކުރިއަށްދާ އިރު، އަންހެން ޑިވިޝަންގައި ފުރަތަމަ ކުރިއަށްދިޔައީ ގްރޫޕް ސްޓޭޖެވެ.
ފިރިހެން ޑިވިޝަންގެ މެޗުތައް ނޮކްއައުޓް އުސޫލުން ކުރިއަށް ދިއުމަކީ މުބާރާތް އިތުރަށް ފޯރިގަދަވެގެން ދިޔަ ސަބަބެކެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން ހުރިހާ މެޗެއްވެސް ފެނިގެންދިޔައީ ފައިނަލެއް ފަދަ ގޮތަކަށެވެ.
އަންހެން ޑިވިޝަންގެ ގްރޫޕް ސްޓޭޖުގައިވެސް ފޯރިގަދަ މެޗުތަކެއް ފެނިފައިވާ އިރު، ފައިނަލަށް ދަތުރުކުރި ދެޓީމަކީވެސް ތަރިން ގިނަ، ވަރުގަދަ ދެޓީމެވެ.
ފިރިހެން ފައިނަލް: އެފްސީ ދާއެޅުން - ލ. ގަން ފުޓްސަލް ކްލަބު
އެފްސީ ދާއެޅުން
އެފްސީ ދާއެޅުން މުބާރާތް ފެށީ ވަރުގަދަކޮށެވެ. 11-0ގެ ނަތީޖާއަކުން ޓީމް ފިނޭ ބަލިކޮށް، ޓީމުގެ ފެންވަރު ދައްކާލިއެވެ. ޓީމުން ފުޓްސަލްގެ ގިނަ ތަރިންތަކެއް ފެނިގެންދާ އިރު، މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ފުރަތަމަ ދުވަހުވެސް ލޭބަލް ކުރެވުނު އެއް ޓީމަކީ އެފްސީ ދާއެޅުމެވެ.
ދެވަނަ ބުރުގައި ނިއު ލައިފް ބަލިކުރީ 6-4ގެ ނަތީޖާއަކުންނެވެ. ތިންވަނަ ބުރުގައި 6-2ގެ ނަތީޖާއަކުން ސްޕޯޓިން އަޒިއޯން ބަލިކޮށް، ގަދަ 16ގައި ރޮކް ސްޓްރީޓް ކްލަބު ބަލިކުރީ 6-0ގެ ފަސޭހަ ނަތީޖާއަކުންނެވެ.
ކުއާޓާ ފައިނަލްގައި ވަރުގަދަ މައްޗަންގޮޅި ޒުވާނުންގެ ގުޅުން 3-0ގެ ނަތީޖާއަކުން ބަލިކޮށް، އެފްސީ ދާއެޅުމުން ފައިނަލްގެ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލްގައި 5-2ގެ ނަތީޖާއަކުން ފްލެޓް7 ބަލިކޮށްގެންނެވެ.
ޓީމުގައި ފުޓްސަލްގައި ރާއްޖޭގެ ތަރިން ގިނައެވެ. ބީއެމްލްގެ ފަހަތުން ފާހަގަކޮށްލެވޭ އިބްރާހީމް ސިނާހާއި އެޓީމުގެ ކީޕަރު، ޔުނައިޓެޑް ވިކްޓަރީއަށް ކުޅެމުން އަންނަ މުހައްމަދު ޝަފީއު (ޗެކް) އަދި އިބްރާހީމް އަސްވާދު (ގަބޭ) ވެސް އެޓީމުން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުންވެސް ރާއްޖޭގެ ފުޓްސަލްގައި ރަން ދެ ތަރިން ކަމަށްވާ އަލީ ހާފިޒާއި މުހައްމަދު ލިޔާހް އަދި އެސްޓީއޯގެ ޓީމުން ވިދާލި މުހައްމަދު އިމްރާންވެސް ހުރީ އެފްސީ ދާއެޅުމުގައެވެ.
ލ. ގަން ފުޓްސަލް ކްލަބު (ގަން އެފްސީ)
ލ. ގަމަކީ ފުޓްސަލްގެ ތަރިން ގިނަ، ފުޓްސަލްގައި ވަރުގަދަ ރަށެކެވެ. ޔޫތު ސިޓީ ފުޓްސަލް ކަޕު ގަމުން ފެށީ 6-1ގެ ނަތީޖާއަކުން ޑެލްޓާ ބަލިކޮށްގެންނެވެ. އެޓީމުން ދެވަނަ ބުރުގައި އެފްސީ ބެންޑިތުސް ބަލިކުރީ 11-2ގެ ނަތީޖާއެއްގެ ބޮޑު މޮޅަކާއެކުއެވެ. ތިންވަނަ ބުރުގައި 2-4 ގެ ނަތީޖާއަކުން ލުއްޗާ ބަލިކުރި އިރު، ގަދަ 16އިން ފެށިގެން ސެމީއާ ހަމައަށް ގަމު ޓީމުން ވަނީ ވަރުގަދަ ޓީމުތަކެއް ބަލިކޮށްފައެވެ.
އެގޮތުން ގަދަ 16ގައި ޓީމު ކޮޅުފުށި ބަލިކުރީ 3-1ގެ ނަތީޖާއަކުންނެވެ. އަދި ކުއާޓާ ފައިނަލްގައި ގަމު ޓީމުން މުބާރާތުގެ ފެވަރިޓެއް ގޮތުގައި ބެލެވުނު ނޮއޭނާ ބަލިކުރީ 3-2ގެ ނަތީޖާއަކުންނެވެ. ގަމު ޓީމުން އެންމެ ވަރުގަދަ ކުރިމަތިލުމަކަށް ދިޔައީ މިދިޔަ އަހަރުގެ ޗެމްޕިއަން ބަޖެޔާއާ ދެކޮޅަށެވެ. ސެމީ ފައިނަލް މެޗުގައި ޕެނެލްޓީ ޖަހައިގެން ގަން ފައިނަލަށް ދިޔައީ 4-3ގެ ނަތީޖާއަކުންނެވެ.
ގަމު ޓީމުން ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިންގެ ތެރޭގައި އެޓީމުގެ ކެޕްޓަން އަހުމަދު ހަލީމް ހިމެނެއެވެ. ފެނަކަ ފުޓްސަލް ޓީމާއި އެންމެފަހުގެ ދެވަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދި ދަ ގޭންގުންވެސް އަހުމަދު ހަލީމްގެ ކުޅުން ފާހަގަކުރެވުނެވެ. މީގެ އިތުރުންވެސް ފެނަކަ ފުޓްސަލް ޓީމުން ފާހަގަކޮށްލެވޭ އަހުމަދު އަޖުވަދާއި ހުސައިން ނާޝިދު (ނާއްޓޭ)ވެސް ގަމު ޓީމުން ފާހަގަކުރެވެއެވެ. މީގެ އިތުރުންވެސް އެންމެފަހުގެ 23 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާއަށް މޮޅު ކުޅުމެއް ދައްކާ، އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އަބްދުﷲ ޖުނައިދުވެސް ގަމު ޓީމުގައި ހިމެނެއެވެ.
ގަމު ޓީމުގެ އެންމެ ބޮޑު އެއް ސްޓްރެންތަކީ އެޓީމުގެ ކުޅުންތެރިންނަކީ ގިނަ މުބާރާތްތަކެއް އެއްކޮށް ކުޅެ، އެކަކަކު އަނެކަކު ދަނޑު މަތީގައި ވަރަށް ބޮޑަށް އެގިފައިވާ ޓީމަކަށްވުމެވެ.
މެޗު އޮންނަ ގަޑި: މިރޭ 22:00
މެޗު އޮންނަ ތަން: ހުޅުމާލޭ ފުޓްސަލް ދަނޑު (ރެހެންދި ސްކޫލް ކައިރި)
އަންހެން ފައިނަލް: ޓީމު ފްރެންޑްސް - ދިވެހި ސިފައިންގެ ކްލަބު
ދިވެހި ސިފައިންގެ ކްލަބު
ދިވެހި ސިފައިންގެ ކްލަބަކީ ރާއްޖޭގެ ފުޓްބޯޅައިގައި އަބަދުވެސް ފާހަގަކޮށްލެވޭ ނަމެކެވެ. ރާއްޖޭގެ ގައުމީ ޓީމުގެވެސް ގިނަ ކުޅުންތެރިންތަކެއް ހިއްސާވާ ދިވެހި ސިފައިންގެ ކްލަބަކީ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޓީމެކެވެ.
މިހާތަނަށް މުބާރާތުގައި ސިފައިން ކްލަބުން ކުޅުނު މެޗުތަކުގެ ނަތީޖާތައް:
ގްރޫޕް ސްޓޭޖު
ދިވެހި ސިފައިންގެ ކްލަބު 0-1 ޒެނިތު ސްޕޯޓްސް ކްލަބު
ދިވެހި ސިފައިންގެ ކްލަބު 2-0 އެފްސީ ރަނިން
ދިވެހި ސިފައިންގެ ކްލަބު 26-1 ޕްރިޒަންސް ކްލަބު
ކުއާޓާ ފައިނަލް
ދިވެހި ސިފައިންގެ ކްލަބު 1-0 ވުމަންސް ފުޓްބޯލް ކްލަބު
ސެމީ ފައިނަލް
ދިވެހި ސިފައިންގެ ކްލަބު 31-0 ކަނބަލުން
ޓީމް ފްރެންޑްސް
ޓީމް ފްރެންޑްސްއަކީ ޒުވާން ތަރިންތަކެއްގެ ޓީމެކެވެ. މުބާރާތް ފެށުނީއްސުރެ ޓީމް ފްރެންޑްސްއިން އުންމީދީ ކުޅެމެއް ދައްކަމުން އަންނަ އިރު، މިރޭގެ ފައިނަލަށް ޓީމު ތައްޔާރުކަން ސެމީ ފައިނަލްގައި ހޯދި ބޮޑު މޮޅާއެކު އެނގެއެވެ.
މިހާތަނަށް މުބާރާތުގައި ޓީމް ފްރެންޑްސްއިން ކުޅުނު މެޗުތަކުގެ ނަތީޖާތައް:
ގްރޫޕް ސްޓޭޖު
ޓީމް ފްރެންޑްސް 0-1 ވުމަންސް ފުޓްބޯލް ކްލަބު
ޓީމް ފްރެންޑްސް 1-0 ޔޫތު ސިޓީ ވުމަންސް
ޓީމް ފްރެންޑްސް 15-0 ހުޅުމާލޭ ޔޫތު އެންޑް ސްޕޯޓްސް ކްލަބު
ކުއާޓާ ފައިނަލް
ޓީމް ފްރެންޑްސް 4-3 ޒެނިތު ސްޕޯޓްސް ކްލަބު
ސެމީ ފައިނަލް
ޓީމް ފްރެންޑްސް 19-0 އުރީދޫ ޓީމް
މެޗު އޮންނަ ގަޑި: މިރޭ 21:00
މެޗު އޮންނަ ތަން: ހުޅުމާލޭ ފުޓްސަލް ދަނޑު (ރެހެންދި ސްކޫލް ކައިރި)