ސްރީ ލަންކާގައި ހުންނަ ސޯސަންވިލާގައި ހިންގާ ދިވެހި ސަގާފީ ސެންޓަރު، މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ)ގައި ސަރުކާރުން ތަރައްގީ ކުރި ޕާކު ހުޅުވައިފިއެވެ.
ސްރީލަންކާގައި ދިރިއުޅެމުން އަންނަ ދިވެހިންނަށް ހާއްސަކޮށްގެން ތަރައްގީކޮށްފައިވާ އެ ޕާކު ހުޅުވައިދެއްވީ އިއްޔެ ހަވީރު އެތަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. އެ ރަސްމިއްޔާތުގައި، ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހި ކުޑަކުދިންނާއި އާއިލާތައް ވެސް ބައިވެރިވިއެވެ.

ސްރީލަންކާގައި ދިރިއުޅެމުން އަންނަ ދިވެހިންނަށް ހާއްސަކޮށްގެން ތަރައްގީކުރި ޕާކު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެމްއީސީސީ
ދިވެހި ސަގާފަތް ދައްކާލާ ފަދަ ގޮތަކަށް ފަރުމާކޮށް "ސޯސަން ޕާކް" ގެ ނަމުގައި ހުޅުވި އެ ޕާކަކީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ހެދި ތަނެކެވެ.
ސިއެރާ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން 1.6 މިލިއަން ދިވެހި ރުފިޔާ ހަރަދުކޮށްގެން ހެދި އެ ޕާކުގެ ޑިޒައިނިންގެ މަސައްކަތްތައް ވެސް ކޮށްފައިވަނީ އެ ކުންފުނިންނެވެ.

ސްރީލަންކާގައި ދިރިއުޅެމުން އަންނަ ދިވެހިންނަށް ހާއްސަކޮށްގެން ތަރައްގީކުރި ޕާކު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެމްއީސީސީ
އެގޮތުން ޕާކު ޑިޒައިން ކޮށްފައިވަނީ ތިން ޒޯނަކަށް ބަހާލައިގެންނެވެ. ޒޯން އޭ އާއި ބީ އަކީ ކުޑަކުދިންނަށް ހާއްސަކޮށް، ކުޑަކުދިން ކުޅުމަށް ބޭނުން ކުރާ ސާމާނު ތަކަށް ހާއްސަ ކުރެވިފައިވާ ދެ އޭރިއާއެވެ.
ޒޯން ސީ އަކީ ބޮޑެތި މީހުންނަށް ހާއްސަ އޭރިއާއެކެވެ. އެ އޭރިއާގައި އުނދޯންޔާއި މަސްފެން ކޯރެއް ހަދައިފައިވެއެވެ.