ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތްކުރާ ކުންފުންޏަށް ބައިނަލްއަގްވާމީ އެވޯޑެއް

ދައުލަތުން ބޮޑު ހަރަދެއް ކޮށްގެން ތަރައްގީކުރާ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަންސަވީސް ބުރިއަށް އިމާރާތް ކޮށްފައިވާ ރާއްޖޭގައި މިހާރު ހުރި އެންމެ އުސް އިމާރާތް، ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތް ކުރަމުންދާ ސިންގަޕޫރުގެ ކުންފުންޏަށް ބައިނަލްއަގްވާމީ އެވޯޑެއް ލިބިއްޖެ އެވެ. މިއީ އިމާރާތް ކުރުމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ ޝަރަފްވެރި އެއް އެވޯޑެވެ.

"އިންޓަނޭޝަނަލް ޕްރޮޕަޓީ އެވޯޑްސް"ގައި ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރަމުން އަންނަ ސިންގަޕޫރުގެ ޝެން ހުއާ ކޮންސްޓުރަކްޝަން ގްރޫޕަށް ލިބުނީ އޭޝިއާ ސަރަހައްދުގެ އެންމެ މޮޅު ޕަބްލިކް ސާވިސް ޑިވެލޮޕްމަންޓް އެވޯޑެވެ.

އިނގިރޭސިވިލާތުގައި ބޭއްވި އެވޯޑް ހަފްލާގައި ޝެން ހުއާ ކޮންސްޓްރަކްޝަން ގްރޫޕުގެ ފަރާތުން އެ އެވޯޑާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ ސީއީއޯ އަދި ޗެއާމަން ލީ ފައިޗަންގއެވެ.

ރާއްޖޭގެ އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދާ އައިޖީއެމްއެޗްގެ ދެކުނަށް އޮންނަ ބިމުގައި ތަރައްގީ ކުރާ ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ޝެން ހުއާއާ ހަވާލުކުރީ 2016 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

ސަރަހައްދުގައި ވެސް ނެތް ފެންވަރުގެ ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރަކާއެކު ޖުމްލަ 140 މިލިއަން އެމެރިކާ ޑޮލަރު (2.1 ބިލިއަން ދިވެހި ރުފިޔާ) ހަރަދުކޮށްގެން ހަދާ އެ އިމާރާތް ނިމުމުން އެތަން ވެގެންދާނީ 500 އެނދުގެ ޒަމާނީ ސްޕެޝަލިސްޓް ހޮސްޕިޓަލަކަށެވެ.

އެތަން ހުޅުވަން ސަރުކާރުން ނިންމާފައިވަނީ މިއަހަރުގެ ޖުލައި 26 ވަނަ ދުވަހު ފުރަތަމަ ހުޅުވައި ހިދުމަތް ދޭނީ އިމާރާތުގެ އެއް ބައެވެ. އެގޮތުން އިމާރާތް ހުޅުވާއިރު އެކްސްރޭ ނެގުމާއި ސީޓީ ސްކޭން އަދި އެމްއާރުއައި ހެދުންފަދަ ތަހުލީލް ކުރުމުގެ ހުރިހާ ހިދުމަތަކާއި އޯޕީޑީ އާއި ހަމުގެ ބަލިތަކުގެ ފަރުވާ އާއި އީއެންޓީ، ލޮލުގެ ބަލިތައް އަދި ދަތުގެ ފަރުވާ އެތަނުން ލިބޭނެ އެވެ.

އޭގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލް އެއްކޮށް ނިމުމުން އެތަނުގައި ރާއްޖޭގައި ފުރަތަމަ ގާއިމްކުރާ މެޑިކަލް ސްކޫލަށް ހާއްސަ ދެ ފްލޯއެއް ވެސް ހުންނާނެ އެވެ.

comment ކޮމެންޓް