މާލޭ ސިޓީ ޕާކު ހުރި ތަނުގައި ޕޫލަކާއި ވޯޓާ ޕުލޭ ސްޓްރަކްޗާއެއް ހިމެނޭ ގޮތަށް ޕާކެއް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަން ހައުސިން މިނިސްޓްރީން އަލުން އިއުލާން ކޮށްފި އެވެ.
އަލިކިލެފާނުމަގުގައި ހުންނަ ސިޓީ ޕާކުގައި ޕާކެއް ތަރައްގީ ކުރަން އިއްޔެ ހައުސިން މިނިސްޓްރީން އިއުލާންކުރި އިރު، މިދިޔަ މަހުގެ 16 ވަނަ ދުވަހު ވެސް އެ މަސައްކަތް ކުރުމަށް ހައުސިން މިނިސްޓްރީން ވަނީ އިއުލާން ކޮށްފަ އެވެ.
ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އެކަމަށް އަލުން އިއުލާން ކުރަން ޖެހުނީ ކުރިން ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ ކަމަށެވެ.
ސިޓީ ޕާކުގައި ތަރައްގީ ކުރާ ޕާކުގެ މަސައްކަތުގެ ތަފްސީލަށް ބަލާއިރު އެތަނުގައި އެއް ފޫޓާއި ހަތަރު ފޫޓާ ދެމެދުގެ ފުންމިން ހުންނަ ޕޫލަކާއި ވޯޓާ ޕުލޭ ސްޓްރަކްޗާތައް ހަރުކޮށް ބަލަހައްޓަން ޖެހޭ އިރު، ކުޑަކުދިންނަށް ކުޅެވޭނެ އާލާތްތަކާއި ބެންޗުތައް ވެސް ބަހައްޓަން ޖެހެ އެވެ.
އޭގެ އިތުރުން އެތަނުގައި މަލްޓި ސްޓޯރީ މިކްސް ޔޫސް ބިލްޑިންގް އެއްވެސް ތަރައްގީ ކުރަން ވަނީ ނިންމައިފަ އެވެ.
އެކި ކަހަލަ ބޭނުންތަކަށް ހާއްސަކޮށްގެން ހަދާ 1000 އަކަ ފޫޓުގެ ތިން ބުރީގެ އެ އިމާރާތުގެ ގްރައުންޑް ފްލޯ ހުންނަން ވާނީ އާންމުންގެ ބޭނުންތަކަށް ހާއްސަ ކޮށްފައި ކަމަށާއި އެތަނުގައި ފާޚާނާ، ޗޭންޖިންރޫމް އަދި ނާސިން ރޫމް ވެސް ހުންނަން ޖެހޭނެ ކަމަށް އެ މިނިސްޓްރީ އިން ބުނެ އެވެ.
ނަމަވެސް އެތަނުގައި ކާބޯތަކެތި ވިއްކުމުގެ މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.
ހައުސިން މިނިސްޓްރީން ބުނީ، އެތަން ހިންގުމުގެ ކޮންޓުރެކްޓް މުއްދަތަކީ 10 އަހަރު ކަމަށެވެ.
އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފު ކުރުން އޮންނާނީ އަންނަ ހަފްތާގެ ހޯމަ ދުވަހު އެވެ. އަދި އަގު ހުށަހެޅުމުގެ ސުންގަޑިއަކަށް ދީފައި ވަނީ މިމަހުގެ 27 ވަނަ ދުވަހެވެ.
ޕޫލަކާ އެކު ސިޓީ ޕާކުގައި ޕާކެއް ތަރައްގީ ކުރަން ސަރުކާރުން ނިންމި ނަމަވެސް ކުރިން އެތަން ތަރައްގީ ކުރަމުންދިޔައީ މިނިވަން ފަންސާހާއި ގުޅިގެން އެއް މިލިއަން ރުފިޔާ ހަރަދުކޮށްގެން ސަރުކާރުން ބަން ނަމޫނާ "ކަޅުއޮއްފުންމި" އާއި ސަލްޓަން ޕާކުގައި ހެދި ލެޑް ލައިޓް ގާޑަން ހިމަނައިގެންނެވެ.
ނަމަވެސް 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެތަން ހުޅުވަން ހަލުވިކަމާ އެކު މަސައްކަތް ކުރިއަށް ގޮސް، ކުއްލިއަކަށް އެ މަސައްކަތް ހުއްޓުނެވެ. އަދި މިއަދު އެތަނުގައި ތަރައްގީ ކޮށްފައި ހުރި ބައެއް އެއްޗެހި ވަނީ ވީރާނަވެގެން ގޮސްފަ އެވެ.