ބީއެމްއެލްގެ ހިއްސާއަކަަށް 22 ރުފިޔާ ބަހަން ފާސްކޮށްފި

ބީއެމްއެލްގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 22 ރުފިޔާ ބެހުމަށް ބޭންކް އޮފް މޯލްޑިވްސްއިން ފާސްކޮށްފިއެވެ.

އެ ބޭންކުން މިހާރު ހޮޓެލް ޖެންގައި ކުރިއަށް ގެންދާ އަހަރީ އާންމު ޖަލްސާގައި، ހިއްސާއަކަށް 22 ރުފިޔާ ބަހަން ބޭންކުގެ ބޯޑުން ހުށަހެޅި ހުށަހެޅުން ފާސްކުރީ ހިއްސާދާރުންގެ ތާއީދާއެކުއެވެ.

ހިއްސާއަކަށް 22 ރުފިޔާ ބަހާ އިރު، ހިއްސާގެ ފައިދާގެ ގޮތުގައި ބީއެމްއެލްއިން ބަހަނީ 118،402،240 ރުފިޔާއެވެ.

ކުރިއަށް އޮތް އަހަރަށް ބީއެމްއެލްއިން ވަނީ އެކުންފުނީގެ ބޯޑު ވެސް އިންތިޚާބުކޮށްފައެވެ.

ބޯޑަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އަށް ބޭފުޅުންނަކީ

  • ސައީދާ އުމަރު (މިހާރުގެ ޗެއާޕާސަން) - (3574275 ވޯޓު)
  • އެންޑްރޫ ހީލީ (ސީއީއޯ) - (3574275 ވޯޓު)
  • މުހައްމަދު ޝަރީފް (ޑެޕިއުޓީ ސީއީއޯ) - (3574275 ވޯޓު)
  • މުހައްމަދު ލުވެއިޒް - (3574275 ވޯޓު)
  • އަބްދުލްހާރިސް - (3574275 ވޯޓު)
  • އާއިޝަތު އަރުޝާ - (3574275 ވޯޓު)
  • ރާބިހު މުހައްމަދު - (3574275 ވޯޓު)
  • އާއިޝަތު ސަފުނާ - (3574275 ވޯޓު)

ބާތިލް ވޯޓު: 4697

އާންމު ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރުކަމަށް ހޮވާ ތިން މަގާމަށް މިއަހަރު ކުރިމަތިލެއްވީ އެ މަގާމުތައް 2017 ވަނަ އަހަރުވެސް ފުރުއްވި ތިން ބޭފުޅުންނެވެ. އެ ތިން ބޭފުޅުން ވަނީ ހިއްސާދާރުންގެ އަގުލަބިއްޔަތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކޮށްފައެވެ.

  • މުހައްމަދު އަބްދުލްސައްތާރު (މއ ޓިއުލިޕްފްލާވާ، މާލެ) - (448104 ވޯޓު)
  • އިބްރާހިމް މުހައްމަދު (ނެލުމް، ނ. ހޮޅުދޫ) - (448104 ވޯޓު)
  • އިބްތިޝާމާ އަހްމަދު ސައީދު (މ. އެގްޒީޓާ، މާލެ) - (448104 ވޯޓު).

ބާތިލް ވޯޓު: 3801

މިރޭގެ އަހަރީ އާންމު ޖަލްސާގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވަނީ މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ބީއެމްއެލްއިން ހޯދި ކުރިއެރުމާއި ކާމިޔާބީ ފާހަގަކުރައްވައިފައެވެ.

އެގޮތުން، ހަރުދަނާކޮށް ވިޔަފާރި ކުރިއެރުވުމާއި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ވަރަށް ބޮޑަށް މަދުކުރުމުގެ ނަތީޖާއެއްގެ ގޮތުން، ހަތަރު އަހަރުގެ ތެރޭގައި ބޭންކުގެ ފައިދާ ދެގުނައަށް އިތުރުވެފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް