ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ހިރިލަންދޫން ތ. އަތޮޅު ވޮލީ މުބާރާތް ކާމިޔާބުކޮށްފި

ތ. އަތޮޅު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި، ތ. ހިރިލަންދޫ ---

ތ. އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ތަށި ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ތ. ހިރިލަންދޫން ހޯދައިފި އެވެ.

ތ. ވިލުފުށީގައި ކުރިއަށް ދިޔަ މުބާރާތް މި މަހުގެ ފުރަތަމަ ދުވަހު ފަށައިފައިވާ އިރު، މުބާރާތުގެ ފިރިހެން ޑިވިޝަން ފައިނަލް މެޗު ކުޅެފައި ވަނީ އިއްޔެ އެވެ.

މުބާރާތުގައި ހަ ރަށަކުން ޖުމްލަ ނުވަ ޓީމު ބައިވެރިވެފައިވާ އިރު، މުބާރާތު އަންހެން އަދި ފިރިހެން ޑިވިޝަންގައިވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ ގައުމީ ފެންވަރުގެ ކުޅުންތެރިންނާއި ބިދޭސީ ވަރުގަދަ ކުޅުންތެރިން ވެސް ފެނިގެން ގޮސްފައިވެ އެވެ. މި އަހަރުގެ މުބާރާތުގައި ބައިވެރިވެފައި ވަނީ ފިރިހެން ޑިވިޝަންގެ ފަސް ޓީމާއި އަންހެން ޑިވިޝަންގެ ހަތަރު ޓީމެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހިރިލަންދޫން ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗްގައި މުބާރާތް ބާއްވާ ރަށް، ވިލުފުއްޓާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

އިއްޔެ ކުޅުނު ތ. އަތޮޅު މުބާރާތުގެ ފައިނަލް މެޗުގެ ތެރެއިން ---

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ނިންމާ، އަންހެން އަދި ފިރިހެން ޑިވިޝަންގެ ނަތީޖާ ފާޅުކޮށްފައި ވަނީ އިއްޔެ ހަވީރު ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގަ އެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮއްދެއްވީ އެމްއެންޑީއެފް ސެންޓްރަލް އޭރިޔާގެ ކޮމާންޑަރު ކާނަލް މުޙައްމަދު އިބްރާހީމެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ވެސް ތ. ހިރިލަންދޫން ހޯދައިފައިވާ އިރު، އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިރިލަންދޫ ޓީމުގެ ސްރީލަންކާ ކުޅުންތެރިޔާ ދިނޭޝާ ޕްރަސަދާނީ އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ހިރިލަންދޫ ޓީމްގެ ކޯޗު ސައްޔިދު އަލީ އެވެ.

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވިލިފުށީ ޓީމުގެ އަލީ ހުޒާމް (ހުޒާންޓޭ) ހޮވިފައިވާ އިރު، ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ހަ ކުޅުންތެރިން ވެސް ވަނީ ހޮވައިފަ އެވެ.

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ހަ ކުޅުންތެރިން:

  • އަލީ ހުޒާމް (ހުޒާންޓޭ) - ވިލުފުށީ ޓީމް
  • އާދަމް ނަސީމް - ބުރުނީ ޓީމު
  • އަހުމަދު އަބްދުލްކަރީމް (ލޯންގޭ) - ހިރިލަންދޫ ޓީމް
  • ހުސައިން މުއާޒް - ހިރިލަންދޫ ޓީމް
  • އަބްދުލްރަހުމާން ޝަހުމް - ވިލުފުށީ ޓީމް
  • ހަސަން ނިލާމް- ވިލުފުށީ ޓީމު

މުޅި ތ. އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅަފައިވާ އިރު، އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ކަނޑައަޅައިފަ އެވެ.

comment ކޮމެންޓް