ރޭ މޯލްޑިވިއަން އައިޑަލްގެ ސީޒަން ތިނެއްގެ ގްރޭންޑް ފިނާލޭ ކުރިއަށް ދިޔައީ ވަރަށް ވެސް ފޯރިގަދަ ކޮށެވެ.
ތަފާތު އެކި ބޭންޑްތަކާއި ސޯލޯ ހުށައެޅުންތައް ރޭގެ ސްޓޭޖުމަތިން ފެނިގެން ދިޔައިރު އައިޑަލް ބަލަން ތިބި އެންމެންގެ މޫނު މައްޗަށް ހިނިތުންވުމެއް ގެނެސްދިނީ މަޝްހޫރު ބޭންޑް ޓްރެފިކް ޖޭމްގެ ހުށަހެޅުމަކުންނެވެ.
މިއީ އެއްދުވަސްވަރެއްގެ އެންމެންގެ ފޭވަރިޓް ބޭންޑް ވެސް މެއެވެ. "ހަގީގަތަށް" ނިސްބަތްކޮށް ލަވަތައް ތައްޔާރުކުރާ އެ ބޭންޑުގެ ކޮންމެ ލަވައެއްވެސް އެހާ ފޯރިގަދައެވެ. އެހާ ރީއްޗެވެ. ނަމަވެސް އެ ބޭންޑްގެ އަޑުމަޑުވެގެން ދިޔައީ 2012 ވަނަ އަހަރު ނެރުނު "ބަޣާވާތް" ލަވައިގެ ފަހުންނެވެ. އެ ދުވަސްވަރު ވެގެން ދިޔައީ މުޅި ރާއްޖެ ހަލަބޮލިކަން ގެނެސްދިން އަހަރަކަށެވެ. ބޭންޑްގެ އަޑެއް އެއްގޮތަކަށް ވެސް އެދޭ ތެރެއިން ނީވެއެވެ.
ޓްރެފިކް ޖޭމްގެ އަޑެއް ނީވި ފަސް އަހަރެއްހާ ދުވަސް ފަހުން ދިވެހިންގެ ހިތްތައް ކަތިލައިލީ ރޭ މޯލްޑިވިއަން އައިޑަލްގެ ސްޓޭޖުން އެ ބޭންޑް ފެނިގެން ދިޔައެވެ. އެ ބޭންޑްގެ ދެލަވަ، އެންމެ ރެއެއްގެ މަތިން ސްޓޭޖުމަތިން ހުށަހަޅައިދިނީ ފޯރިގަދަކަމާ އެކުގައެވެ. ބަލަން ތިބި މީހުންނަށް ހިމޭނުންވެސް ނީނދެވުނު ކަހަލައެވެ.
ދެ ހުށަހެޅުމެއް އެ ބޭންޑްގެ ފަރާތުން ރޭ ފެނިގެން ދިޔައިރު ގިނަ ބަޔަކު މިވަނީ އެ ބޭންޑަށް ސުވާލެއް އުފައްދާފައެވެ. ބޭންޑް އެނބުރި އައީ ހެއްޔެވެ؟ ނޫނީ އަނެއްކާވެސް ދުވަސްގަނޑަކަށް ގެއްލޭނީ ބާވައެވެ؟
ރޭގެ ހުށައެޅުމަށް ފަހު އެ ބޭންޑް ބުނީ ވޭތުވެދިޔަ ދުވަސްތަކު ނުފެނުނީ "ޕާސަނަލް ބައެއް ކަންތައްތަކާ ހެދި" ކަމަށެވެ. އަދި "މިއި އެނބުރި އައުމެއް ކަމަށް ބެލުމަށް" އެ ބޭންޑުން ބުންޏެވެ.
މީގެ ކުރިންވެސް އެ ބޭންޑުން ވަނީ އެނބުރި އަންނަން އުޅޭ ކަމުގެ ސުރުހީ އަޅާލާފައެވެ.
ޓްރެފިކް ޖޭމުން ވަނީ މަޝްހޫރު ގިނަ ލަވަތަކެއް އާންމުންނާ ހިސާބަށް ގެނެސްދީފައެވެ.