އީރާނުގެ ބޫޝަހެރު ނިއުކްލިޔަ ސްޓޭޝަނުން ކަރަންޓް ފޯރުކޮށްދޭން ފަށައިފި

ތެހެރާން (ސެޕްޓެމްބަރ 5) : އީރާނުގެ އެންމެ ބޮޑު ނިއުކްލިޔަރ ސްޓޭޝަން ކަމަށްވާ ބޫޝަހެރު ނިއުކްލިޔަރ ސްޓޭޝަނުން އުފައްދާ ކަރަންޓް، އީރާނުގެ އިލެކްޓްރިކް ކަރަންޓްގެ ނެޓްވާރކްތައް މެދުވެރިކޮށް އީރާނުގެ އެކިކަންކޮޅުތަކަށް ލިބެން ފަށައިފިއެވެ. މިއީ ވަރަށް ކުރީއްސުރެ އީރާން ދެކެމުންއައި ހުވަފެނެއް ޙަޤީޤަތަކަށް ވެގެންދިޔުން ކަމަށް އެޤައުމުގެ އިސްލާމީ ޖުމްހޫރީ ނޫސްއެޖެންސީ ބުނެއެވެ.

ބޫޝަހެރު ނިއުކްލިޔަރ ސްޓޭޝަނަކީ 1000 މެގަވޯޓް ކަރަންޓް އުފެއްދުމުގެ ޤާބިލްކަން ލިބިފައިވާ ރިއެކްޓަރެއް ނަމަވެސް އަދި މިވަގުތަށް އެތަނުން އުފެއްދެނީ 60 މެގަވޯޓް ކަރަންޓް ކަމަށާއި ކުރިޔަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި 1000 މެގަވޯޓުގެ ކަރަންޓް އެތަނުން އުފެއްދޭނެ ކަމަށް ނިއުކްލިޔަރ ހަކަތައާބެހޭ އީރާނުގެ އެޖެންސީ ބުނެއެވެ.

ބޫޝަހެރު ނިއުކްލިޔަރ ސްޓޭޝަން އީރާނުގެ ކަރަންޓްގެ ޚިދްމަތުގެ ތެރެއަށް ވެއްދޭގޮތްމިވީ ހުޅަނގުގެ ފިއްތުންތަކާއި ދަތުކުރުމުގެ ފިޔަވަޅުތަކާ އަދި އެނޫންވެސް ބައެއް ސަބަބުތަކާ ގުޅިގެން އެތަށްފަހަރަކު އެސްޓޭޝަންގެ މަސައްކަތްތައް ލަސްވެގެން ދިޔުމަށްފަހުގައެވެ. އެސްޓޭޝަން، އީރާނުގެ ކަރަންޓްގެ މައިކޭބަލްތަކާ ގުޅާލާފައިވަނީ މިއަހަރުގެ ކުރީކޮޅުގައެވެ.

އެއްބިލިޔަން އެމެރިކާ ޑޮލަރުގެ ކޮންޓްރަކްޓެއްގެ ދަށުން ރަޝިޔާއިން ބިނާކޮށްދީފައިވާ ބޫޝަހެރު ނިއުކްލިޔަރ ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެމްބަރ މަހުގެ 12 ވަނަ ދުވަހުއެވެ. އީރާނުގެ އަމާޒަކީ އެޤައުމަށް ބޭނުންވާ ކަރަންޓްގެ 60 އިންސައްތަ ނިއުކްލިޔަރ ހަކަތައިން އުފެއްދުމެވެ. މިކަމަށްޓަކައި ކުރިޔަށްއޮތް 20 އަހަރު ތެރޭގައި އިތުރު 18 ނިއުކްލިޔަރ ސްޓޭޝަން ބިނާކުރުމަށް ނިއުކްލިޔަރ ހަކަތައާބެހޭ އީރާނުގެ އެޖެންސީންވަނީ ދިގުމުއްދަތުގެ ސްޓްރެޓީޖިކް ޕްލޭނެއް ރާވާފައެވެ.

ބޫޝަހެރު ސްޓޭޝަންގެ އިތުރުން އަމިއްލަ ޓެކްނޮލޮޖީގައި އީރާނުގެ ނިއުކްލިޔަރ ސައެންސްވެރިންނާއި ނިއުކްލިޔަރ އިންޖިނޭރުންނާއި ފަންނީ މަސައްކަތްތެރިން ގެންދަނީ އިލެކްޓްރިކް ކަރަންޓް އުފައްދާ ނިއުކްލިޔަރ ދެވަނަ ސްޓޭޝަނެއް ބިނާކުރަމުންނެވެ. ނިއުކްލިޔަރ ހަކަތައިން ކަރަންޓް އުފައްދުން ގިނަވަމުންދާ ވަރަކަށް އީރާނުގެ ކަރަންޓްގެ ޚިދްމަތުގެ އަގު ހެޔޮވަމުންދާނެ ދާނެކަމަށް އެޤައުމުން ބުނެއެެވެ. -- ރޮއިޓާސް
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު