އަންހެން ޑިވިޝަންގެ ފައިނަލްގައި ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށް ޓީމް ފްރެންޑްސް

ރޭ ފްރެންޑްސްއާއި އުރީދޫ ޓީމު ވާދަކުރި މެޗުގެ ތެރެއިން ---

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ އަންހެން ޑިވިޝަން ޔޫތު ސިޓީ ފުޓްސަލް ކަޕްގެ އަންހެން ޑިވިޝަން ފައިނަލަށް ދިވެހި ސިފައިންގެ ކްލަބާއި ޓީމް ފްރެންޑްސް ދަތުރުކޮށްފިއެވެ.

އެ ދެޓީމު ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުތައް ފަސޭހަމަކާއެކު ކާމިޔާބުކޮށްގެންނެވެ.

ރޭ ކުޅުނު ފުރަތަމަ ސެމީ ފައިނަލް މެޗުގައި ޓީމު ފްރެންޑްސްއާއި އުރީދޫ ޓީމު ވާދަކޮށް، އެ މެޗު 19-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓީމު ފްރެންޑްސްއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސަފިއްޔާ ރަފާ ހަ ގޯލް ޖެހި އިރު، ފިރުޝާނާ ނަސީރުވެސް ވަނީ ފްރެންޑްސްއަށް ހަތް ގޯލް ޖަހައިދީފައެވެ. އަދި އިއްފަތު ޔޫނުސާއި ފާތިމަތު އަރޫޝާވެސް ކޮންމެ ކުޅުންތެރިއަކު މެޗުގައި ދެ ގޯލް ޖަހައިފައިވާ އިރު، އައިޝަތު ފިރުޝާނާ އަދި ހައްވާ ސަމާވެސް ވަނީ ކޮންމެ ކުޅުންތެރިއަކު ގޯލެއް ޖަހައިފައެވެ.

ރޭ ކުޅުނު ދެވަނަ ސެމީ ފައިނަލް މެޗުގައި ސިފައިންގެ ކްލަބުން ވަނީ ކަނބަލުން ކޮޅަށް 31 ގޯލް ޖަހައިފައެވެ.އެ މެޗު ނިމުނީ 31-0ގެ ނަތީއަކުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މަރިޔަމް ރިފާ ވަނީ ދިވެހި ސިފައިންގެ ކްލަބަށް 14 ގޯލް ޖަހައިދީފައެވެ. އަދި ފާތިމަތު ޒާހިޔާ (ޒެޑޭ) ވެސް ވަނީ އެޓީމަށް ފަސް ގޯލް ޖަހައިދީފައެވެ.

މީގެ އިތުރުންވެސް ޝަހްފާ ޝިއުތާއި ފާތިމަތު އަލްމާ އަލީގެ އިތުރުން އައިމިނަތު އަޒީމާ އަދި ފާތިމަތު ޒާހިރާއާއި ފާތިމަތު ޝަހުމާވެސް ވަނީ މެޗުގައި ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ޖަހައިފައެވެ. ސިފައިންގެ ކްލަބުގެ އައިމިނަތު ނުޒުހަތުވެސް ވަނީ މެޗުގައި ގޯލެއް ޖަހައިފައެވެ.

ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަންގެ ފައިނަލް މެޗުތައްވެސް އޮންނާނީ މާދަމާ ރޭގައެވެ. ފިރިހެން ޑިވިޝަންގެ ފައިނަލް މާދަމާ ރޭ 9:00ގައި އޮންނަ އިރު، އަންހެން ޑިވިޝަންގެ ފައިނަލް އޮންނާނީ މާދަމާ ރޭ 8:00ގައެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ މުބާރާތުގައި ޖުމްލަ 136 ޓީމެއް ބައިވެރިވެފައިވާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެ އެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ނޮކްއައުޓް އުސޫލުން ކުރިއަށްދާ އިރު، އަންހެން ޑިވިޝަންގައި ފުރަތަމަ ކުރިއަށްދިޔައީ ގްރޫޕް ސްޓޭޖެވެ.

މި އަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މި އަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެ އެވެ. ފިރިހެން އަދި އަންހެން ޑިވިޝަންގައި އެ އަދަދު ހުށަހެޅުމުން، މިއަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 350,000 ރުފިޔާ އެވެ.

comment ކޮމެންޓް