އިހަވަންދޫ އިއްސެ މަރާލި މައްސަލާގައި ތިން މީހެއްގެ ހެކި ބަސް ނަގައިފި

ޅ. ހިންނަވަރު އަތިރީގޭ އިސްމާއީލް އުމަރު މަރާލި ކަމަށް އިއުތިރާފުވި، ޝުމަންމިއާ -- ސަން ފޮޓޯ

ހއ. އިހަވަންދޫގެ އައިސްޕްލާންޓުގައި މަސައްކަތް ކުރި ޅ. ހިންނަވަރު، އަތިރީގެ، އިސްމާއިލް އުމަރު (އިއްސެ) މަރާލި ކަމަށް އިއުތިރާފްވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝުމޮން މިއާ އާ ދެކޮޅަށް ދައުލަތުން ހުށަހެޅި ތިން ހެއްކެއްގެ ހެކިބަސް ނަގައިފި އެވެ.

އިއްސެ މަރާލާފައި އޮއްވައި ފެނިފައި ވަނީ، މިދިޔަ ޖޫން މަހުގެ 16 ވަނަ ދުވަހު، އޭނާ މަސައްކަތް ކުރި އައިސްޕްލާންޓް ތެރޭގަ އެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން ސުމޮން މިއާގެ މައްޗަށް ކޮށްފައި ވަނީ އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި އަނިޔާވެރި ގޮތަކަށް އިއްސެ މަރާލާފައިވާ މައްސަލާގަ އެވެ.

އެމައްސަލާގައިި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގެ އިހަވަންދޫގައި ލޯންޗު ދަތުރު ކުރާ މީހަކު ވަނީ ހެކިބަސް ދީފަ އެވެ. އޭނާ ބުނި ގޮތުން އިއްސެ މަރާލި ރޭ ސުމޮން މިއާގެ ރައްޓެހި ބަންގްލަދޭޝް މީހަކު ލޯންޗު ދަތުރެއް ކޮށްދޭން އެދުނެވެ.

އަދި ދަތުރު ކޮށްދެނީ 10،000 ރުފިޔާއަށް ކަމަށް ބުނުމުން ވެސް އެންމެ ރަނގަޅު ކަމަށް ބުނެފައިވާ ކަމަށް އޭނާ ހެކިބަސް ދެމުން ބުންޏެވެ. ނަމަވެސް އެ ދަތުރު ނުކޮށްދޭ ކަމަށް ބުންޏެވެ.

މިއަދު ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިން އަނެއް މީހާއަކީ ކައުންސިލް އިދާރާގައި މަސައްކަތް ކުރާ ވޮޗަރެވެ. އޭނާ ބުނި ގޮތުން އިއްސެ މަރުވެފައި އޮއްވައި ފެނުނު ރޭގެ މެންދަމު ތިނެއް ޖަހާ އެހާކަންހާއިރު ސުމޮން މިއާ އައިސް ޕްލާންޓް ކައިރީ މީހަކާ ވާހަކަ ދައްކަން ހުއްޓައި ފެނުނެވެ. އަދި އޭގެ ފަހުން ފަތިހު ފަހެއް ޖެހިއިރު ވެސް މީހަކާ އެއްކޮށް އެތަނުން ފެނުނު ކަމަށް ވޮޗަރު ބުންޏެވެ.

އިއްސެ މަރާލި ކަމަށް ޝަރީއަތުގެ މަޖިލީހުގައި އެއްބަސްވެ، އެކަން ހިނގައި ދިޔަ ގޮތުގެ ތަފްސީލު ސުމޮން މިއާ ވަނީ ކިޔައިދީފަ އެވެ.

ޝުމޮން ބުނި ގޮތުގައި އޭނާ އިއްސެ މަރާލުމަށް އައިސްޕްލާންޓަށް ދިޔައީ 12 ވަރަކަށް ފޫޓު ހުންނަވަރުގެ ވާގަނޑެއް ހިފައިގެންނެވެ. އޭނާ ބުނި ގޮތުގައި ފުރަތަމަ ހިތުލައިގެން ދިޔައީ ވާގަނޑު ބޭނުން ކޮށްގެން އިއްސެ މަރާލުމަށެވެ. އޭރު އިއްސެ އޮތީ ނިދާފައި ކަމަށާއި ވާގަނޑުން އެކަނި މަރާނުލެވިދާނެ ކަމަށް ވިސްނުމުން އެ ކޮޓަރި ތެރޭގައި ހުރިކަބަޑުން ގާތްގަނޑަކަށް ފޫޓެއް ހުންނަ ވަރުގެ ވަޅި އެއް ނެގުމަށް ފަހު އިއްސެ ކައިރިއަށް ދިޔައީ ކަމަށެވެ.

"އިއްސެ އޮތީ ޑަބަލް ބެޑްގެ ތިރީގައި. މަތީ އެނދުގައި ވަޅި ބާއްވާފައި ވާގަނޑު ލެއްވީ އިއްސެގެ ކަރަށް. ވާގަނޑު ބާރުކޮށްނުލެވެނީސް އިއްސެއަށް ހޭލެވިގެން އަތުން އަހަރެން ގައިގަ ޖެހީ. އަހަރެން ވެސް އޭނާގެ މޭގައި ދެތިން ފަހަރު ޖެހިން. އެއަށް ފަހު ވަޅި މަތިން ހަނދާންވެގެން ވަޅި ނަގާފައި ފުރަތަމަ ޖެހީ އޭނާގެ އަތަށް،" ޝުމޮން ކިޔައިދިނެވެ.

އިއްސެގެ އަތަށް ވަޅި ހެރުމުން އޭނާ އެ ވަޅި އަތުލި ކަމަށް ޝުމޮން ބުންޏެވެ. އަދި ޝުމޮން އަލުން އެ ވަޅި އަތުލަން އުޅުމުގެ ތެރޭގައި ޝުމޮންގެ އަތް ކަފައިގެން ދިޔަ ކަމަށާއި، އެއަށް ފަހު ވަޅި ނަގައި އިއްސެގެ ކަރަށް ޖެހީ ކަމަށް ޝުމޮން ބުންޏެވެ.

"ދެފަހަރު ވަޅިޖެހިން ކަރަށް. އެވަރުންވެސް އިއްސެ މަރެއްނުވި،" ޝުމޮން ބުންޏެވެ.

ޝުމޮން ބުނީ އެއަށް ފަހު ދަމާފައި އިއްސެ އެނދުން ވައްޓާލުމަށް ފަހު ތިންވަނަ ފަހަރަށް ވެސް ކަރަށް ވަޅި ހެރީ ކަމަށެވެ. އިއްސެއަށް ހަމަލާ ދިނުމަށް ފަހު ވަޅިއާއި ވާގަނޑު އިއްސެ ކައިރީގައި ބޭއްވުމަށް ފަހު ހުރިހާ ދޮރެއް ތަޅުލައި، ބޭރަށް ދިޔައީ ކަމަށް ޝުމޮން ބުންޏެވެ.

comment ކޮމެންޓް