ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަން ފައިނަލަށް ލ. ގަން ފުޓްސަލް ކްލަބު (ގަން އެފްސީ)އާއި އެފްސީ ދާއެޅުން ދަތުރުކޮށްފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގެ ފައިނަލް މެޗު މާދަމާ ރޭ އޮންނަ އިރު، ގަން އެފްސީއާއި އެފްސީ ދާ އެޅުން ފައިނަލުން ޖާގަ ހޯދީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުތައް ކާމިޔާބުކޮށްގެންނެވެެ.
ރޭ ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި އެފްސީ ދާއެޅުމުން ހުޅުމާލެއަށް ނިސްބަތްވާ ފްލެޓް 7 ބަލިކުރީ 5-2ގެ ނަތީޖާއަކުންނެވެ. މެޗުގެ ކުރީކޮޅުގައި އަލީ ހާފިޒްގެ ދެ ގޯލުން އެފްސީ ދާއެޅުން ދެ ގޯލްގެ ލީޑެއް ނަގައިފައިވާ އިރު، ހާފް ނިމެންދަނިކޮށް އާފިގް ރަޝީދު ޖަހައިދިން ގޯލާ އެކު ފްލެޓް 7އިން ނަތީޖާގެ ފަރަގު ކުޑަކުރިއެވެ.
މެޗުގެ ދެވަނަ ހާފްގައި އެފްސީ ދާއެޅުމުގެ މުހައްމަދު އިމްރާން ދެ ގޯލް ޖެހި އިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ހާފިޒް ވަނީ އިތުރު ގޯލެއްޖަހައި ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ފްލެޓް 7ގެ ދެވަނަ ގޯލްވެސް ޖެހީ އާފިގެވެ.
ރޭ ކުޅުނު ސެމީގެ ދެވަނަ މެޗުން ގަން އެފްސީ މޮޅުވީ ޕެނެލްޓީ ޖަހައިގެން އެންމެ ފަހުގެ ޗެމްޕިއަން ބަޖެޔާ ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތުހަމަވި އިރު، ނަތީޖާ 2-2 އަކުން އެއްވަރުވެފައި އޮތުމުން ޖެހި ޕެނެލްޓީގައި ގަން އެފްސީން ކުރިހޯދީ 4-3ގެ ނަތީޖާއަކުންނެވެ.
މެޗުގެ ކުރީކޮޅުގައި ބަޖެޔާއިން ލީޑު ނެގީ އަބްދުﷲ ޝާފިއުގެ ގޯލުންނެވެ. އެހެން ނަމަވެސް ހާފް ނިމުމުގެ ކުރިން އަހުމަދު ހަލީމްގެ ގޯލުން ގަން އެފްސީ ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ދެވަނަ ހާފްގައި އަހުމަދު ހަލީމްގެ ދެވަނަ ގޯލާ އެކު ގަން އެފްސީން ލީޑު ނެގި ނަމަވެސް، މެޗުގެ ފަހު މިނެޓުގައި އަބްދުﷲ ޝާފިއު ވަނީ އަނެއްކާ ވެސް ބަޖެޔާއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
މެޗުގައި ބަޖެޔާއިން ޖެހި ހަތަރު ޕެނެލްޓީގެ ތެރެއިން ކާމިޔާބުވީ އިބްރާހީމް މުބީން ޖެހި ޕެނެލްޓީ އެކަންޏެވެ. ގަން އެފްސީއަށް ޕެނެލްޓީ ކާމިޔާބުކޮށްދިނީ ޝިނާން ޝަރީފާއި އަހުމަދު ރަޝީދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ގަން އެފްސީގެ ކީޕަރު މުހައްމަދު އަމްރާދެވެ.
ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަން ފައިނަލް މެޗު އޮންނާނީ މާދަމާ ރޭ 9:30ގަ އެވެ.
ޖުމްލަ 136 ޓީމާ އެކު މުބާރާތް ކުރިއަށްދާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެ އެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ނޮކްއައުޓް އުސޫލުން ކުރިއަށްދާ އިރު، އަންހެން ޑިވިޝަންގައި ފުރަތަމަ ކުރިއަށްދިޔައީ ގްރޫޕް ސްޓޭޖެވެ.
މި އަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މި އަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެ އެވެ. ފިރިހެން އަދި އަންހެން ޑިވިޝަންގައި އެ އަދަދު ހުށަހެޅުމުން، މިއަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 350,000 ރުފިޔާ އެވެ.