ފިލްމު، 'ދަންގަލް'ގައި ރޯލެއް އަދާކުރި އުމުރުން 17 އަހަރުގެ ބަތަލާ ޒާއިރާ ވަސީމް އަދި ވެސް ޑިޕްރެޝަނަށް ފަރުވާ ހޯދަމުންދާ ކަމަށް އޭނާ ބުނެފި އެވެ.
އޭނާގެ އިސްޓަގްރާމް އޮފިޝަލް އެކައުންޓްގައި ބުނެފައި ވަނީ އަދި ވެސް އެ ބައްޔަށް ފަރުވާ ކުރަމުންދާ ކަމަށާއި މީގެ ހަތަރު ވަރަކަށް އަހަރު ކުރިން އޭނާ ޑިޕްރަޝަންގެ ވޭނުގައި ވަރަށް ބޮޑަށް އުޅުނު ކަމަށެވެ.
އަދި އެދުވަސްވަރު ނުބައި ހިޔާލުތައް ސިކުނޑިއަށް ވަދެ އަމިއްލަ އަށް މަރުވަން ހިތަށް އެރިކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
"ޑިޕްރެޝަން އަކީ އަސްލު ވަރަށް ވޭން ހުރި ބައްޔެއް. އޭގެ ވާހަކަ ފަސޭހައެއް ނޫން ދައްކާކަށް. މިއީ ބައްޔެއް. އުމުރުން ކިތަންމެ ޅަ ވިޔަސް އެ ބައްޔާ ކުރިމަތިލާން ޖެހިދާނެ،" އޭނާ ބުންޏެވެ.
ޒާއިރާ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ޑިޕްރެޝަން އާ ބެހޭ ގޮތުން ޕޯސްޓްކޮށްފައި---
މީގެ ކުރިން ޒާއިރާ އަށް ވަނީ މަރުގެ އިންޒާރު ވެސް ދީފަ އެވެ. ޒާއިރާ އާދެކޮޅަށް މުޒާހަރާކޮށް މަރުގެ އިންޒާރުދީފައި ވަނީ، މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާ ޖައްމު ކަޝްމީރުގެ ޗީފް މިނިސްޓަރު މެހެބޫބާ މުފްތީ އާ ބައްދަލުކުރި މައްސަލައިގަ އެވެ.
އޭނާ ވަނީ އާމިރު ހާން އާ އެކީ "ސީކްރެޓް ސުޕަސްޓާ"ގައި ވެސް މަސައްކަތްކޮށްފަ އެވެ.
އަދި އެފިލްމުގައި އޭނާ އަދާކޮށްފައިވާ ފުރިހަމަ ރޯލަށް ގައުމީ އެވޯޑެއް ލިބިފައިވެ އެވެ. ހަމައެއާ އެކު އޭނާ އަށް ފިލްމު 'ދަންގަލް' އިން ވެސް ވަނީ އެންމެ މޮޅު ޗައިލްޑް އެކްޓަރުގެ ގައުމީ ފިލްމު އެވޯޑު ލިބިފަ އެވެ.