މޯލްޑިވިއަން އައިޑަލްގެ ގަދަ ތިނެއްގައި ތިން އަންހެން ބައިވެރިން

މޯލްޑިވިއަން އައިޑަލްގެ ގަދަ ތިނަކަށް ސައިނާ، އަޒަލް އަދި މައިޝާ ހޮވިއްޖެއެވެ.

އައިޑަލްގެ ގަދަ ތިނެއް ހޮވާފައިވަނީ ޓޮޕް 5ގެ ހުށަހެޅުމުގައި ލިބުނު މާކްސްއާއި ބުރާސްފަތި ދުވަހުގެރޭ ގެނެސްދިން ޝޯއަށް ޖަޖުންނާއި ބެލުންތެރިން ދިން މާކްސްއާއި ވޯޓަށް ބަލައިގެންނެވެ.

މިއާއެކު އައިޑަލްގެ ފިނާލޭގައި ވާދަކުރާނީ ހުސް އަންހެން ބައިވެރިންނެވެ.

އައިޑަލްގެ ގަދަ ފަހެއްގައި ވާދަކޮށްފައިވަނީ އައިޝަތު އަޒަލް ޒާހިރާއި، ނައުޝާދު އަބްދުލް ލަތީފްގެ އިތުރުން ތަސްލީމް އަބްދުލްކަރީމް, ސައިނާ މުހައްމަދު ރަޝީދު އަދި މަރިޔަމް މައީޝާއެވެ.

މިރޭ ތިންވަނަ މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭ ކުރިއަށް ގެންދާއިރު މިއީ ގަދަ ތިނެއްގައި ހުސް އަންހެން ބައިވެރިން ހިމެނުނު ފުރަތަމަ ފަހަރެވެ.

މިރޭގެ ޝޯގައި ޖަޖުންގެ ހުށަހެޅުންތަކާއި ގިނަ އޮރިޖިނަލް ދިވެހި ލަވަތަކެއް ފެނިގެންދިޔައެވެ. ދިވެހި އޮރިޖިނަލް ލަވަ ކިޔުމަށް މަޝްހޫރު ގިނަ ފަންނާނުންގެ ލަވަތަކުން ޝޯގެ ފޯރި ގަދަކޮށްލި އިރު، އައިޑަލްގެ ފުރަތަމަ ސީޒަންގެ ދެވަނަ ހޯދައި، މިއުޒިކް އިންޑަންސްޓްރީގައި ފައިހަމަކޮށްލި ޝަލަބީ އިބްރާހިމާއި ދެވަނަ ސީޒަން ކާމިޔާބުކުރި މުހައްމަދު ތަސްނީމްގެ ހުށަހެޅުންތައްވެސް މިރޭ ވަނީ ފެނިފައެވެ.

މިރޭ އެންމެ ފާހަގަވީ ފަސް ފައިނަލިސްޓުންނާއެކު އައިޑަލްގެ މިސީޒަންގެ ކޯޗު މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) ހުށަހަޅައިދިން ލަވައެވެ. އެ ހުށަހެޅުމަކީ ސީޒަން ނިންމާލާއިރު މިސީޒަނަށް އިތުރު ފުރިހަމަކަމެއް ގެނެސްދިން ހުށަހެޅުމެކެވެ.

މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަން ކާމިޔާބުކުރާ ބައިވެރިއަކު އެނގެން ދެން އޮތީ ކުޑަ ވަގުތުކޮޅެކެވެ.

comment ކޮމެންޓް