ބްލޭޒަންގެ "މޯލްޑިވްސް ބިޒްނަސް އެވޯޑްސް"ގެ މީޑިއާ ޕާޓްނަރުކަމަށް ސަން

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ މީޑިއާ ޕާޓްނަރުކަމަށް ސަން ހަމަޖެއްސުން -- ސަން ފޮޓޯ

ވިޔަފާރި ދާއިރާގައި ފާހަގަކުރެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ރާއްޖޭގައި އަލަށް ތައާރަފުކުރާ "މޯލްޑިވްސް ބިޒްނަސް އެވޯޑްސް"ގެ މީޑިއާ ޕާޓްނަރަކަށް ސަން މީޑިއާ ގްރޫޕު ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސްއަކީ ރާއްޖޭގައި ހިންގާ ޕީއާރު، މާކެޓިންގް އަދި ބިޒްނަސް ޑިވެލޮޕްމެންޓް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ބްލޭޒަން އިންކުން ތައާރަފުކުރާ އެވޯޑެކެވެ.

ސަން މީޑިއާ ގްރޫޕުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މީޑިއާ ޕާޓްނަރުކަމުގެ އެއްބަސްވުމުގައި ސޮއިކުރީ ބްލޭޒަން އިންކުގެ ސީއީއޯ ހަސަން އަބްދުﷲ ހިލްމީއާއި ސަން މީޑިއާ ގްރޫޕުގެ ސީއޯއޯ މިންހާ ފާއިޒް ރަޝާދެވެ.

ބްލޭޒަންގެ ސީއީއޯ ހަސަން ވިދާޅުވި ގޮތުގައި މޯލްޑިވްސް ބިޒްނަސް އެވޯޑްސްއަކީ ރާއްޖޭގެ ވިޔަފާރީގެ ހުރިހާ ސިނާއަތެއް ހިމެނޭ ގޮތަށް، އެންމެ ރަނގަޅަށް ޕަފޯމްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.

"މި އެވޯޑަކީ އިކޮނޮމިކް މިނިސްޓްރީން ސަޕޯޓުކޮށް، މާލީ އިދާރާތަކާއި ބައެއް ޖަމިއްޔާތަކުން އެންޑޯޒްކޮށްފައި ވާ އެވޯޑެއް. އަދި މިއީ ރާއްޖޭގައި މިގޮތަށް ހުރިހާ ވިޔަފާރި ސިނާއަތްތަކަށް އަމާޒުކޮށްގެން ބޭއްވޭ ފުރަތަމަ އެވޯޑު. އަދި ވިޔަފާރީގެ އެންމެ ޝަރަފުވެރި އެވޯޑަށް ވެގެން ދާނެ،" ހަސަން ވިދާޅުވިއެވެ.

މި އެވޯޑުގެ ގާލާ އޮންނާނީ ޖުލައި މަހުގެ ތެރޭގައި ކަމަށާއި، އެވޯޑު ރަސްމީކޮށް ލޯންޗުކުރުމާ އެކު އިތުރު މައުލޫމާތު ހާމަކުރަމުން ދާނެކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ މި އެވޯޑުގެ މީޑިއާ ޕާޓްނަރަކަށް ސަން މީޑިއާ ގްރޫޕު ހަމަޖެއްސީ، ކަރަންޓް އެފެއާޒްއާއި ވިޔަފާރި ހަބަރުތަކަށް ސަންއިން ދޭ އަހަންމިއްޔަތުކަމާއި ސަންއިން ވިޔަފާރި ކުރިއަރުވަން ބަހައްޓާ ޝައުގުވެރިކަން ފާހަގަކުރެވޭތީ ކަމަށެވެ.

ސަން މީޑިއާގެ ސީއޯއޯ މިންހާ ފާއިޒް ވިދާޅުވީ މި އެވޯޑުގެ މީޑިއާ ޕާޓްނަރަކަށް ސަން ހަމަޖެއްސުމަކީ ރާއްޖޭގެ އެކި ދާއިރާތަކުގެ ކަވަރޭޖު ފުޅާކރުުމަށް ސަންއިން ކުރާ މަސައްކަތަށް ލިބުނު އިތުރު ބާރެއް ކަމަށެވެ.

އަދި ސަންގެ ބިޒްނަސް ޓީމުން ސަންޓީވީ، ސަން އެފްއެމް، ސަން އޮންލައިން އަދި މޯލްޑިވް އައިލެންޑްސް މަޖައްލާ މެދުވެރިކޮށް އެވޯޑުގެ ކަވަރޭޖު ކުރިއަށް ގެންދާނެކަމަށް މިންހާ ވިދާޅުވިއެވެ.

"ރާއްޖޭގައި މިހާ ބޮޑު އެވޯޑެއް ވިޔަފާރި ދާއިރާއިން ބޭއްވިގެން މި ދަނީ. ވަރަށް ފުޅާ ގޮތެއްގައި ގިނަ ކެޓެގަރީތަކަކާއި ހަރަކާތްތަކާ އެކު ބޭއްވޭ އެވޯޑަކަށް ވާތީ މިއީ ވަރަށް މުހިންމު އެވޯޑެއް ކަމުގައި ދެކެން،" މިންހާ ވިދާޅުވިއެވެ.

comment ކޮމެންޓް