އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އެއްއަހަރާ ހަތްމަހަށް ޖަލަށް ލާން ހުކުމްކޮށްފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ފަނޑިޔާރު އަލީ ހަމީދު މުހައްމަދު--- ސަން ފައިލް ފޮޓޯ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އެ ހުކުމް ކުރީ އެ ދެ ފަނޑިޔާރުންގެ މައްޗަށް ދައުލަތުން އުފުލި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.

އިއްޔެ ބޭއްވުމަށް ދެ ފަހަރު ތާވަލު ކުރުމަށްފަހު ކެންސަލް ކުރި ހުކުމް އިއްވުމުގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު މެންދުރުއެވެ. ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ގާޒީ ހުސައިން ޝަހީދު ވަނީ ދެ ފަނޑިޔާރުންގެ އަދަބު ހަތަރު ގުނައަށް ބޮޑު ކުރުމަށް ވެސް ކަނޑައަޅުއްވާފައެވެ.

އެ ކުށުގެ އަސާސީ މިންގަނޑަކީ ނުވަ މަހާއި 18 ދުވަހެވެ. ނަމަވެސް ހަތަރު ދަރަޖައަށް މަތިކުރެއްވުމުން އަދަބު ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަސް އުފުލިފައެވެ. ދަރަޖަ މަތިކުރެއްވި ސަބަބުތައް ވެސް މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ގަޒީ ވަނީ ވިދާޅުވެދެއްވާފައެވެ.

އެގޮތުން ފަނޑިޔާރުންނަކީ އެމީހުންގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިޚްލާސްތެރިކަމާ މެދު ރައްޔިތުން ސުވާލު އުފައްދާ ފަދަ ބަޔަކަށް ވެގެން ނުވާނެކަން ފަނޑިޔާރުންގެ ގާނޫނުގައި ބުނެފައިވާނެ ކަމަށާއި ނަމަވެސް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމުގެ ހުވާކުރައްވައިގެން ތިއްބަވައި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުއްވާފައިވާކަން ހެކީންގެ ހެކިބަހުން ސާފުކޮށް އެގެން އޮތުމުން އަދަބުގެ ދަރަޖަ މަތިކުރެއްވީ ކަމަށް ގާޒީ ޝަހީދު ވިދާޅުވިއެވެ.

ދައުލަތުން ހުށަހެޅި ހެކިވެރިންގެ ތެރޭގައި ދެ ފަނޑިޔާރުން ހިމެނޭ ކަމަށް ހުކުމް އިއްވަވަމުން ގާޒީ ވިދާޅުވިއެވެ. އޭގެތެރެއިން އެއް ގާޒީ ވަނީ އޭނާ ބެއްލެވި މައްސަލައަކާ ގުޅޭ ގޮތުން އޭނާ އާއި އެނާ މަސައްކަތްކުރާ ކޯޓުގެ އިސް ގާޒީ އަލީ ހަމީދު އަރިހަށް ގެންނަވައި ކުރިން ލިޔެފައިވާ ހުކުމް އަލީ ހަމީދު ބޭނުންވާ ގޮތަށް ބަދަލުކޮށް އެ ގޮތަށް ހުކުމް ނެރެފައިވާ ކަމަށް ބުނެ ހެކިބަސް ދެއްވާފައެވެ.

ދެން ހެކިބަސް ދިން ގާޒީ ވިދާޅުވެފައިވާ ކަމަށް ހުކުމުގައި ބުނަނީ ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު އަމުރު ނެރުމަށްފަހު އަބްދުﷲ ސައީދާއި އަލީ ހަމީދު އެ ގާޒީއަށް ގުޅުއްވި ކަމަށެވެ. އޭގެތެރެއިން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެދިވަޑައިގަތީ ސިޔާސީ ފަރާތްތަކާއި ޝަރުއީ ދާއިރާގެ ބޭފުޅުން ހައްޔަރުކުރުމަށް އަމުރު ނެރުމުގެ ކުރިން ވިސްނާލެއްވުމަށް ކަމަށް އެ ގާޒީ ވަނީ ވިދާޅުވެފައެވެ.

އަދި ހައްޔަރުކުރުމުގެ އަމުރު ނެރެފައި ވަނީ ކޮން ބަޔަކަށްތޯ ބައްލަވައި އެ އަމުރުތައް ބާތިލްކޮށްދިނުމަށް ވެސް އަބްދުﷲ ސައީދު އެދިވަޑައިގަތް ކަމަށް ހެކިބަސް ދެއްވަމުން އެ ގާޒީ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ދެ މީހަކު ހައްޔަރުކުރުމަށް ނެރުނު އަމުރުތައް ބާތިލްކޮށްފައިވަނީ ދެ ފަނޑިޔާރުން އެދިގެން ކަމަށް ފުލުހުންގެ ބަޔާނުގައި އޮތް ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި އެކަމަށް އެ ގާޒި އިންކާރު ކުރެއްވި ކަމަށް ހުކުމް އިއްވަވަމުން ގާޒީ ޝަހީދު ވިދާޅުވިއެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ފަރާތުން އެ މައްސަލާގައި ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.

comment ކޮމެންޓް