ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީގެ 29 ސްކޮލަޝިޕަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

އިންޑިއާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީ. އެ ޔުނިވާސިޓީން ރާއްޖެއަށް 29 ސްކޯލާޝިޕެއް ވަނީ ދީފައި--

އިންޑިއާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީން ރާއްޖެއަށް ދީފައިވާ 29 ސްކޯލާޝިޕަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ޑިޕާޓަމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން މިދިޔަ އަންގާރަ ދުވަހު ވަނީ ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީން ރާއްޖެއަށް ދީފައިވާ ބެޗެލާސް ޑިގްރީގެ ތިން ފްރީ ސްކޮލަޝިޕަކާއި އަދި 50 ޕަސެންޓް ހިލޭ ދޭ ގޮތަށް 17 ބެޗެލާސް ޑިގްރީގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

އޭގެ އިތުރުން އެ ޔުނިވާސިޓީން ރާއްޖެއަށް ދީފައިވާ މާސްޓާސްގެ އެއް ފްރީ ސްކޯލާޝިޕަކާއި އަދި 50 ޕަސަންޓް ހިލޭ ދޭ ގޮތަށް 17 މާސްޓާސް ޑިގްރީގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީގައި އިންޖިނިއަރިން، ބިޒްނަސް އަދި އައިޓީ ދާއިރާގެ ގިނަ ކޯސްތަކެއް ދަނީ ކިޔަވައިދެމުންނެވެ. އޭގެ ތެރެއިން ކޮންމެ ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ވަނީ ހުޅުވާލައިފައެވެ.

ހުޅުވާލި ކޯސްތަކުގެ ތެރެއިން ބެޗެލާޒް ޑިގްރީއަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖީސީއީ އޯލެވެލްއިން ފަސް މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބުމާ އެކު ޖީސީއީ އޭލެވެލް އިމްތިހާނުގައި ދަށްވެގެން ތިން މާއްދާއިން "އީ" ފާސް ލިބިފައިވުން ހިމެނެއެވެ. އަދި މާސްޓާސް ޑިގްރީ ކޯހުގެ ޝަރުުތުތަކުގެ ތެރޭގައި ކޯހަށް އެދޭ ދާއިރާއިން ބެޗަލާޒް ޑިގްރީ ހާސިލްކޮށްފައިވުން ހިމެނެއެވެ.

ޑިޕާޓަމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ބުނީ ކޯސްތަކަށް ދަރިވަރުން ހޮވުމުގައި އިސްކަންދޭނީ އެެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުން ކަމަށެވެ.

އެ ސްކޮލަޝިޕްތަކަށް ހޮވޭ ފަރާތްތަކުން އަންނަ އޮގަސްޓް މަހުގެ ތެރޭގައި ކިޔަވަން ފުރަންޖެހުން އެކަށީގެންވާ ކަމަށް ވެސް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.

ހުޅުވާލި ކޯސްތަކަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ.

comment ކޮމެންޓް