އިއްޔެ މެލޭޝިއާގައި ކުރިއަށް ގެންދިޔަ އާންމު އިންތިޚާބުގައި އެގައުމުގެ ރައްޔިތުން އާނ ބަސް ބުނީ އެ ގައުމަށް ތަރައްގީ ގެނެސްދެއްވި ލީޑަރަށް ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
މެލޭޝިއާގެ ތަރައްގީގެ ބާނީގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ޑރ. މަހާރީރަށް އިންތިހާބު ކާމިޔާބު ކުރެވުމާ ގުޅިގެން ޚަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެލޭޝިއާގެ ތާރީޚް ބަދަލުކުރި ވެރިއަކީ ކުރީގެ ބޮޑުވަޒީރު މަހާތީރު ކަމަށެވެ.
"ޕަކަޓާން ހަރަޕަން އަށް ލިބުނު ކާމިޔާބު ބުނެދެނީ ތަރައްގީ ގެނެސްދިން ލީޑަރަށް ރައްޔިތުން ކޮންމެ ވަގުތަކު ވެސް އާނ އެކޭ ބުނާނެކަން،" ޚަލީލް ވިދާޅުވި އެވެ.
ޑރ. ޚަލީލް ވިދާޅުވީ ރާއްޖޭގެ މަލަމަތި ބަދަލުކުރި ތަރައްގީ ގެނެސްދެއްވީ ރައީސް ޔާމީން ކަމަށެވެ.
އިއްޔެ މެލޭޝިއާގައި ކުރިއަށްގެން ދިޔަ އާންމު އިންތިޚާބު އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދުގެ ޕަކަޓާން ހަރަޕަން އިން ވަނީ 122 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މިހާރުގެ ބޮޑުވަޒީރު ނަޖީން ރައްޒާގުގެ ޕާޓީ އަށް ލިބުނީ 79 ގޮނޑި އެވެ. މިއާ އެކު މެލޭޝިޔާގެ މުއްދަތު ހަމަވެފައިވާ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ޔުނައިޓެޑް މެލޭސް ނެޝަނަލް އޮގަނައިޒޭޝަން (އުމްނޯ)ގެ 61 އަހަރުވީ ވެރިކަން ވަނީ ނިމުމަކަށް އައިސްފަ އެވެ.
ނަވާރަސަތޭކަ ފަންސާސް ހަތް ވަނަ އަހަރު އިނގިރޭސިންގެ އަތްދަށުން މެލޭޝިޔާއަށް މިނިވަންކަން ލިބުނީއްސުރެ މެލޭޝިއާގައި ވެރިކަން ކުރަމުން ގެންދަނީ އުމްނޯ އިންނެވެ. ކުރިން މަހާތީރު 22 އަހަރުވަންދެން މެލޭޝިޔާގައި ވެރިކަން ކުރެއްވީ ވެސް އުމްނޯގެ ފަރާތުން އިންތިޚާބަށް ކުރިމަތި ލައްވައިގެންނެވެ.
ސިޔާސީ ހަޔާތުން އަމިއްލައަށް މުސްކުޅިވެ ވަޑައިގެންނެވުމުގެ ކުރިން މަހާތީރަކީ އުމްނޯގެ ރައީސް ވެސް މެ އެވެ. ނަމަވެސް ނަޖީބު ރައްޒާގުގެ މައްޗަށް ތުހުމަތު ކުރެފައިވާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން މަހަތީރު ވަނީ އުމްނޯ އިން ވަކިވެވަޑައިގެން ނަޖީބު ބަލިކުރުމަށް ޓަކައި އަލުން ސިޔާސީ މައިދާނަށް ނުކުންނަވައިފަ އެވެ.