އެއީ ލަދެއް ނޫން، 0-17ގެ ނަތީޖާއަކީ ފޯކައިދުއަށް ފަޚުރެއް!

ފޯކައިދޫން ކުޅުނު ށ. އަތޮޅު ބުރުގެ ފައިނަލް މެޗުގެ ތެރެއިން --- ފޮޓޯ/ ފޯކައިދޫ ލައިވް ސްޕޯޓްސް

"ތިޔަވީ ފޯކައިދުއަށް ވީވަރު،"، "ފޯކައިދުއާ ދެކޮޅަށް ކުޅުނީމަ ތިވަރަށް ގޯލް ޖެހުނީ،" މިއީ ދިވެހި ފުޓުބޯޅައިގައި "މިސާލު" ބަސްތަކެކެވެ. ހަގީގަތުގައި ޓީމެއް ބަލިކޮށްލަން، ނޫނިއްޔާ ފެންވަރު ނެތްކަން ދައްކާލަން ދިވެހި ފުޓްބޯޅައިގައި އެންމެ ގިނައިން ބޭނުން ކުރާނީ "ފޯކައިދޫ"ގެ ނަމެވެ.

"2000ގެ އަހަރުތަކުގެ ތެރޭގައި ދަނޑަށް ވަދެ އިންނަ އިރު، އާއްމުކޮށް ޓީމެއް ކޮޅަށް ތިން ގޯލް، ހަތަރު ގޯލް ޖެހޭ އިރަށް ކައިރީގައި ތިބޭ ރައްޓެހިން ބުނާނެ، އެވަނީ ފޯކައިދުއަށް ވީވަރެއް ނޫންހޭ. ނޭނގޭނެ އަޅުގަނޑަކީ މިއީ ފޯކައިދޫ މީހެއް ކަމެއް. ވަރަށް ގާތް ރައްޓެހިންނަށް އެނގޭނީ ފޯކައިދޫ މީހެއްކަން. ދެން މަލާމާތެއްގެ ގޮތުން އެހެން ބުނާނީ،" ފުޓްބޯޅައަށް އިންތިހާއަށް ލޯބިކުރާ ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު "ސަން ސްޕޯޓްސް"އާ ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

މިއީ އޭރުގެ އެކަނި ކަމެއް ނޫނެވެ. މިއަދުވެސް ހަމަ ޓީމެއް ބަލިވާއިރަށް އެޓީމެއް ވާނީ "ފޯކައިދޫ"އަށެވެ. މަޖާ ކޮށްލުމަށް ނޫނީ ސަމާސާ ކޮށްލުމަށްވެސް ބުނެލާނީ "ތިއީ ހަމަ ފޯކައިދޫ މީހުންނޭ" މިހެންނެވެ.

ފޯކައިދޫ ޓީމުން މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ/ ފޯކައިދޫ ލައިވް ސްޕޯޓްސް

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލަށް ފޯކައިދޫ ފުރަތަމަ ފަހަރަށް ދަތުރުކޮށްފައިވާ އިރު، މިއަދަކީ ފުޓްބޯޅައިގައި ބޮޑު ދުވަހެކެވެ. އަތޮޅު ފުޓުބޯޅައިގެ ރަސްކަން ހޯދުމަށް މިރޭ އޮންނަ ފައިނަލްގައި ފޯކައިދޫ ނުކުންނާނީ ތ. ތިމަރަފުއްޓާ ދެކޮޅަށެވެ. އެހެން ނަމަވެސް މިއީ ފޯކައިދޫ މިގޮތަށް ކުޅެލާ ފުރަތަމަ ފައިނަލެއް ނޫނެވެ. އެރަށުގެ ފުޓުބޯޅަ މާޒީ މިއަށްވުރެ މާ ބޮޑެވެ.

ނަވާރަ ސަތޭކަ އަށްޑިހައިގެ އަހަރުތަކުގައި ފުޓްބޯޅަ ކުޅުމަށް ފުރަ މާލެއަށް އަތޮޅު ތެރޭން އައި މަދު ޓީމުތަކުގެ ތެރޭގައި ފޯކައިދޫ ހިމެނެއެވެ. އޭރުއްސުރެ އަތޮޅު ޗެމްޕިއަންކަން އެތައް ފަހަރެއްގައި ހޯދި ފޯކައިދޫ ވަނީ 2005، 2006 އަދި 2007 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކުޅެފައެވެ.

ޒޯން ލީގުން ދިވެހި ލީގަށް (ފުރަތަމަ ޑިވިޝަނަށް) އަތޮޅު ތެރޭގެ ޓީމުތައް ކޮލިފައިވާ އިރު، 2005 ވަނަ އަހަރާއި 2006 ވަނަ އަހަރުވެސް ފޯކައިދުއަށް ޒޯން ލީގުގެ ރަނަރަޕްކަން ލިބިފައިވާ އިރު، 2007 ވަނަ އަހަރު ފޯކައިދުއަކީ އަތޮޅު ޒޯން މުބާރާތުގެ ޗެމްޕިއަން ޓީމެވެ.

"2005، 2006 އަދި 2007ގައި ވެސް ފުރަތަމަ ޑިވިޝަން ކުޅުނިން. 2008 ވަނަ އަހަރުވެސް ކޮލިފައިވި، އެކަމަކު ދެން ވަރަށް ބޮޑެތި ހަރަދުތަކެއް ކޮށްގެން ކުޅޭތީ މާލީ ހާލަތު ދަށްކަމުން އެ އަހަރު ފުރަތަމަ ޑިވިޝަން ދޫކޮށްލީ. ހުންނާނެ ވަރަށް ރަނގަޅު ނަތީޖާތައްވެސް ނެރެވިފައި،" މިވަގުތު ފޯކައިދޫ ޓީމާއެކު މާލޭގައި ހުންނެވި ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ފޯކައިދޫ ޓީމުން މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ/ ފޯކައިދޫ ލައިވް ސްޕޯޓްސް

މި ހުރިހާ ކާމިޔާބީތަކަކާއެކު އޮތް ފޯކައިދޫ، ދިވެހި ފުޓްބޯޅައިގައި ބަޔަކު ދެރަކޮށް، މިސާލު ޖަހަން ބޭނުން ކުރެވެނީ ކީއްވެތޯ އުފެދޭ ސުވާލުގެ ޖަވާބު ގިނަ ބަޔަކަށް ނޭނގިދާނެއެވެ.

"އެއީ 1989 ވަނަ އަހަރޭ ހަނދާންވަނީ. އޭރު ދެން ކުޅެން އައިސް އުޅޭނީ. އެކަމަކު ބާޒާރު މަތީ ދަމާ ކަނޑަން އުޅެފައި، އެއްޗެއް ނުކައި، މުޅި ގައިގައި ހަކުރާ ފުށާ އޮއްވާ ދާނީ މެޗަށް. ދާއިރު ނުހުންނާނެ ބޫޓެއް އިސްޓާކީނެއް. އެހެން ގޮސް ހިންމަފުއްޓާ ދެކޮޅަށް ފޯކައިދޫ ކުޅުނު މެޗެއްގައި އެމީހުން ޖެހީ 17 ގޯލް. 17-0ގެ ނަތީޖާއަކުން ބަލިވީ. މިއީ ފޯކައިދޫ އެގޮތަށް ބޭނުން ކުރަން ފެށުނު ގޮތަކީ،" ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު، އޭރު ޓީމާއެކު އައި މީހުން އޭނާއަށް ކިޔައިދިން ވާހަކަތައް ހިއްސާކުރެއްވިއެވެ.

އޭރުވެސް މާލެއާ ހަމައަށް ފޯކައިދޫ އަންނަނީ އަތޮޅު ތެރޭގެ ގިނަ ޓީމުތަކެއް ބަލިކޮށްފައެވެ. ހާއްސަކޮށް ފަރަގު ބޮޑު ނަތީޖާތަކެއްވެސް ނެރެފައި އެބަހުއްޓެވެ. މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި އެއް އަހަރެއްގެ ޒޯން މުބާރާތުގައި ފޯކައިދޫން ށ. ކަނޑިތީމު ކޮޅަށް 34 ގޯލް ޖަހައި، ފޯކައިދޫން 34-0ގެ ނަތީޖާއަކުން ކަނޑިތީމު ބަލިކުރިއެވެ. އެ މެޗުގައި 14 ގޯލް ޖެހި ރަޝީދަކީ އަދިވެސް ފޯކައިދޫ ފުޓްބޯޅައިގެ ލެޖެންޑެއް ކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ކޮންމެއަކަސް 17-0ގެ ބައްޔަކީ ފޯކައިދޫގެ ނަން ދިވެހި ފުޓްބޯޅައިގައި ހިއްޕާލި ނަތީޖާއެކެވެ. މީހުން އެ ބޭނުން ކުރަނީ މަލާމާތަކަށް ނަމަވެސް، ފޯކައިދޫ ޓީމު މިއަދު ބްރޭންޑްވެފައިވާ ނަމަކީ "17-0"އެވެ.

"މިހާރު ފޯކައިދޫ ޓީމަކީ 'ޓީމު 17-0'. ރަށުގެ ސަޕޯޓަރުންވެސް ގޮވާނެ ސާބަހޭ '17-0'. އެ ނަމަކީ މިހާރު ޓީމުގެ ހިތްވަރު. ޓީމުގެ ލަގަބެއް އެއީ. ރަށުގެ ފަހުރެއް އަސްލު '17-0' އެއީ،" ކައުންސިލް ރައީސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ފޯކައިދޫ ޓީމުން މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ/ ފޯކައިދޫ ލައިވް ސްޕޯޓްސް

'ޓީމު 17-0' މިއީ މިހާރު ފޯކައިދުއެވެ. ރަށުގެ ފުޓްބޯޅައިގެ ހިތްވަރެވެ. ރަށުގެ އެންމެންވެސް އެ ނަމުން ޓީމަށް މުހާތަބުކުރަނީ ފަހުރާއެކުގައެވެ. އެންމެ ކުޑަމިނުން ޓީމުގެ ވައިބާ ގްރޫޕްގެ ނަމަކީވެސް '17-0'އެވެ. މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލާ ހަމައަށް މިފަހަރުވެސް ފޯކައިދޫ އައިސްފައިވާ އިރު، ޓީމުގެ ލަގަބަކީ ހަމަ '17-0'އެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި ފޯކައިދޫއަކީ ޓީމެއް ދަށްކޮށްލަން ބޭނުންކުރާ "މިސާލު ބަހެއް" ނަމަވެސް، މިހާރު އެއީ، އެހެން މީހުންނަށް ހިތްވަރާއެކު ކުރިއަށް ދިއުމަށް ނަމޫނާ ދައްކައިދޭ މިސާލެކެވެ. އެ ރަށުގެ މީހުންނަށް ޓީމާ މެދު ފަހުރުވެރިވާ ނާތީޖާއަކީ މިއަދު '17-0'އެވެ. ފޯކައިދޫން ފުޓްބޯޅައިގެ ތާރީހު އިޔާދަކުރަމުންދާ އިރު، އެ ނަތީޖާއަކީ ޓީމުގެ ހިތްވަރުގެ ބޮޑު ސިއްރެވެ.

comment ކޮމެންޓް