އިސްލާމިކް ބޭންކުން އާންމުންނަށް ހިއްސާ ވިއްކުމާ ދިމާލަށް!

މޯލްޑިވްސް އިސްލާމިކް ބޭންކް -- ސަން ފޮޓޯ/މާހިލް މުހައްމަދު

މޯލްޑިވްސް އިސްލާމިކް ބޭންކުން އާންމުނަށް ހިއްސާ ވިއްކުމަށްޓަކައި މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އެ ބޭންކުން ބުނެފިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ އެ ބޭންކުގެ ހިއްސާ ދިވެހީންނަށް ވިއްކުމާ ބެހޭގޮތުން ބޭންކުގެ ބޯޑުގައި މަޝްވަރާތައް ކުރިއަށް ދާ ކަމަށެވެ.

އަދި މަޝްވަރާތައް ނިމުމުން އެކަމާ ގުޅޭ މައުލޫމާތު އާންމުންނާ ހިއްސާކުރާނެކަމަށް ވިދާޅުވިއެވެ.

ރޭ އިސްލާމިކް ބޭންކްގެ މޯބައިލް ބޭންކިންގް އެޕްލިކޭޝަން ތައާރަފުކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހްމަދު ނަސީރު ވިދާޅުވީ، އިނީޝަލް ޕަބްލިކް އޮފަރިންގް (އައިޕީއޯ)އެއްގެ ޒަރިއްޔާއިން ހިއްސާ ވިއްކުމުގެ ކަންކަން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޚަބަރު ލިބިވަޑައިގެންފައި ވާ ކަމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރުވެސް ވަނީ ދިވެހީންނަށް ހިއްސާ ވިއްކައިގެން ނަމަވެސް މޯލްޑިވްސް އިސްލާމިކް ބޭންކުގައި ދިވެހީންނާއި ދިވެހިރާއްޖޭގެ ހިއްސާ އިތުރުކުރަން ސަރުކާރުން ބޭނުންވާކަން ހާމަކުރައްވާފައެވެ.

https://sun.mv/89121

މޯލްޑިވްސް އިސްލާމިކް ބޭންކް އުފެއްދީ އިސްްލާމިކް ކޯޕަރޭޝަން ފޯ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ)ގެ 85 ޕަސަންޓު ހިއްސާ، އަދި ދިވެހި ސަރުކާރުގެ 15 ޕަސަންޓު ހިއްސާއާ އެކުގައެވެ.

ނަމަވެސް 2016 ވަނަ އަހަރު އަމާނާ ތަކާފުލް މޯލްޑިވްސްއިން ވަނީ އައިސީޑީގެ އަތުން އެމްއައިބީގެ ފަސް ޕަސަންޓު ހިއްސާ ގަނެފައެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި ދިވެހި ސަރުކާރުންވެސް ވަނީ އެމްއައިބީގެ އިތުރު 10 ޕަސަންޓު ހިއްސާ ގަނެފައެވެ.

މިހާރު އިސްލާމިކް ބޭންކުގެ ހިއްސާ ބެހިފައިވާ ގޮތަކީ، އައިސީޑީގެ 70 ޕަސެންޓް ހިއްސާ، ސަރުކާރުގެ 25 ޕަސެންޓްގެ ހިއްސާގެ އިތުރުން އަމާނަތަކަފުލް އިން ފަސް ޕަސެންޓް ހިއްސާ ވާގޮތަށެވެ.

comment ކޮމެންޓް