ސީރިއާ އަސްކަރިއްޔާގެ ހަތިޔާރު ގުދަނަކަށް އަމާޒުކޮށް އިސްރާއީލުން ހަމަލާއެއްދިން ކަމަށް ބުނެފި

ސަނާ ނޫހުގައިވާ ގޮތުން ސީރިއާގެ އަސްކަރިއްޔާއިން ވަނީ އިސްރާއީލުން ފޮނުވާލި ދެ މިސައިލެއް ވައްޓާލާފައި -- ފޮޓޯ: އޭއެފްޕީ

ދިމިޝްގު (މޭ 9): ސީރިއާގެ ދިމިޝްގުގައި އެގައުމުގެ އަސްކަރިއްޔާއިން ކޮންޓްރޯލުކުރާ ސަރަހައްދަކަށް އަމާޒުކޮށް އިސްރާއީލުން ހަމަލާއެއް ދިން ކަމަށް ސީރިއާގެ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.

ސަނާ ނޫހުގައިވާ ގޮތުން ސީރިއާގެ އެއާ ޑިފެންސެސް އިން އިއްޔެ ވަނީ އިސްރާއީލުން ފޮނުވި ދެ މިސައިލެއް ވައްޓާލައިފައެވެ. އެނޫހުގައިވާ ގޮތުން އެހާދިސާގައި އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.

ނަމަވެސް ސީރިއާގެ ހަނގުރާމަ މޮނިޓާ ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނި ގޮތުގައި އެމިސައިލްތަކުގެ ސަބަބުން ނުވަ މީހަކު މަރުވިއެވެ. އޭގެ ތެރޭގައި އިރާނިއަން ރިވޮލިއުޝަނަރީ ގާޑުގެ މެމްބަރުންވެސް ހިމެނޭ ކަމަށާއި އެހަމަލާ އަމާޒު ކޮށްފައި ވަނީ ސީރިއާ އަސްކަރިއްޔާގެ ހަތިޔާރު ރައްކާ ކުރާ ގުދަނަކަށް ކަމަށް އެއޮބްޒަވޭޓަރީން ބުންޏެވެ.

ސަނާ ނޫހުގެ އެރިޕޯޓާ ބެހޭ ގޮތުން އިސްރާއީލުން އަދި ވަކި އެއްޗެކޭ ނުބުނެއެވެ. ނަމަވެސް މީގެ ކުރިން އެގައުމުން ވަނީ، ސީރިއާގައި އީރާން އަސްކަރިއްޔާއިން ބާރުގަދަ ކުރުން ހުއްޓުވާނެ ކަމަށް ބުނެފައެވެ.

ސީރިއާގެ ހަތް އަހަރުވީ ހަނގުރާމައިގައި އީރާނުން ވަނީ ސީރިއާ ސަރުކާރުގެ ފައުޖުތަކަށް އަސްކަރީ އެހީ ފޯރުކޮށްދީފައެވެ. އަދި އީރާނުން ދަނީ ސީރިއާގައި ދާއިމީ އަސްކަރީ މަރުކަޒެއް ބިނާ ކުރަމުން ކަމަށް ހުޅަނގުގެ ޖާސޫސީ އިދާރާއަކާ ހަވާލާދީ ބީބީސީން ވަނީ މިދިޔަ އަހަރު ރިޕޯޓުކޮށްފައެވެ. (ބީބީސީ)

comment ކޮމެންޓް