ލުބްނާންގެ އިންތިހާބު ހިޒްބުﷲ ކޯލިޝަނުން ކާމިޔާބުކޮށްފި

އިންތިހާބުގެ ނަތީޖާއަށް ފަހު ހިޒްބުﷲގެ ސަޕޯޓަރުން އުފާފާޅުކުރަނީ-- ފޮޓޯ: ރޮއިޓާސް

ބެއިރޫތު (08 މޭ): ނުވަ އަހަރަށް ފަހު ލުބްނާނުުގައި ބޭއްވި ޕާލިމަންޓު އިންތިހާބު ހިޒްބުﷲ ކޯލިޝަނުން ކާމިޔާބީކޮށްފި އެވެ.

ހިޒްބުﷲ ހިމެނޭ ކޯލިޝަން ޕާޓީތަކުގެ ތެރޭގައި އަމާލް މޫވްމަންޓާއި ލުބްނާނުގެ ކްރިސްޓިއަން ޕާޓީ ކްރިސްޓިއަން ފްރީ ޕެޓްރިއޯޓިކް މޫވްމަންޓް ހިމެނެ އެވެ. ލުބްނާނުގެ ޕާލިމަންޓުގައި ހިމެނޭ 128 ގޮނޑީގެ ތެރެއިން 67 ގޮނޑި ހިޒްބުﷲ ކޯލިޝަނުން ވަނީ ކާމިޔާބުކޮށްފަ އެވެ.

ލުބްނާނުގައި ދިރިއުޅޭ ކްރިސްޓިއަން ދީނާއި އިސްލާމްދީންގެ އެކި މަޒްހަބުތަކުގެ މީހުން "ރެޕްރެޒެންޓު" ކޮށްދިނުމުގެ ގޮތުން އެގައުމުގެ ޕާލިމަންޓްގެ ބާރުތައް އޮންނަނީ ބަހައިފަ އެވެ. އެގޮތުން ބޮޑުވަޒީރަކަށް ސުންނީ މުސްލިމަކު ހުންނަން ޖެހޭ އިރު ރައީސްއަކަށް ހުންނަން ޖެހޭނީ ކްރިސްޓައިން ދީނުގެ މެރޮނައިޓް މަޒްހަބްގެ ބޭފުޅެކެވެ. އަދި ޕާލިމަންޓް ސްޕީކަރަކަށް ހުންނަން ޖެހޭނީ ޝީއާ މަޒްހަބްގެ ބޭފުޅެކެވެ.

ލުބްނާނުގެ ޕާލިމަންޓްގައި ހިމެނޭ 128 ގޮނޑީގެ ތެރެއިން ދެބައިކުޅަ އެއްބައި މުސްލިމުންނަށް ހާއްސަކޮށްފައިވާ އިރު އަނެއް ދެބައިކުޅައެއްބައި ހާއްސަކޮށްފައި ވަނީ ކްރިސްޓިއަނުންނަށެވެ.

މިފަހަރުގެ އިންތިހާބުގައި ވޯޓުލީ މީހުންގެ އަދަދު 2009 ވަނަ އަހަރު އިންތިހާބުގައި ވޯޓުލީ މީހުންނަށް ވުރެ ދަށެވެ. އެގޮތުން 2009 ވަނަ އަހަރު 54 ޕަސެންޓް މީހުން ވޯޓުލި އިރު، މިފަހަރު ވޯޓުލާފައި ވަނީ 49،2 ޕަސެންޓް މީހުންނެވެ.

މިފަހަރުގެ އިންތިހާބުގައި ލުބްނާނުގެ މިހާރުގެ ބޮޑުވަޒީރު ސާދް އަލް ހަރީރީގެ ޕާޓީއަށް ވަނީ ބޮޑުނާކިޔާބީއަކާ ކުރިމަތިވެފަ އެވެ. އެންމެ ފަހުން ބޭއްވި އިންތިހާބުގައި 33 ގޮނޑި ހަރިީރީގެ ޕާޓީން ކާމިޔާބުކުރި ނަމަވެސް މިފަހަރުގެ އިންތިހާބުގައި ހަރީރީއަށް ކާމިޔާބުކުރެވިފައި ވަނީ އެންމެ 21 ގޮނޑި އެވެ.

މަސްދަރު: އަލްޖަޒީރާ

comment ކޮމެންޓް