ރައީސުލް ޖުމުހުރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހާއްލު ބެއްލެވުމަށް އެ ރައްޔިތުން ދިރިއުޅޭ ގެތަކަށް ޒިޔާރަތް ކުރަން ފައްޓަވައިފިއެވެ.
މެޑަމް ކުރިއަށް ގެންދާ އެންމެ ގާތުން ކެމްޕެއިންގެ ދަށުން އަތޮޅު ތަކަށް ކުރައްވާ ޒިޔާރަތްތަކުގެ އިތުރުން މިއަދު މާލޭގައިވެސް އެ މަސައްކަތް ފަށައި އެންމެ ފުރަތަމަ ވަޑައިގަތީ މައްޗަން ގޮޅީގެ ބައެއް ގެތަކަށެވެ.
އެ ގެތަކަށް މިއަދު މެންދުރުފަހު ވަޑައިގެން މެޑަމް ފާތުން ވަނީ އެ ގޭގޭގައި އުޅޭ ރައްޔިތުންނާ ބައްދަލުކޮށް ހާލު އޮޅުން ފިލުއްވާފައެވެ. އަދި އެ ރައްޔިތުންނަށް ސަދަގާތު ފައުންޑޭޝަންގެ ފަރާތުން ހަދިޔާވެސް ވަނީ ދެއްވާފައެވެ.

މެޑަމް ފާތިމަތު އިބްރަހިމް މައްޗަން ގޯޅީގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުން--ފޮޓޯ/ މީސް މީޑިއާ
ރައީސް އޮފީހުގެ ތަރުޖަމާން އަދި ސޮދަގާތު ފައުންޑޭޝަންގެ އިސްބޭފުޅެއް ކަމަށްވާ އިބްރާހިމް މުއާޒު އަލީ ވިދާޅުވީ މި ކެމްޕެއިންގެ ތެރެއިން ކުރިއަށް އޮތްތަނުގައި މާލޭގެ އެކި ހިސާބުތަކަށް މެޑަމް ޒިޔާރަތްކޮށް ރައްޔިތުންނާއި ވިހާވެސް ގާތުން ކަންކަން ބެއްލެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
މެޑަމް ފާތުން މިއަދު މާލޭގެ ރައްޔިތުންނާ ބައްދަލު ކުރަން ފެއްޓެވި އިރު އެކަމަނާ ވަނީ ދާދި ފަހުން ފުވައްމުލަކު ސިޓީ އަށް ވަޑައިގެން ރައޔްިތުންނާ ބައްދަލުކުރައްވާފައެވެ.