އެޗްޑީއެފްސީގެ ހިއްސާއަކަށް 22 ރުފިޔާ ބަހަން ފާސްކޮށްފި

އެޗްޑީއެފްސީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ފޮޓޯ/ އެޗްޑީއެފްސީ

ހައުސިންގް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 22 ރުފިޔާ ބެހުމަށް ފާސްކޮށްފި އެވެ.

އެޗްޑީއެފްސީގެ 14 ވަނަ އަހަރީ އާންމު ޖަލްސާ މިދިޔަ ހުކުރު ދުވަހު ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)ގައި ވަނީ ބާއްވައިފަ އެވެ.

އެޗްޑީއެފްސީއަށް 2017 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 81.2 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ. އެއީ އެ ކުންފުނީގެ ތާރީޚުގައި މިހާތަނަށް ހޯދި އެންމެ ބޮޑު ފައިދާ އެވެ.

އެޗްޑީއެފްސީން ނިންމީ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 22 ރުފިޔާ ބެހުމަށެވެ.

މީގެ އިތުރުން އެކުންފުނީގެ އެކްސްޓާނަލް އޮޑިޓަރުންގެ ގޮތުގައި ޕްރައިސްވޯޓާ ހައުސް އެންޑް ކޫޕާސްވެސް ވަނީ އަހަރީ އާންމު ޖަލްސާގައި ހަމަޖައްސައިފަ އެވެ.

އެޗްޑީއެފްސީއަކީ ހައުސިން ސުކީމުތަކަށް ލޯނު ނުވަތަ ފެސިލިޓީ ޕްރޮޑަކްޓްތަކެއް ދޫކުރާ ކުންފުންޏަކަށްވާ އިރު، އެކުންފުނީގެ ޕްރޮޑަކްޓްތައް ދޫކުރަނީ ދެ އުސޫލަކުންނެވެ. އެއީ ކޮންވެންޝަނަލް އުސޫލުގެ އިތުރުން އެޗްޑީއެފްސީ އަމްނާގެ ދަށުން އިސްލާމީ ޝަރީޢާ ހުއްދަކުރާ އުސޫލުންނެވެ.

އެޗްޑީއެފްސީއަކީ، 2004 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ގަރާރެއްގެ ދަށުން، ވޯލްޑް ބޭންކުގެ އެހީތެރިކަމާ އެކު އުފެއްދި ކުންފުންޏެކެވެ. އެކުންފުނި ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، ކުންފުނީގެ 51 ޕަސަންޓު ހިއްސާ ބޭރުގެ ބައެއް ފަރާތްތަކަށް ވިއްކާލާފައި ވަނީ 2008 ވަނަ އަހަރު އެވެ.

އެޗްޑީއެފްސީގެ 51 ޕަސަންޓު ހިއްސާގެ ވެރި ފަރާތްތަކަކީ، 18 ޕަސަންޓު ހިއްސާ އޮންނަ އިސްލާމިކް ފައިނެންސް ކޯޕަރޭޝަނާއި 18 ޕަސަންޓު ހިއްސާ އޮންނަ އޭޝިއަން ޑިވެލޮޕްމެންޓް ބެންކުގެ އިތުރުން، 15 ޕަސަންޓު ހިއްސާގެ ވެރި، އިންޑިއާގެ އެޗްޑީއެފްސީ އިންވެސްޓްމެންޓެވެ.

comment ކޮމެންޓް